ޗަމްޕާ ހުސައިން އަފީފު (ކ) އާއި ޗަމްޕާ މުހައްމަދު މޫސާއަށް ސަޓާގެ 'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑު ހަވާލުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓޫރިޒަމް

ސަޓާގެ 'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑު ޗަމްޕާ ދެބެއިންނަށް

ޗެމްޕާ މުހައްމަދު މޫސާ އާއި ހުސައިން އަފީފަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ އަދި ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ، މި ސިނާއަތުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުން
20 އޮކްޓޯބަރު 2024

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އިން ޗަމްޕާ ބްރަދާސް ކުންފުނީގެ ޗެއާމަން މުހައްމަދު މޫސާ އާއި ކްރައުން ގްރޫޕުގެ ޗެއާމަން ހުސައިން އަފީފު ދެކުނު އޭޝިއާގެ ފަތުރުވެރިކަމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ދިވެހި ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެ ދެ ބޭފުޅުންގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ސަޓާއިން ވަނީ މިއަދު މީރު މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް 'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑު އަރުވައިފަ އެވެ.

އެ ދެ ބޭފުޅުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ސަޓާގެ ނައިބު ރައީސް ސޫރަޖު ހާން އެވެ.

  • ޗަމްޕާ މުހައްމަދު މޫސާއަށް ސަޓާގެ 'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑު ހަވާލުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ޗަމްޕާ ހުސައިން އަފީފުއަށް ސަޓާގެ 'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑު ހަވާލުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ޗަމްޕާ ހުސައިން އަފީފުއަށް ސަޓާގެ 'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑު ހަވާލުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލު - މިއީ ސަރަހައްދީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކަށް ދޭ އެވޯޑެކެވެ.

މިދިޔަ މަހު ނޭޕަލްގެ ކަތަމަންޑޫގައި ބޭއްވި ސަޓާ އެވޯޑްސް 2024ގައި އިތުރު ތިން ބޭފުޅަކަށް ވެސް މި އެވޯޑު ވަނީ އަރުވައިފަ އެވެ. އެއީ ނޭޕާލްގެ ދެ ބޭފުޅަކާއި ބަންގްލަދޭޝްގެ ބޭފުޅަކަށެވެ.

އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު އެކަމަށް ޝުކުރު އަދާކުރައްވައި އެ ދެ ބޭފުޅުން ވެސް ވިދާޅުވީ މިފަދަ އެވޯޑެއް ލިބޭނެ ކަމަށް ހީ ވެސް ނުކުރައްވާ ކަމަށެވެ.

ޗަމްޕާ މުހައްމަދު މޫސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޗަމްޕާ ހުސައިން އަފީފު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަޓާގެ ނައިބު ރައީސް ސޫރަޖު ހާން ވަނީ މުހައްމަދު މޫސާ އާއި އަފީފްގެ ހިދުމަތްތައް ފާހަގަކުރައްވައި ދެ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް މިވީ 52 އަހަރުގެ ތެރޭގައި، ބަދަލުވަމުން އައި ފަތުރުވެރިންގެ ބޭނުންތައް ދެނެގަނެ، މި ސިނާއަތަށް ބަހައްޓަވާ އަހަމިއްޔަތުކަމުގެ ސަބަބުން މުހައްމަދު މޫސާއަކީ ފަތުރުވެރިކަމުގެ އެންމެ ވަރުގަދަ އެއް ބޭފުޅާއަށް ވެފައިވާ ކަމަށެވެ.

ސޫރަޖު ވިދާޅުވި ގޮތުގައި މުހައްމަދު މޫސާގެ އިސްނެންގެވުމާ އެކު ޗަމްޕާ ބްރަދާސްއަކީ ރާއްޖެ އާއި ބައިނަލްއަގްވާމީ ފެންވަރުގައި ވަރުގަދަ ކުންފުންޏެކެވެ. އެގޮތުން ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީގެ އިތުރަށް ދަނޑުވެރިކަމާއި މަސްވެރިކަމާއި ރިއަލް އެސްޓޭޓާއި ވޯޓާ ޑީސެލިނޭޝަން އަދި މާލީ ހިދުމަތްތަކުގެ ބޮޑު ޕޯޓްފޯލިއޯއެއް ޗަމްޕާ ކުންފުނީގައި އޮތްކަން ސޫރަޖު ފާހަގަކުރެއްވި އެވެ.

ޗަމްޕާ ހުސައިން އަފީފު އާއި ޗަމްޕާ މުހައްމަދު މޫސާއަށް ސަޓާގެ 'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑު ހަވާލުކުރުމަށްފަހު ސިނާއަތުގެ ބައެއް އިސް ބޭފުޅުންނާ އެކު ނެގި ގްރޫޕް ފޮޓޯއެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަފީފްއާ ބެހޭގޮތުން ސޫރަޖު ވިދާޅުވީ މިދިޔަ 50 އަހަރުގެ ތެރޭގައި އަފީފު ފަތުރުވެރިކަމުގެ ސިނާއަތުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

އަފީފަކީ ޗަމްޕާގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ކާސާ ހޯލްޑިންސްގެ ވެސް ހިއްސާދާރެކެވެ. އޭގެ އިތުރަށް މަޓީގެ ވައިސް ޗެއާމަންކަމާއި އިކޮނޮމިކް އެޑްވައިޒަރީ ކައުންސިލްގެ މެމްބަރުކަން ވެސް އަފީފް އަންނަނީ ކުރައްވަމުންނެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް