ބީއެމްއެލްއިން މިއަދު ތައާރަފްކުރި މާސްޓާ ޕްރިޕެއިޑް ކާޑް: މިއީ ވިޔަފާރިތަކަށް ހާއްސަކޮށް ދޫކުރާ ކާޑެއް (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން ވިޔަފާރިތަކަށް ފަސޭހަކަން ލިބޭ މާސްޓަ ކާޑެއް ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިޔަފާރިތަކަށް ހާއްސަކޮށް ޕްރިޕެއިޑް މާސްޓަ ކާޑެއް ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - ވިޔަފާރިތަކަށް ހާއްސަ 'މާސްޓަ ކާޑް ބިޒްނަސް ޕްރިޕެއިޑް ކާޑް' ތައާރަފްކުރަން ހޮޓަލް ޖެންގައި މިއަދު ބީއެމްއެލްއިން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްއިން ބުނި ގޮތުގައި އެ ކާޑް ހާއްސަކޮށްފައި ވަނީ ވިޔަފާރިތަކުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ކުދިކުދި ހަރަދުތައް ފަސޭހައިން ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
ތަފްސީލް - ޕްރިޕެއިޑް މާސްޓަ ކާޑުގެ ދެ ބާވަތެއް ދޫކުރަން ބޭންކުން ވަނީ ނިންމައިފަ އެވެ. އެއީ ރުފިޔާ ކާޑާއި ޑޮލަރު ކާޑެވެ. އެގޮތުން:
-
އެއްފަހަރާ 500،000ރ. އަދި 100،000 ޑޮލަރާ ހަމައަށް އެ ކާޑަށް ފައިސާ ޖަމާކުރެވޭނެ
-
ރުފިޔާ ކާޑުތަކުން ހަމައެކަނި މުއާމަލާތް ކުރެވޭނެ ރާއްޖޭގެ އެތެރޭގައި ކުރާ ފައިސާގެ މުއާމަލާތްތަކަށް
-
އެހެން ނަމަވެސް އެ ބާވަތުގެ ޑޮލަރު ކާޑުން ދުވާލަކު 50،000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެ
-
ރުފިޔާ ކާޑުން މުއާމަލާތް ކުރެވޭނީ ދުވާލަކު 200،000ރ.އާ ހަމައަށް
"އިންޓަނެޓް ބޭންކިން އާއި މޮބައިލް އެޕް ވޮލެޓުން މި ކާޑުގެ ބެލެންސާއި މުއާމަލާތްތަކުގެ ތަފްސީލް ބަލައިލެވޭނެ،" ބޭންކުން ބުންޏެވެ.
ބުނީ ކީކޭ؟ - އެ ކާޑް ތައާރަފްކުރުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މާސްޓަ ކާޑާ ގުޅިގެން ދިވެހި ކުދި ވިޔަފާރިތަކަށް ފަސޭހަކަން ގެނެސްދޭނޭ ކާޑެއް ތައާރަފްކުރެވުނީތީ އެކަމާ ބޭންކުން އުފާކުރާ ކަމަށެވެ. އަދި ބޭންކުން އަބަދުވެސް ދެމި އޮންނާނީ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް މަގުފަހިކޮށްދިނުމުގެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލްއިން އަލަށް ތައާރަފްކުރި މި ކާޑާ ގުޅޭ މައުލޫމާތު ވިޔަފާރިތަކަށް ދިނުމަށް ހާއްސަ އެކްސްޕޯއެއް ވެސް މިއަދު ހަވީރު 5 ޖަހަންދެން ހޮޓަލް ޖެންގެ ބޯލް ރޫމްގައި ކުރިއަށް ގެންދާނެ އެވެ.
ކޮމެންޓް