އައިބީއެމްއިން އުފައްދާ ތާޒާ ފެނުގެ އެކި ސައިޒުގެ ފުޅިތައް.
އައިބީއެމް: ތާޒާ ފެނުގެ މީރު ރަހައިގެ ސިއްރު
މަޑު ފެހި ކުލައެއްގެ ލޭބަލާއި މަތި ޖަހައި ބަންދުކޮށްފައި ހުންނަ ތާޒާ ފެން ނުދަންނަ އެއްވެސް ދިވެއްސެއް ނުހުންނާނެ އެވެ. މީރު ރަހައަކާ އެކު ކަރުހިއްކުން ފިލުވައިދޭ ފެނެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ނޭނގެނީ އެ މީރު ރަހަ ނެރެން ލޭބަލްގެ ފަހަތުގައި ކުރާ މަސައްކަތެވެ. އަދި އެ މަސައްކަތް ކުރަނީ ކޮން ބައެއް ނުވަތަ ކުންފުންޏެއް ކަމެވެ.
ތާޒާއަކީ އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީއެއް ގޮތުގައި ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް)ގެ އުފެއްދުމެކެވެ. ތާޒާ ފެން ތާޒާކަންމަތީ ކަސްޓަމަރުންނާ ހަމައަށް ގެނެސްދެނީ އައިބީއެމްގެ ބުރަ މަސައްކަތުންނެވެ.
އައިބީއެމްގެ މަސައްކަތްތައް: ތާޒާއާ ހަމައިން ނުނިމޭ
އައިބީއެމްގެ އަމާޒަކީ ހަމައެކަނި ރަހަ މީރު ފެން އުފައްދައި ބްރޭންޑެއްގެ ގޮތުގައި ޑިސްޓްރިބިއުޓް ކުރުން އެކަންޏެއް ނޫނެވެ. އަދި ކުންފުނީގެ މަސައްކަތްތައް ވެސް ހަމައެކަނި އެ ދެ ކަމަކުން ނުނިމެ އެވެ.
ދިވެހިންގެ މެދުގައި މަގުބޫލު މި މީރު ފެން ހުސްނުވެ، ލިބިލިބި ހުންނާނެކަން ޔަގީންކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމެވެ. މިހާރަށް ވުރެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރުމާއި އާ ބާވަތްތަކުގެ އުފެއްދުންތައް ތައާރަފްކުރުމެވެ. ކޮލެޓީ ދެމެހެއްޓުމާއި ކަސްޓަމަރުންނަށް ލުއިފަސޭހަ އާ ގޮތްތައް ހޯދައިދިނުމެވެ. މިއީ ތާޒާ ފެނުގެ ފަހަތުގައި އޮތް އައިބީއެމްއިން ކުރާ، އެހެން ނަމަވެސް އާންމުންނަށް ނޭނގޭ ކަންކަމެވެ.
އެންމެ ބޮޑު އިސްކަމެއް ކޮލިޓީ ދެމެހެއްޓުމަށް
އައިބީއެމްގެ ތާޒާ ފެން އުފެއްދުމާއި ބަންދުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ ފެނުގެ ކޮލެޓީ ދެމެހެއްޓުމެވެ.
އެ ކުންފުނީގައި އުފައްދާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮލެޓީ އެޝުއަރެންސް މެނޭޖަރެއް ހުންނަވައެވެ. އެއީ އައިބީއެމްއިން އުފައްދާ ފެނުގެ ކޮންމެ ބެޗެއް ވެސް ޓެސްޓު ކުރުމަށްޓަކަ އެވެ. މިގޮތަށް ކޮންމެ ދުވަހަކު ވެސް އެމްޑަބްލިއުއެސްސީގެ ލެބޯޓްރީގައި ފެނުގެ ކޮލެޓީ ޓެސްޓު ކުރުމުގެ މަސައްކަތް ބަރާބަރަށް ކުރެ އެވެ. މައްސަލައެއް ފާހަގަވާ ބެޗެއް ނަމަ، އެ ބެޗު ބާޒާރަކަށް ނުނެރެއެވެ.
މީގެ ސަބަބުން އައިބީއެމްއިން ފެން އުފެއްދުމާއި ބަންދުކުރުމުގެ މަރުހަލާތަކުގައި އެއްވެސް މައްސަލައެއް ދިމާނުވާނެކަން ކަށަވަރު ކުރެވެ އެވެ. މީގެ ކުރިން ބާޒާރަށް ނެރުނު ފަހުން ވަރަށް މަދު ފަހަރަކު ތާޒާ ފެނުން މައްސަލަތަކެއް ފާހަގަކުރެވުނު ނަމަވެސް އެހެން ދިމާވަނީ، އައިބީއެމްއިން ބުނާ ގޮތުގައި ފެސިލިޓީތަކުން ފެން ކޭސްތައް ނެރޭ ފަހުން ހިނގާ، އެ ކުންފުނީގެ ބާރު ނުފޯރާ ކަންތައްތަކެއް ސަބަބުންނެވެ.
އޭގެ ތެރެއިން އެއް ކަމަކީ އަތޮޅުތަކަށް ފެން ކޭސްތައް ގެންދާއިރު ދިމާވެދާނެ ކަންތައްތަކެވެ. ނަމަވެސް މި މަރުހަލާ ވެސް އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރުމަށްޓަކައި އައިބީއެމްއިން އަންނަނީ އެޖެންޓުންނާއި ބޯޓުފަހަރުގެ ކައްޕިންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަން ރާވާ ކަންކަން
އައިބީއެމްގެ ޕްރޮޑަކްޝަން ފެސިލިޓީތައް މިހާރު ހިންގަނީ މާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ. ނަމަވެސް ދެކުނުގެ ތިން އަތޮޅުގެ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމާއި ކުންފުނީގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅެ އެވެ.
ދެކުނުގައި އައިބީއެމްގެ ފެސިލިޓީއެއް ނެތުމަކީ އެ ކުންފުނިން އެ ސަރަހައްދަށް ފެން ފޯރުކޮށްދިނުމުގައި އިތުރު ޚަރަދުތަކެއް ހިނގާ ކަމެކެވެ. މިސާލަކަށް ބޯޓުގެ ނާލު ފަދަ އިތުރު ޚަރަދުތަކެއް ކުރަން ޖެހުމުން ކަސްޓަމަރުންނާ ހަމައަށް ފެން ލިބެނީ ހަމަ އަގުގައެއް ނޫނެވެ.
އެކަން ހައްލު ކުރުމަށްޓަކައި މިހާރު އައިބީއެމްއިން އަންނަނީ އައްޑޫގައި ބޮޓްލިން ޕްލާންޓެއް އެޅުމާއި އޭގެ ކުރިން ފެން ރައްކާ ކުރެވޭނެ ގުދަނެއް ހެދުމާ ގުޅޭ ދިރާސާތަކެއް ހަދަމުންނެވެ.
މިކަން ކާމިޔާބުވެއްޖެ ނަމަ އެންމެ ދެކުނުން އައްޑޫ، ފުވައްމުލައް، ގއ. އަދި ގދ. އަތޮޅުގެ ކަސްޓަމަރުންނަށް މިހާރަށް ވުރެ ފަސޭހައިން އަދި އަގުހެޔޮކޮށް ތާޒާ ފެން ގަންނަން ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
އޮޕަރޭޝަންތައް ފުޅާކުރަން ރާވާފައި ހުރި އިތުރު ކަންކަން:
-
ކުޅުދުއްފުށީގައި ފެން ގުދަންކުރާނެ ޖާގަ އިތުރުކުރުން
-
ތާޒާ ޑެލިވަރީ އެޕްލިކޭޝަންގެ ޑިވެލޮޕްމަންޓް އެކީ ނިންމައި އެންމެ ފުރިހަމައަށް ބޭނުންކުރަން ފެށުން؛ ކުންފުނީގެ ފައިނޭންސް ބެލެހެއްޓުމާއި އިންޓާނަލް ޕްރޮސެސްތައް ޑިޖިޓަލައިޒްކުރުން
ތިމާވެއްޓާ ރައްޓެހި މަގަކުން ކުރިއަށްދިއުމުގެ ޕްލޭން:
-
ތާޒާ ފުޅި އުފެއްދުމުގައި ބޭނުންކުރާ ތަކެތި މަދުކޮށް، ފުޅިތައް ވަނީ ލުއިކޮށްފައި
-
ތާޒާގެ 1 ލީޓަރު ބިއްލޫރި ފުޅި އުފެއްދުން އަލުން ފަށަން ތައްޔާރުވެފައި
-
ވެމްކޯއާ ގުޅިގެން، އުކާލާ ޕްލާސްޓިކް ފުޅިތައް އަނބުރާ ނަގައި ރީސައިކަލް ކުރެވޭނެ ނުވަތަ ޒިންމާދާރު ގޮތެއްގައި ނައްތާލެވޭނެ އުސޫލުތަކެއް އެކުލަވާލުން
-
އުކާލާ ޕްލާސްޓިކް ފުޅި އެއްކުރުމުގައި އާންމުންނަށް ވެސް ބައިވެރިވެވޭނެ ގޮތްތަކެއް ހޯދުން
-
500 އެމްއެލްގެ ބިއްލޫރި ފުޅި ތައާރަފްކުރުމުގެ ވިސްނުމެއް
ބިއްލޫރި ފުޅީގެ އޮޕަރޭޝަންތަކުގައި އައިބީއެމްއަށް ދިމާވާ މައިގަނޑު ދަތިކަމަކީ ފުޅި އަނބުރާ ގެނައުމުގެ ކަންކަމެވެ. އެކަމުގައި ވެސް ކަސްޓަމަރުންނަށް އުނދަގޫނުވާނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް އައިބީއެމްއިން އަންނަނީ ބަލަމުންނެވެ.
ކޮމެންޓް