ޒަމާނީ ގިނަ ފަސޭހަތަކާއި ބާޒާރުކުރާ މީހުން އެދޭ ފަދަ ގިނަ ބަދަލުތަކާ އެކު މާލެ ސަރަހައްދުގައި މުޅިން އާ ސުޕަމާކެޓެއް ހުޅުވަން އަންނަނީ ތައްޔާރުވަމުން
ދިވެހި 'ސުޕަމާކެޓުތައް': ޒަމާނީ ވައްޓަފާޅި އެބަހުރިތަ؟
ރާއްޖޭގައި ސުޕަމާކެޓްއޭ ކިޔަސް ހަގީގަތުގައި ގިނަ ތަންތަނަކީ ގްރޯސަރީ ސްޓޯރުތަކެކޭ ބުނެވިދާނެ އެވެ. މިދިޔަ 40-50 ވަރަކަށް އަހަރުގެ ތެރޭގައި ތަފާތު އެކި ނަންނަމުގައި ސުޕަމާކެޓްއޭ ކިޔާ ފަދަ ތަންތަން ރާއްޖެއަށް އައިސް ހިނގައްޖެ އެވެ.
ނަމަވެސް މި ދިގު މުއްދަތުގެ ތެރޭގައި އަދިވެސް މާ ބޮޑު ތަފާތެއް ގިނަ ތަންތަނުން ފެންނާކަށް ނެތޭ ވެސް ބުނެވިދާނެ އެވެ. އެ ހިސާބުން އުފެދޭ ސުވާލެއް ވެސް އެބަ އޮތެވެ. މި ފެންނަނީ ހަމަ ހަގީގަތުގައި ވެސް ސުޕަމާކެޓް ހެއްޔެވެ؟ ނުވަތަ 'ސުޕަ' ކަންމަތީ ފިހާރަތަކެއް ހެއްޔެވެ.
ސުޕަމާޓުތަކުގެ ފެށުން
އެންމެ ކުރިން ހުޅުވި ސުޕަމާކެޓުތައް ހުންނަ ގޮތް އަހާލުމުން ކޮންމެ މީހަކު ވެސް ދެނީ ގާތްގަނޑަކަށް އެއް ޖަވާބެކެވެ.
އެއީ ނަމުގެ ފަހަތަށް ފިހާރަ، އިސްޓޯރު، ޕްލާޒާ ނުވަތަ މާޓު ކަހަލަ ނަންނަމުގައި ހުޅުވި ފިހާރަތަކެކެވެ. ހުންނަނީ އޭސީކޮށްފަ އެވެ. ކަންމަތީ ފިހާރަތަކަށް ވުރެ ސައިޒުން ބޮޑުވެފައި އެއް ފުރާޅެއްގެ ދަށުން ވަރަށް ގިނަ ބާވަތްތަކުގެ މުދާ ގަންނަން ލިބެ އެވެ.
އާދައިގެ ފިހާރަތަކުގައި ސީލިންއާ ހަމައަށް މުދާ ބަރިޖަހާ ގޮތަށް ނުޖަހައި ހުންނަނީ ރެކުތަކަށް ލުމަށް ފަހު ތަރުތީބުކޮށްފަ އެވެ. ސޭޓު ކައިރީ ނޭހިޔަސް ގަންނަން ބޭނުންވާ އެއްޗެއް އަމިއްލައަށް ވެސް ހޯދާލެވެ އެވެ.
މިއީ ރަނގަޅުކުރެވޭނެ ކަންކަން
ސުޕަމާކެޓު ނުވަތަ މާޓުތަކާ އެކު ބާޒާރުކޮށްލަން (ވަކިން ހާއްސަކޮށް ހަފްތާއެއް ނުވަތަ މަހެއްގެ ޝޮޕިން އެއްފަހަރާ ކުރާ މީހުންނަށް) ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބުނެވެ. ހަގީގަތުގައި ބޮޑުވީ ފިހާރައިގެ ސައިޒެވެ. ނަމަވެސް ކަސްޓަމަރުންނަށް އެކަމުން ވީ މާ ބޮޑު ފަސޭހައެއް ނެތެވެ. ޖާގައިގެ ބޭނުން ވީހާވެސް ބޮޑަށް ކުރުމަށްޓަކައި ގިނަކުރީ ރެކުތަކުގެ އަދަދެވެ. އޭގެ ސަބަބުން ދެ ރެކު ދޭތެރޭ ހިނގަން އޮންނަ ޖާގަ އާއި ކަންމަތީ ފިހާރައިން ލިބޭ ޖާގައެކޭ މާ ބޮޑު ތަފާތެއް ނުހުރެ އެވެ.
މުދާ ރެކުތަކުގެ އަދަދު ގިނަވެގެން ގޮސް މެނޭޖުކުރަން އުނދަގޫވެގެން އުޅޭ މަންޒަރު ވެސް ބައެއް ތަންތަނުން ފެނެ އެވެ. މުދަލެއް ހުސްވުމުން ރީސްޓޮކް ނުކުރެވި، ޖެހިގެން ހުރި ރެކުތަކުން މުދާ ގެނެސް އެޅުމަކީ ބައެއް ތަންތަނުން މިހާރު ވެސް ފެންނަން ހުރި ކަންކަމެވެ.
ގިނަވީ ސޭލްސް ކައުންޓަރުތަކެވެ. ނަމަވެސް ގިނަ ކައުންޓަރުތަކުގައި ހިދުމަތްދޭނެ މުވައްޒަފުން ނެތި، ދިގުވީ އެއް ކައުންޓަރެއްގެ ދޮށަށް ދަމާލި ކިޔޫތަކެވެ. އިތުރުވީ ހިދުމަތް ލިބިގަންނަން ކަސްޓަމަރުން ހޭދަކުރަން ޖެހޭ ވަގުތެވެ. ޗެކްއައުޓް ޕްރޮސެސް ވީހާ ވެސް ހަލުވި ކުރުމަކީ ޒަމާނީ ސުޕަމާކެޓެއްގައި އެންމެ މުހިންމު އެއް ސިފަކަން ވިސްނިފައެއް ނެތެވެ.
ބޭރު ގައުމުތަކުގެ ސުޕަމާކެޓުތަކުގައި އެކި ފާޑުފާޑުގެ ސޭލްތަކަކީ އާންމު ކަމެކެވެ. ކޮންމެވެސް ޕްރޮޑަކްޓަކަށް އަމާޒުކޮށް އަބަދުވެސް ކޮންމެވެސް ކަހަލަ ޕްރޮމޯޝަނެއް އަޅުވަ އެވެ. އެކަމަކު ދިވެހިންނަށް އޮތީ 'ހުސްކުރާ ސޭލް'، 'ރޯދަ ޕްރޮމޯޝަން' ނުވަތަ 'ނިއު އިޔާ ޕްރޮމޯޝަން'ތައް އެކަންޏެވެ. ބޮޑު ސްޓޮކެއްގެ އެކްސްޕަޔަރީ ޑޭޓު ހަމަވާން ގާތްވާއިރު ނުވިކި ހުރެއްޖެ ނަމަ ނޫނީ ވަކި ބްރޭންޑްތަކަށް ނުވަތަ ޕްރޮޑަކްޓްތަކަށް ހާއްސަކޮށްގެން ސޭލެއް ފެންނަނީ މަދު ފަހަރެއްގަ އެވެ.
ދެން އޮތީ ޒަމާނީ ޓެކްނޮލޮޖީއާ ބީރައްޓެހި ކަމުގެ ވާހަކަ އެވެ. ހަމައެކަނި ކާޑު މެޝިނެއް ބަހައްޓައިގެން އެއީ ވަރަށް ޒަމާނީ ހިދުމަތެކޭ ބުނާ ޒަމާން ފާއިތުވެ ހިނގައްޖެ އެވެ.
ސްމާޓްފޯނުގެ ބޭނުން އާންމުވެފައިވާ މިފަދަ ޒަމާނެއްގައި މޮބައިލް އެޕްލިކޭޝަންތައް ބޭނުންކުރަނީ ކިތައް ސުޕަމާކެޓުތަކުން ހެއްޔެވެ؟ މިއީ ދެކޮޅަށް ވެސް ފަސޭހަތަކެއް ލިބޭ ކަމެކެވެ. ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމްތައް ހިންގުމާއި ކަސްޓަމަރުންގެ ވިޔަފާރި ކުރުމުގެ ޕެޓާން ދެނެގަނެވޭ ކަމެކެވެ. މޮބައިލް އެޕްލިކޭޝަނެއްގެ ސަބަބުން ގޭގައި ތިބެ ބާޒާރުކޮށްލުމުގެ އިތުރުން ޕްރޮޑަކްޓްތަކުގެ ސްޓޮކް ހުރި ކަމާއި ނެތްކަން ވެސް ކަސްޓަމަރުންނަށް ބަލައިލެވެ އެވެ.
މި މައްސަލަތަކުގެ ހައްލު: 'ޗީޕް، ޗޮއިސަސް، ކޮންވީނިއެންޓް'
'އަގުހެޔޮ، ގިނަ ބާވަތްތައް އަދި ލުއިފަސޭހަ' މި ތިން ބަހުގައި ހިފަހައްޓައިފި ނަމަ އެއީ ސަތޭކައިގެ ސުޕަމާކެޓެކޭ ބުނެވިދާނެ އެވެ. އެއް ފުރާޅެއްގެ ދަށުން ކޮލެޓީ ރަނގަޅު، އެކި ބާވަތްތަކުގެ ތަފާތު މުދާ ޖުމްލަކޮށް ހެޔޮ އަގުތަކެއްގައި ގަންނަން ލިބެން ހުރުމާ އެކު ކަސްޓަމަރުން ބޭނުންވާ ކަހަލަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވުމަކީ ހަމަގައިމު ވެސް ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.
ސީދާ މި ތިން ބަހުގެ ކޮންސެޕްޓުގެ ދަށުން، ތަފާތު ވައްތަރުގެ ގިނަ މުދާ އަގުހެޔޮކޮށް، ރަނގަޅު ހިދުމަތަކާ އެކީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ އަމާޒުގައި ވަރަށް ކައިރި މުސްތަގްބަލެއްގައި ރާއްޖޭގައި ސުޕަމާކެޓެއް އެބަ ހުޅުވަ އެވެ. ލޮކޭޝަނާއި ތަނުގެ ނަމާއި އިތުރު މައުލޫމާތު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް އެނގޭނެ އެވެ. ސުޕަމާކެޓުތަކުން މަދުވާ ގިނަ ކަންކަން ފުރިހަމަވުމަށް ދެން އޮތީ ވަރަށް ކުޑަ އިންތިޒާރެކެވެ.
ކޮމެންޓް (1)
މަރީ