16 މެއި 2024: ޓްރީޓޮޕް ހޮސްޕިޓަލް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ގޭގައި ހުރެގެން ހެދޭ ޑަޔަލިސިސްގެ ފަރުވާ ޓްރީޓޮޕުން ފަށަނީ

އެ ހިދުމަތް ފަށާނީ މި މަހު 25 އިން 28 އަށް އެ ހޮސްޕިޓަލުގައި ފަރުވަދޭން ޒިޔާރަތްކުރާ ޑރ. އިވާން އާ އެކު
19 ނޮވެމްބަރު 2024

ކުޑަކަމުދާނިޒާމުގެ ބަލިތަކާއި ޔޫރޮލޮޖީ ޓްރާންސްޕްލާންޓް އަދި ޕެރިޓޯނިއެލް ޑަޔަލިސިސް (ގޭގައި ހުރެގެން ހެދޭ ޑަޔަލިސިސް) ފަރުވާގެ މާހިރެއް ކަމަށްވާ ޑރ. އިވާން ނެރެޓްޔަކް ޓްރީޓޮޕް ހޮސްޕިޓަލަށް ޒިޔާރަތެއްކޮށް ބަލި މީހުން ބަލައި އެ ފަރުވާ ތައާރަފްކުރަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެކަމާ ގުޅޭގޮތުން ޓްރީޓޮޕުން ބުނީ މި މަހު 25 އިން 28 އަށް ޑރ. އިވާން އެ ހޮސްޕިޓަލުގައި ބަލި މީހުން ބަލާނެ ކަމަށެވެ.

ތަފްސީލް - ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މިފަރުވާ ތަޢާރަފް ކުރުމުގެ ގޮތުން ޑރ. އިވާން އާއި އެ ހޮސްޕިޓަލްގެ ނެފްރޮލޮޖީ ޓީމުން ޑަޔަލިސިސް ފަރުވާ ހޯދާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން: 

  • ހިލޭ ކައުންސެލިން ދޭނެ

  • ޕެރިޓޯނިއަލް ޑަޔަލިސިސްއަށްބޭނުންވާ ކެތީޓާ ހޮޅި ލެއްވުމާއި ބަލިމީހާއަށް ގޭގައި ހުރެގެން މިކަން ކުރާނެ ގޮތުގެ އިރުޝާދު ވެސް ދޭނެ

ކުޑަކަމުދާނިޒާމުގެ ބަލިތަކާއި ޔޫރޮލޮޖީ ޓްރާންސްޕްލާންޓް ފަރުވާގެ ޑޮކްޓަރެއް ކަމައްވާ ޑރ. އިވާން ނެރެޓްޔަކް

ޕެރިޓޯނިއެލް ޑަޔަލިސިސް ހިދުމަތަކީ ކޮބާ؟ 

 ޕެރިޓޯނިއެލް ޑަޔަލިސިސް އަކީ ބަނޑުގައި ހުންނަ "ޕެރިޓޯނިއެލް ލައިނިންގް" ކިޔާ ފަށަލައިގެ ބޭނުންހިފައިގެން ފަސޭހައިން ހޮސްޕިޓަލަށް ނައިސް ހޯދޭ ޑަޔަލިސިސް ފަރުވާއެކެވެ. މިގޮތުން:

 އެކަމުގެ ސަބަބުން ހޮސްޕިޓަލަށް ދިއުމަށް ހޭދަވާ ހަރަދާއި ވަގުތު ކުޑަކުރެވެ އެވެ. ހާއްސަކޮށް ރާއްޖޭގެ އެކި ރަށްތަކުގައި ދިރިއުޅޭ ޑަޔަލިސިސް ފަރުވާ ހޯދާ ފަރާތްތަކަށް މީގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

  • ބަލިމީހާއަށް ފަސޭހަ ތަނެއްގައި ހުރެގެން، ހޮސްޕިޓަލަށް ނައިސް އަމިއްލަޔަށް މި ފަރުވާ ދެވޭނެ

  • އެކަމުގެ ސަބަބުން ހޮސްޕިޓަލަށް ދިއުމަށް ހޭދަވާ ހަރަދާއި ވަގުތު ކުޑަވެ ރާއްޖޭގެ އެކި ރަށްތަކުގައި ދިރިއުޅޭ ޑަޔަލިސިސް ފަރުވާ ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ

  • އެމްއެންޑީއެފާއި ޕޮލިސް އަދި އަމިއްލަ އިންޝިއުރަންސް ކުންފުނިތަކުން އެ ހިދުމަތާ ގުޅުންހުރި ހުރިހާ ކަމަކަށް ފުރިހަމަ ހަރަދު ހަމަޖައްސައިދޭނެ ކަން ކަށަވަރުކޮށްދީފައިވާ ކަމަށް

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ޕެރިޓޯނިއެލް ޑަޔަލިސިސް ހެދުމަށް ބޭނުންވާ ފަރާތްތަކުން ހިލޭ ކައުންސެލިންގްއަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޯލް ސެންޓަރު 3351610 އަށް ގުޅައިގެން ނުވަތަ care@treetophospital.com އަށް އީމެއިލް ކޮށްގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން:

  • ކައުންސެލިންގް ސެޝަންތަކުން މިހާރު ވެސް ޑައިލިސިސް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި ކިޑްނީ ފެއިލްވެފައިވީ ނަމަވެސް އަދި ޑައިލިސިސް ފަރުވާ ނުފަށައި، އެކިއެކި ފަރުވާތައް ދިރާސާކުރަމުންދާ ފަރާތްތަކަށް ބޭނުންތެރި މައުލޫމާތު ލިބިގެންދާނެ ކަމަށް

  • މިސެޝަންތަކުގެ ތާރީހުތައް ކަނޑައަޅާނީ، އިތުރު މައުލޫމާތު ހޯދުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާ މަޝްވަރާކޮށް، އެއްބަސްވެވޭގޮތެއްގެ މަތިން ކަމަށް

ފާހަގަކޮށްލެވޭ - މިހާތަނަށް ރާއްޖޭގައި ކިޑްނީ ފެއިލްވެފައިވާ ބަލިމީހުންނަށް ލިބެން އޮތީ ހަމައެކަނި ހީމޯޑަޔަލިސިސް ފަރުވާ އެވެ. މިއީ ވަކި ހާއްސަ ތަނެއްގައި، ނުވަތަ ހޮސްޕިޓަލުގައި ކުރަންޖެހޭ ފަރުވާއެކެވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް