އެންއެޗްޖީއޭއެމްގެ އަހަރީ އާންމު ޖަލްސާ 2023. (ފޮޓޯ/އެންއެޗްޖީއޭއެމް)
އެންއެޗްޖީއޭއެމް: ގެސްޓްހައުސްތަކާއި ހޮޓެލް ވިޔަފާރި ކުރިއަރުވާ ވަރުގަދަ ތަނބެއް
ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ގެސްޓުހައުސްތަކާއި ހޮޓެލްތަކުގެ އެންމެ ގާތް މަދަދުވެރިޔާ އެވެ. އެ ތަންތަން ކުރިއަރުވައި، އިޝްތިހާރުކުރުމުގެ މަސައްކަތުގައި މައި ތަނބެކެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު މި ބައި ތަމްސީލުކުރަން ހާއްސަވާ ހަމައެކަނި ގައުމީ އެންޖީއޯގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަން ބައްޓަން ކުރުމުގައި އެންއެޗްޖީއޭއެމްއިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 800 އަށްވުރެ ގިނަ ގެސްޓުހައުސް އޮތްއިރު، މިނިސްޓްރީގައި ރަޖިސްޓްރީކުރާ ހިސާބުން އެންއެޗްޖީއޭއެމްގެ މެމްބަރުކަން އެ ގެސްޓުހައުސްއަކަށް ލިބެ އެވެ. މިއީ ވީހާ ވެސް ގިނަ ގެސްޓުހައުސްތަކުން ބައިވެރިވުން ލިބި، އެ ޖަމިއްޔާއިން ގެސްޓުހައުސްތައް ތަމްސީލުކޮށްދޭ މިންވަރު ފުޅާވާ ކަމެކެވެ.
ބޭރުގެ ޕްލެޓްފޯމްތަކުގައި އެންއެޗްޖީއޭއެމްގެ ދައުރު
އެންއެޗްޖީއޭއެމްގެ މައިގަނޑު ދައުރަކީ ޑެސްޓިނޭޝަން ޕްރޮމޯޝަނަލް ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ، ގެސްޓުހައުސްތަކުގެ މާކެޓިން މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ގެސްޓުހައުސްތައް ހިމެނޭ 'ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް'އަށް އަމާޒުކޮށް އެންއެެޗްޖީއޭއެމްއިން އަހަރަކު ދެ ފަހަރު މަޖައްލާއެއް ނެރުމަށް ކުރާ މަސައްކަތަކީ އޭގެ ހެއްކެކެވެ. މެމްބަރުންގެ ބައިވެރިވުން އިތުރުކޮށް، އެ މަޖައްލާގައި ވީހާ ވެސް ގިނަ ގެސްޓުހައުސްތައް ހިމަނައިދިނުމަށް ކެނޑިނޭޅި އެންއެޗްޖީއޭއެމްއިން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އައިޓީބީ ބާލިން 2024ގައި އެ މަޖައްލާގެ ފުރަތަމަ އެޑިޝަން އިފްތިތާހު ކުރެވުމެވެ.
ބައިނަލްއަގްވާމީ ޕްލެޓްފޯމުތަކުގައި ދިވެހި ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތުގައި އެންއެޗްޖީއޭއެމްއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އައިޓީބީ ބާލިން 2024ގައި 'ވިޒިޓް މޯލްޑިވްސް މީޑިއާ މީޓު' ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ އެންއެޗްޖީއެމްއިން ވަނީ، ދިވެހި ގެސްޓްހައުސްތަކާއި ހޮޓެލްތަކާ ބެހޭ މުހިންމު މައުލޫމާތު ޖަރުމަނާއި ބޭރުގެ އެހެން މާކެޓުތަކަށް ފޯރުކޮށްދީފަ އެވެ.
އޭޓީއެމް ދުބާއީ އާއި އައިޓީބީ ޗައިނާގައި ވެސް ބައިވެރިވެ، ޖަމިއްޔާގެ މެމްބަރުންގެ އުފެއްދުންތަކާއި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގައި މުހިންމު މަސައްކަތަކެއް އެންއެޗްޖީއޭއެމްއިން ވަނީ ކޮށްފަ އެވެ.
އެންއެޗްޖީއޭއެމް އާއި އެމްއެމްޕީއާރުސީ ގުޅިގެން ޓޫރިޒަމް އިޝްތިހާރުކުރަން ކުރާ މަސައްކަތްތަށް މިހާރަށް ވުރެ ފުޅާކުރުމަށްޓަކައި މިފަހުން އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.
ކުރިއަށް ދެން އޮތީ 19-21 ސެޕްޓެމްބަރަށް ބަންގްލަދޭޝްގައި ކުރިއަށްދާ އޭޓީއެފް ފެއާ އެވެ. އެ ފެއާގައި ބައިވެރިވެ، އެންއެޗްޖީއޭއެމްގެ އަމާޒަކީ ރާއްޖޭގައި ފުޅާވަމުން އަންނަ މެދު ފަންތީގެ ފަތުރުވެރިން ހިމެނޭ މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރުމެވެ. އަދި މިއީ ތަފާތު އެކި މާކެޓުތަކަށް ރާއްޖެ އިޝްތިހާރުކުރަން އެ ޖަމިއްޔާއިން ކުރާ މަސައްކަތް ދައްކުވައިދޭ މިސާލެއް ވެސް މެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ލިސްޓުގައި ބަންގްލަދޭޝް މިހާރު އޮތީ 14 ވަނައިގަ އެވެ. ދެކުނު އޭޝިއާ ސަރަހައްދަށް ވަކިން ބަލައިފިނަމަ ބަންގްލަދޭޝްއަކީ މި ސަރަހައްދުން ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ގައުމެވެ. އެންއެޗްޖީއެމްއިން ދެކޭ ގޮތުގައި ބަންގްލަދޭޝްއަކީ ރާއްޖެއަށް އުންމީދީ މާކެޓެކެވެ.
ގެސްޓްހައުސް ވިޔަފާރީގެ އަޑު އެންމެ މައްޗަށް
ޓޫރިޒަމް އިޝްތިހާރު ކުރުމުގެ އިތުރުން ސަރުކާރާއި މި ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރުމަކީ ވެސް އެންއެޗްޖީއޭއެމްގެ މޭންޑޭޓުގައި ހިމެނޭ ކަމެކެވެ. ޓެކްސް މައްސަލަތަކާއި މިނިމަމް ވޭޖު ފަދަ ކަންކަމާ ގުޅޭ ނިންމުންތަކަށް އެސޯސިއޭޝަންގެ ފަރާތުން ލަފާ އަރުވަ އެވެ.
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑާއި އެމްއެމްޕީއާރުސީ ފަދަ ސަރުކާރު އިދާރާތަކުގެ ބޯޑު މެމްބަރުންގެ ގޮތުގައި އެންއެޗްޖީއޭއެމްގެ މެމްބަރުން ތިބުމަކީ މި މަސައްކަތުގައި އެންއެޗްޖީއޭއެމްގެ ދައުރު އިތުރަށް ފުޅާވާ ކަމެކެވެ. އެއާ އެކު ގެސްޓުހައުސްތަކާއި ހޮޓެލްތަކުގެ އަޑު، ޓޫރިޒަމް ގަވަނެންސްގެ އެންމެ މަތީ ފަންތީގައި ވެސް އިވޭނެކަން ކަށަވަރުވެ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދަތި ދުވަސްވަރުގައި ގެސްޓްހައުސްތަކަށް ދިމާވި މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެންއެޗްޖީއޭއެމްއިން ނުކުތީ އިތުރު ހިތްވަރަކާ އެކު އެވެ. އެ ޖަމިއްޔާގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ގެސްޓްހައުސް ވިޔަފާރިއަށް ގޮތްތަކެއް ހޯދައިދިނުމަށްޓަކައި އެ ދުވަސްވަރު އދ.ގެ ފަތުރުވެރިކަމަށް ހާއްސަ ޖަމިއްޔާ، ޔޫއެންޑަބްލިއުޓީއޯއާ އެކު ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވި އެވެ. އަދި ގެސްޓުހައުސްތަކަށް ކޮވިޑް ފަންޑު ބެހުމަށްޓަކައި މަރުކަޒީ ބޭންކު އެމްއެމްއޭއާ ގުޅިގެން މުހިންމު މައުލޫމާތު ހިއްސާކުރި އެވެ.
އަމާޒަކީ މުޅި މުޖުތަމައަށް ވެސް ކުރިއެރުން ގެނެސްދިނުން
އެންއެޗްޖީއޭއެމްއިން ގްރާސްރޫޓްސްއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި ސްޓޭކްހޯލްޑަރުންނާ ގުޅިގެން ތަފާތު އެކި ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދެ އެވެ. އެ ޕްރޮގްރާމްތަކުގެ މަގްސަދަކީ ކޮމިއުނިޓީ ޓޫރިޒަމްއަށް ކޮންމެހެން ބޭނުންވާ އެހެނިހެން ހިދުމަތްތައް ކުރިއަރުވަން ބާރުއެޅުމެވެ.
އޭގެ ތެރޭގައި މިސާލަކަށް ބޭކަރީތަކާއި ލޯންޑްރީ ހިދުމަތްތަކާއި ވޯޓަ ސްޕޯޓްސް އަދި ލޯކަލް ކޮމިއުނިޓީތަކުގެ ތެރެއިން ފަންޑު ހޯދުން ފަދަ ކަންކަން ހިމެނެ އެވެ. މި މަސައްކަތާ އެކު ޓޫރިޒަމްގެ ފެންވަރު ރަނގަޅުވުމުގެ އިތުރަށް މުޖުތަމައަށް އިގްތިސާދީ ކުރިއެރުން ވެސް ގެނެސްދިނުމަށް ބާރުލިބެ އެވެ.
ގެސްޓްހައުސްތަކާއި ހޮޓެލް ވިޔަފާރިތައް ކުރިއަރުވާ މައި ތަނބެއްގެ ގޮތުގައި އެންއެޗްޖީއޭއެމްއިން އަންނަނީ އެ ތަންތަން އިޝްތިހާރުކޮށް، ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ސަރުކާރުގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން ކުރާ މަސައްކަތްތަކާ އެކު އެ ޖަމިއްޔާއިން ސާބިތުވެ އޮތީ ގެސްޓުހައުސް ވިޔަފާރިއަށާއި އެއާ އެކުއެކީގައި ޖުމްލަކޮށް މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް އުޖާލާ މުސްތަގްބަލެއް ހޯދައިދިނުމަށެވެ.
ރާއްޖެއަކީ ކޮންމެ މީހެއްގެ ވެސް ބަކެޓް ލިސްޓުގައި ހިމެނޭ ގައުމެކެވެ. ނަމަވެސް ގިނަ މީހުންނަށް އެނގިފައި އޮންނަނީ މިއީ ހަމައެކަނި މުއްސަނދިންނަށް އާދެވޭ ތަނެއްގެ ގޮތުގަ އެވެ. ރާއްޖޭގައި ކޮމިއުނިޓީ ޓޫރިޒަމް ފުޅާވެ، ގެސްޓްހައުސްތަކާއި ހޮޓެލްތައް މިހާ ގިނައިން ހުންނަކަން ގިނަ މީހުންނަށް ނޭނގެ އެވެ. އަދި މި ތަންތަން ހުންނަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ކަމާއި މި ތަންތަނަށް އައިސް ދިވެހިންގެ ދިރިއުޅުމާއި ސަގާފަތް ބަލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭކަން ވެސް ނޭނގެ އެވެ.
އެންއެޗްޖީއޭއެމްއިން ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކަށް ގެންގޮސްދޭ މެސެޖަކީ މިއީ އެވެ. ހުރިހާ ފަންތީގެ މީހުންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމާއި ގެސްޓްހައުސްތަކާއި ހޮޓެލްތައް އެކަމަށް ތައްޔާރަށް އޮތް ކަމެވެ. އެ ޖަމިއްޔާގެ އަމާޒަކީ ރާއްޖެއަކީ ހުރިހާ ފަންތީގެ މީހުންނަށް ވެސް އެއް ނަންބަރު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމެވެ.