ބޮޑު މެދުކެނޑުމަށްފަހު ޖެނުއަރީ 2023ގައި ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނަން ފެށުން. (ދައުރު ފޮޓޯ)
އިތުރުވާ ޗައިނާ ފަތުރުވެރިންނާ އެކު ޗުއްޓީގެ މުއްދަތު ދަށަށް
ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައި ނަމަވެސް، އެ ކުރިއެރުމާ އެކު ޖުމްލަކޮށް ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު ދަށްވާނެ ކަމަށް ލަފާކޮށްފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީއިން ނެރުނު 'މެކްރޯއިކޮނޮމިކް އަޕްޑޭޓް'ގައި ޓޫރިޒަމް މިނިސްޓްރީގެ އެހީއާ އެކު ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ބައެއް ތަފާސްހިސާބުތަކަށް ވަނީ ޝާއިއުކޮށްފަ އެވެ.
ތަފްސީލު - އެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ކުރިއަރަމުންދާ ގޮތަށް ގޮސް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިއަހަރު ދެ މިލިއަން ހުރަސްކުރާނެ އެވެ.
މިއަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ކަމަށް އެ ރިޕޯޓުގައި ލަފާކުރާ ކުރިއެރުންތަކަކީ:
-
ޓޫރިސްޓު ބެޑް ނައިޓްސް 13.1 މިލިއަނަށް އަރާނެ؛ މިއީ 2023އާ އަޅާބަލާއިރު %6.7 އިތުރުވުމެއް
-
ހަމައެކަނި ރިސޯޓުތަކުގެ ބެޑް ނައިޓްސް - 11.2 މިލިއަނަށް އަރާނެ، މިއީ %7.2ގެ އިތުރުވުމެއް
އެހެން ނަމަވެސް އެ ރިޕޯޓުގައި ލަފާކޮށްފައިވަނީ ފަތުރުވެރިންގެ އަދަދު އިތުރުވާ މިންވަރަށްވުރެ ބެޑް ނައިޓްސް އިތުރުވާ މިންވަރު ދަށްވާނެ ކަމަށެވެ.
އޭގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ނިސްބަތުން ބޮޑު ބައެއް ޗައިނާ ފަތުރުވެރިން ހިއްސާކުރާތީ އާއި ޗައިނާ ފަތުރުވެރިންނަކީ ކުރު މުއްދަތަކަށް ޗުއްޓީ ހޭދަކުރާ ބަޔަކަށް ވުމެވެ. އެއާ އެކު މިނިސްޓްރީން ލަފާކުރަނީ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ވެސް ޖުމްލަކޮށް ބަލާއިރު ދަށްވާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެ ލިސްޓުގައި %14.7ގެ މާކެޓް ޝެއާއަކާ އެކު ޗައިނާ އެއްވަނައިގައި އޮތްއިރު، ދެން އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ، ހޫކޭ، ޖާމަނީ އަދި އިޓަލީިއިންނެވެ.
މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފަ އެވެ.
އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %9.3 އިތުރު އަދަދެކެވެ.
ކޮމެންޓް