ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ޓޫރިޒަމް

އާ ވިސްނުމެއް: ދިވެހި ފަތުރުވެރިކަމުގައި ބަންގްލަދޭޝްގެ މުހިންމު ދައުރެއް

ރާއްޖެ – ބަންގްލަދޭޝް ގުޅުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އެ ގައުމުން ރާއްޖެ އަންނަ މަސައްކަތްތެރިންނެވެ. ނަމަވެސް މި ގުޅުމުގައި އާ ބާބެއްގެ ފެށުން އެބަ ފެނެ އެވެ. ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކުވައިދެނީ އެކަމަށް ބާރުދޭ، އުންމީދީ މަންޒަރެކެވެ.
17 ސެޕްޓެމްބަރު 2024

ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރި ހާލަތުގައި ވެސް ފަތުރުވެރިކަމުގެ ވަރުގަދަކަން ދައްކުވައިދިން އެއް މިސާލަކީ ރާއްޖެ އެވެ. ރާއްޖޭގެ ފައްކާވެފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތުގެ ތަނބުތަކަށް ބަލައިލާއިރު ބައިވެރިއެއްގެ ގޮތުގައި މުހިންމު ގައުމެއް ފެންނަން އެބަ އޮތެވެ. އެއީ ބަންގްލަދޭޝް އެވެ. ދިވެހި ފަތުރުވެރިކަމުގެ ކުރިމަގު ބައްޓަންކުރުމުގައި ބަންގްލަދޭޝްގެ ދައުރު ވަރަށް ބޮޑެވެ. ރާއްޖެއަކީ ބަންގްލަދޭޝްގެ ވަކިން ހާއްސަކޮށް މުއްސަނދި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝްއަށް ބާރު ދުވެލީގައި އައި އިގްތިސާދީ ކުރިއެރުންތަކާ އެކު ތަނަވަސް އާބާދީއެއް ވަނީ އުފެދިފަ އެވެ. އެ މީހުން ޗުއްޓީ ހޭދަކުރާ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އާންމުކޮށް ހިޔާރުކުރަނީ ރާއްޖެ އެވެ. އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގައި ތިބެ ތަފާތު އެކި ހަރަކާތްތަކާއި އެކްސްކާޝަންތަކަށް ފައިސާ ހަރަދުކުރެ އެވެ.

ބަންގްލަދޭޝްގެ މަހުޖަނުންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަމަކީ މިތަނުގެ ރަށްތަކާއި އެ ތަންތަނުން ލިބޭ ހިދުމަތުގެ ފުރިހަމަކަމުގެ ހެއްކެކެވެ. އަދި މިއީ ބަންގްލަދޭޝްގެ މުޖުތަމައުގެ އެކި ފަންތިތަކަށް ފޯރާފައިވާ، ދެ ގައުމުގެ ދެމެދުގައި އޮތް ފަތުރުވެރިކަމުގެ ގުޅުން ދައްކުވައިދޭ ކަމެކެވެ.

ބަންގްލަދޭޝް: ދިވެހި ފަތުރުވެރިކަމުގައި އަރަމުން އަންނަ ތަރިއެއް

ރާއްޖެ – ބަންގްލަދޭޝް ގުޅުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އެ ގައުމުން ރާއްޖެ އަންނަ މަސައްކަތްތެރިންނެވެ. ނަމަވެސް މި ގުޅުމުގައި އާ ބާބެއްގެ ފެށުން އެބަ ފެނެ އެވެ. ތަފާސްހިސާބުތަކުން ދައްކުވައިދެނީ އެކަމަށް ބާރުދޭ، އުންމީދީ މަންޒަރެކެވެ.

މި އަހަރުގެ 12 ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއިން 1،403،011 ފަތުރުވެރިންނަށް މަރުހަބާ ކިޔައިފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ޖުލައި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަންގްލަދޭޝްއިން އެކަނި ވެސް 18،843 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މާ ބޮޑު އަދަދެއް ކަމަށް ހީނުވެދާނެ އެވެ. ނަމަވެސް މިއީ ރާއްޖެއަށް އައި ފަތުރުވެރިންގެ %1.6 އެވެ. ރާއްޖެއަށް 14 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި މާކެޓެވެ. ބަންގްލަދޭޝް އޮތީ މި ލިސްޓުގައި ޖަޕާނާއި ސައުދީ އަރަބިއްޔާއަށް ވުރެ ކުރީގަ އެވެ. އަދި އޮސްޓްރޭލިއާއާ ދާދި އެއްވަރުކޮށެވެ.

މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބަންގްލަދޭޝްއިން އައި ފަތުރުވެރިންގެ އަދަދު ވަނީ %38.4 އިތުރުވެފަ އެވެ. މިއީ ހަމައެކަނި ކުރިއެރުމެއް ނޫނެވެ. މިއީ 'ބޫމް' އެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރިސޯޓު މުވައްޒަފުން ފަތުރުވެރިންގެ ލަގެޖް ލޯންޗަށް އަރުވަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މުހިންމީ އަދަދެއް ނޫން؛ ފަތުރުވެރިންގެ ތަޖުރިބާ

ރާއްޖޭގެ ފަތުރުވެރިކަން ފުޅާވަމުން އަންނަ އައުމުގައި ބަންގްލަދޭޝް ފަތުރުވެރިންގެ މުހިންމުކަން ވެސް އަންނަނީ އިތުރުވަމުންނެވެ. ބަންގްލަދޭޝްއިން ރާއްޖެއަށް ގިނައިން އަންނަނީ މެދު ފަންތީ ފަތުރުވެރިންނެވެ. އެ މީހުން އައިސް މާލެއިން 30 މިނެޓުން ދެވޭ ދުރުމިނުގައި ހުންނަ ރިސޯޓުތަކާއި ގެސްޓުހައުސްތަކުގައި އެވަރޭޖުކޮށް ހަތަރު ރޭ ހޭދަކުރެ އެވެ.

އެހެން ފަތުރުވެރިންނާ ބަންގްލަދޭޝް ފަތުރުވެރިންގެ އެންމެ ބޮޑު ތަފާތަކީ ރާއްޖޭގެ ހުރިހާ ތަޖުރިބާތަކަށް އެ މީހުންގެ ހުންނަ ޝައުގުވެރިކަމެވެ. ސަބްމެރިން ޓުއާތަކުން ފެށިގެން ފުލް-ޑޭ އެކްޓިވިޓީތައް ފަދަ، އެކި ރޭންޖުތަކުގެ ހަރަކާތްތަކާއި އެކްސްކާޝަންތަކުގައި އެ މީހުން ބައިވެރިވެ އެވެ. މީގެ ސަބަބުން އިގްތިސާދީ ކުރިއެރުމުގެ އިތުރަށް ސަގާފަތް ކުރިއަރުވަން ވެސް މަގުފަހިކޮށްދެ އެވެ.

ރާއްޖެ އައި ފަތުރުވެރިންތަކެއް ޑައިވިނަށް ދާން ތައްޔާރުވަނީ. (ފައިލް ފޮޓޯ/ދިގަލި މޯލްޑިވްސް)

ދަތުރުފަތުރުގެ އިތުރު ފުރުސަތުތައް

ދިވެހި ފަތުރުވެރިކަމުގައި ބަންގްލަދޭޝް މާކެޓު ކުރިއަރަމުން އަންނަ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެއް ސަބަބަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ހަރުދަނާ ގުޅުމެވެ.

ޔޫއެސް-ބަންގްލާ އެއާލައިންސްއިން ކޮންމެ ދުވަހަކު ވެސް މާލެ އާއި ޑާކާއާ ދެމެދު ދަތުރުކުރާއިރު، ސްރީ ލަންކަން އެއާލައިންސް އާއި ފިޓްޒް އެއާއިން ކޮލޮމްބޯ މަގުން ކަނެކްޓިވިޓީ ފޯރުކޮށްދެ އެވެ.

ކައިރި މުސްތަގްބަލަށް ބަލާއިރު ގައުމީ އެއާލައިން މޯލްޑިވިއަންއިން އަންނަނީ ކުރިއަށް އޮތް ފިނި މޫސުމުގައި ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެއީ ކޮންމެ އަންގާރަ އަދި ބުދަ ދުވަހަކު ފްލައިޓް އޮޕަރޭޓުކުރާ ގޮތަށެވެ. އޭގެ އިތުރަށް ބަންގްލަދޭޝްގެ ގައުމީ ބީމާން އެއާލައިންސްއިން ވެސް ދެ ގައުމުގެ ދެމެދުގައި ކޮންމެ ހަފްތާއަކު ދަތުރުކުރަން ފަށަން އަންނަނީ ރާވަމުންނެވެ.

ބަންގްލަދޭޝްގެ ޔޫއެސް ބަންގްލާގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނީ. (ފޮޓޯ/ވީއައިއޭ)

ބަންގްލަދޭޝް މާކެޓުގެ މުހިންމުކަން

ބަދަލުވަމުން އަންނަ ފަތުރުވެރިކަމުގައި ދުނިޔޭގައި އެންމެ މުހިންމު ކަމަކީ ސިންދަފާތު ކުރުމެވެ. ލަގްޒަރީ ރިސޯޓުތަކާއި ޔޫރަޕިއަން މާކެޓުތަކަކީ ދިވެހި ފަތުރުވެރިކަމުގެ މައިބަދައޭ ބުނެވިދާނެ އެވެ. ނަމަވެސް އެއާ އެކުއެކީގައި ކުރިއަރަމުން އަންނަ ބަންގްލަދޭޝްގެ މާކެޓަކީ ސިނާއަތް ކުރިއަރުވަމުން ލިބޭ މުޅިން އާ ފުރުސަތެކެވެ.

މި މާކެޓުގެ ފަތުރުވެރިންނަކީ އެއާޕޯޓާ ކައިރީގައި ހުންނަ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ ސަޕޯޓެކެވެ. އަދި މިއީ އޯފް ޕީކް ސީޒަން ދުވަސްވަރާއި ދުނިޔޭގެ އިގްތިސާދަށް ކުއްލި ބަދަލުތައް އަންނަ ދަނޑިވަޅުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތް ހިފެހެއްޓުމަށް ބޭނުންވާ ފަތުރުވެރިން ގެނެސްދޭނެ މާކެޓެކެވެ.

ލޯކަލް ޓޫރިޒަމް ފައްކާވެފައިވާ ކ. މާފުށި މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

މުސްތަގްބަލުގައި އޮތީ ގުޅުން ބަދަހިކުރުން

ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުން މަސައްކަތްކުރަނީ ރާއްޖެ-ބަންގްލަދޭޝް ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އެކަމަށްޓަކައި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓުހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް)އިން ވިޒިޓް މޯލްޑިވްސް/އެމްއެމްޕީއާރުސީއާ ގުޅިގެން ކުރިއަށް އޮތް އޭޓީއެފް ބަންގްލަދޭޝް ފެއާގައި މަސައްކަތްތަކެއް ކުރާނެ އެވެ. މިއީ މި މާކެޓު ކުރިއަރުވަން އެންއެޗްޖީއޭއެމްއިން އިސްކަންދޭ މިންވަރު ދައްކުވައިދޭ ކަމެކެވެ.

މީގެ ކުރިން ބޭއްވި އޭޓީއެފް ފެއާއެއްގެ ތެރެއިން.

ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގްބަލަށް ބަލައިލާއިރު، ބަންގްލަދޭޝް ފެންނަނީ ހަމައެކަނި ސޯސް މާކެޓެއްގެ ބަދަލުގައި މި ސިނާއަތުގެ ކާމިޔާބީގެ މުހިންމު ބައިވެރިއެއްގެ ގޮތުގަ އެވެ. އެތައް އަހަރެއްގެ މަސައްކަތުން ދެ ގައުމުގެ ދެމެދުގައި އުފެދިފައި އޮތް ގުޅުން ފުޅާވަމުން އަންނަނީ ފަތުރުވެރިކަމުގެ ބަދަހި ގުޅުމަކަށެވެ.

މިއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުން ވެސް ގުޅިގެން މި ގުޅުން ފާހަގަކުރަންވީ ދަނޑިވަޅެވެ. ހުރިހާ ފަރާތްތައް ގުޅިގެން މިއަށް ވުރެ މާ ފުޅާ އަދި އުޖާލާ އަދި ފަތުރުވެރިންނަށް މާ ފުރިހަމަ ތަޖުރިބާއެއް ލިބޭ، ދެ ގައުމަށް ފައިދާކުރަނިވި ފަތުރުވެރިކަމެއް އުފެއްދިދާނެ އެވެ.

ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ގެނެސްދޭ ކުރިއެރުންތަކާ އެކު ބަންގްލަދޭޝް އާއި އެ ގައުމުގެ ރައްޔިތުންނާ މެދު ދިވެހިން ދެކޭ ގޮތް އަންނަނީ ބަދަލުވަމުންނެވެ. މި ބަދަލާ ބައްދަލުކުރާއިރު، ހުޅުވިގެންދަނީ ދެ ގައުމަށް ވެސް އާ ފުރުސަތުތަކަކާއި އުޖާލާ މުސްތަގްބަލެއް ހޯދުމުގެ އުންމީދީ ފުރުސަތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް