އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އަހަރީ ރިޕޯޓުގެ އުސްއަލިތައް ހުށަހަޅައިދެއްވަނީ (ފޮޓޯ/އެސްޓީއޯ)
އެސްޓީއޯގެ ސާފު ފައިދާ މައްޗަށް ޖެހި 156 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިއަހަރުގެ ތިން ވަނަ ކުއާޓާގައި 156 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.
ފާހަގަކޮށްލެވޭ - މިއީ މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު، 148 މިލިއަން ރުފިޔާއާ އަޅާބަލާއިރު %5 އިތުރު އަދަދެކެވެ.
ތަފްސީލް - އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ ތިން ވަނަ ކުއާޓާ، ޖޫން އިން އޮގަސްޓު މަހަށް އެ ކުންފުންޏަށް ވަނީ އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި އެ ކުންފުނީގެ ވިޔަފާރި ހިންގުމަށް ކުރަން ޖެހުނު ހަރަދު، 2.9 ބިލިއަން ރުފިޔާ އުނިކުރުމުން އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 250.7 މިލިއަން ރުފިޔާ ލިބިފަ އެވެ.
-
ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 156 މިލިއަން ރުފިޔާ ކަމަށް ރިޕޯޓުން ދައްކާ
-
އެއީ ހިއްސާއަކަށް 138ރ. ޖެހޭ ވަރުގެ އަދަދެއް؛ އޭގެ ކުރީ ކުއާޓާގައި އެ އަދަދު ހުރީ 131ރ.ގައި
އެސްޓީއޯގެ އާމްދަނީގެ %80 ހިއްސާކުރަނީ ތެޔޮ ވިއްކައިގެން ލިބުނު ފައިސާ އެވެ. އަދި %20 އަކީ އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ފައިދާ އެވެ.
މީގެ އިތުރަށް އެސްޓީއޯގެ ރިޒާވް ވެސް ވަނީ މިދިޔަ ކުއާޓާގެ ތެރޭގައި 4.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި އެސްޓީއޯގެ ހަރުމުދަލުގެ އަގު ވެސް ވަނީ 4.7 ބިލިއަން ރުފިޔާއަށް މައްޗަށް ޖެހިފަ އެވެ.
ކޮމެންޓް