ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލުމަށް 11 އޮގަސްޓް 2023 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

އިންޓަނެޓް

ސަބްމެރިން ކޭބަލްގެ ހިދުމަތް ފަށަން ބީއޯސީން 231 މިލިއަން ރުފިޔާގެ ލޯނެއް

އެ ލޯނު ނަގާފައި ވަނީ ސަރުކާރުން ގެރެންޓީ ދީގެން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން؛ އެ ލޯނު ނެގުމަށް 2.92 މިލިއަން ޑޮލަރު (45 މިލިއަން ރުފިޔާ) ސަރުކާރުން ދައްކާނެ
26 ސެޕްޓެމްބަރު 2024

އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯއާ ހަވާލުކޮށްގެން ދިވެހި ސަރުކާރުން އަޅާފައިވާ އިންޓަނެޓް ސަބްމެރިން ކޭބަލްގެ ހިދުމަތް ފެށުމަށް 231 މިލިއަން ރުފިޔާގެ ލޯނެއް ނަގަން ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނަށް ސަރުކާރުން ސޮވަރިން ގެރެންޓީއެއް ދީފި އެވެ. 

އެނގުން މުހިންމު - ފެބްރުއަރީ 2022ގައި ރިލަޔަންސްއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސަބްމެރިން ކޭބަލް ރާއްޖެއަށް އެއްގަންކޮށް ހުޅުމާލޭގައި ހަދާފައިވާ ސްޓޭޝަނާ ގުޅާލާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅު އެވެ. 

ވަޒީރުންގެ މަޖިލީހުން މިދިޔަ މަސް ތެރޭ ނިންމީ އެ ކޭބަލްގެ ހިދުމަތް ފެށުމަށް ދައްކަން ޖެހޭ ފައިސާގެ ކަންކަން ސަރުކާރުން ހަމަޖައްސައި އެ މަޝްރޫއު ކުރިން ވެސް ރާވާފައިވާ ގޮތަށް ކުރިއަށް ގެންދިޔުމަށެވެ. 

ވީ ކިހިނެއް؟ - މާލީ ވުޒާރާއިން އިއްޔެ އާންމުކުރި ލޯނާއި ސޮވަރިން ގެރެންޓީތަކުގެ  މައުލޫމާތުން ދައްކާ ގޮތުގައި، މިދިޔަ މާޗު މަސް ތެރޭ ސަރުކާރުން ވަނީ ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނަށް ބޭންކް އޮފް ސިލޯން (ބީއޯސީ)އިން ދެ ލޯނެއް ނެގުމަށް ސޮވަރިން ގެރެންޓީ ދީފަ އެވެ. 

ތަފްސީލް - އެ ދެ ލޯނަކީ: 

  • 1-

    115.7 މިލިއަން ރުފިޔާގެ ލޯނަކަށް

  • 2-

    7.5 މިލިއަން ޑޮލަރުގެ ލޯނެއް 

އެ ދެ ލޯނުގެ ތަފްސީލްތައް ސާފުވާ ގޮތެއް ނުވި އެވެ. 

މިއީ ސަރުކާރުގެ ސަބްމެރިން ކޭބަލް އޮޕަރޭޝަނަށް ގެނައުމަށް ކުރަން ޖެހޭ ހަރަދުތަކަށް ނަގާ ލޯނެއް ކަމަށް ވެސް މާލީ ވުޒާރާގެ މައުލޫމާތުތަކުގައި ބުނެފައިވެ އެވެ. 

ގުޅުން ހުރި - ސަބްމެރިން ކޭބަލް މެދުވެރިކޮށް ހިދުމަތް ދޭން ފަށަން ބޭނުންވާ ފައިސާ ހޯދުމަށް ލޯނު ނަގަން ބޭނުންވާ 2.92 މިލިއަން ޑޮލަރު (45 މިލިއަން ރުފިޔާ) ހަރަދުކުރަން ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ. 

ރާއްޖެއާ ގުޅާލާފައި ވަނީ ޖިއޯއިން ގާއިމްކުރަމުން އަންނަ ޖުމްލަ ދެ ކޭބަލް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ އިންޑިއާ-އޭޝިއާ އެކްސްޕްރެސް ކޭބަލްގެ ކޮޅެކެވެ. އެ ކޭބަލަށް ދީފައިވާ ނަމަކީ މޯލްޑިވްސް - އައިއޭއެކްސް ކޭބަލް އެވެ. 

މޯލްޑިވްސް - އައިއޭއެކްސް:

  • ސްޕީޑު: ސިކުންތަކު 100 ޖީބީ

  • ކެޕޭސިޓީ: ސިކުންތަކު 200 ޓީބީ

  • ރާއްޖޭގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން މިހާރު އިންޓަނެޓް ގަންނަ އަގުތަކަށް ވުރެ ދަށް އަގުތަކުގައި އިންޓަނެޓް ފޯރުކޮށްދެވޭނެ

  • އިންޓަނެޓު ހިދުމަތުގެ ސްޕީޑު ހަލުއިވެ، އަގުތައް ކުޑަކުރެވޭނެ

  • ވިޔަފާރީގެ އާ ފުރުސަތުތައް ކަމަށްވާ ޑޭޓާ އެކްސްޕޯޓް ކުރުމުގެ ވިޔަފާރިއަށް ވަނުމަށް ވަނީ ރާވާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް