ތ. ފުނައްޑޫ: އެ ރަށް ސަރުކާރަށް ގަނެ މިފްކޯއާ ހަވާލުކުރި އިރު ހާލަތު ވަނީ ދަށްވެފައި

މިފްކޯ

ފުނައްޑޫގައި ދަނޑުވެރިކަން ކުރަން މިފްކޯއިން ނިންމައިފި

ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ
23 ސެޕްޓެމްބަރު 2024

މިދިޔަ ސަރުކާރުގެ ތެރޭ މިފްކޯއިން ގަނެފައިވާ މަސްކާރުހާނާއެއް ހިންގި ތ. ފުނައްޑޫގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަން އެ ކުންފުނިން ނިންމައިފި އެވެ. 

މައްސަލައިގެ ފެށުން - ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ހިއްސާވާ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނެގި ލޯނަކަށް ފައިސާ ނުދައްކައިގެން ވިއްކާލަން އިއުލާންކޮށް އެތައް އަހަރެއް ވީއިރު ވެސް ނުވިކި އޮތް މަސް ޕްރޮސެސިން ޕްލާންޓެއް ހިންގި ތ. ފުނައްޑޫ ސަރުކާރުން ގަނެ އެ ތަން ހިންގަން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާ ހަވާލުކުރީ 2022ގެ ކުރީކޮޅުގަ އެވެ. 

  • އެ ރަށް މިފްކޯއަށް ގަނެފައި ވަނީ 22.8 މިލިއަން ރުފިޔާއަށް

  • އެ ރަށް ގަތްއިރު އެތަނުގައި ހުރި މަސްކާރުހާނާ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި 

  • އެ ކާރުހާނާ އަލުން އޮޕަރޭޝަނަށް ގެންނަން 236 މިލިއަން ރުފިޔާ އިންވެސްޓްކުރަން ޖެހޭނެ ކަމަށް މީގެ ކުރިން ވަނީ ލަފާކޮށްފައި 

ވީ ކިހިނެއް؟ - މިފްކޯއިން މިއަދު ބުނި ގޮތުގައި މިފްކޯގެ އެކި ސައިޓްތަކުގައި ދަނޑުވެރިކަންކޮށް އެކަމުން ކުންފުންޏަށް ނަފާ ހޯދުމަށް އެ ކުންފުނިން ވަނީ އެގްރިކަލްޗާ މިނިސްޓްރީއާ އެކު މަޝްވަރާކޮށްފަ އެވެ. އެ މަޝްވަރާތަކުގައި ވާހަކަ ދެއްކި އެއްކަމަކީ ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމާ މެދު ކަމަށް މިފްކޯއިން ބުންޏެވެ. 

ތަފްސީލް - ފުނައްޑޫގެ އިތުރުން މިފްކޯގެ ކާރުހާނާތައް ހިންގާ ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ ގޮތްތަކާއިމެދު ވެސް މުހިންމު މަޝްވަރާތަކެއް ކުރި ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން: 

  • މިހާރު ނިންމާފައި ވަނީ އެ ކުންފުނީގެ ސައިޓްތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް އެތަންތަނުގައި ދަނޑުވެރިކަން ފުޅާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން 

  • މިފްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީންތައް ކުރިއަށް ގެންދިއުމަށް

  • މިފްކޯގެ ސައިޓްތަކުގެ ދަނޑުބިންތަކާއި ގަސްގަހާ ގެއްސާއި ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާއި ޖެހޭ ބަލިތައް ދެނެގަނެ، ހައްލު ހޯދުމުގައި މިނިސްޓްރީގެ ފަންނީ ލަފަޔާއި އެހީދިނުން

އެނގުން މުހިންމު - މިފްކޯއިން ބުނީ މިހާރު ވެސް ބައެއް ސައިޓްތަކުގައި ދަނޑުވެރިކަންކޮށްގެން އެ ކުންފުނީގެ ސައިޓްތަކުގެ މުވައްޒަފުންގެ ކޮއްތަށް ކުރަންޖެހޭ ހަރަދުގެ ބައެއް ސަލާމަތް ކުރެވޭ ކަމަށެވެ. އަދި ބަކަރި ނުވަތަ ކުކުޅު ފަދަ ޖަނަވާރުތައް ވިއްކައިގެން ވެސް އެ ކުންފުނިން އާމްދަނީ ހޯދާ ކަމަށް ބުންޏެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް