ހިޔާ ޓަވަރުތައް: ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ތިބީ ބޯހިޔާވަހިކަމަށް ޖެހިފައި (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ބޯހިޔާވަހިކަން

ބޯހިޔާވަހިކަމަށް އޮތް އެންމެ ބޮޑު ހުރަސް؛ ފަރުދީ މާލީ ހާލަތުގެ ނުތަނަވަސްކަން

ޒުވާނުން ޖީލުގެ މެދުގައި ފަހަށް ރައްކާކުރުމަށް ވުރެ ބޮޑަށް އޮތީ ހަރަދުކުރުމުގެ ސަގާފަތެއް. އެއާ އެކު ސާނަވީ ތައުލީމުގެ ތެރޭގައި ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަމުގެ ބައިތައް ހިމެނުން މުހިންމު

ބޯހިޔާވަހިކަމަކީ 1900ގެ އަހަރުތަކުގެ ތެރޭގައި މާ ބޮޑު ގޮންޖެހުމެއް ނޫނެވެ. ނަމަވެސް އެއީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާއީ އެތައް މައްސަލަތަކާއި އިގްތިސާދުގެ ދުވެއްޔާ ވެސް ގުޅިފައިވާ ބޮޑު މައްސަލައެކެވެ. ސަބަބަކީ އާއިލީ ހަމަޖެހުމާއި ފަރުދީ ހަމަޖެހުން ވެސް ބޯހިޔާވަހިކަމާ ގުޅިފައި އޮތުމެވެ. 

މިއީ މިއަދު ނުވަތަ އިއްޔެ ކުރިމަތިވި މައްސަލައެއް ނޫނެވެ. މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ވެސް ނޫނެވެ.

ބޯހިޔާވަހިކަން ގުޅިފައިވާ އެތައް ކަމެއް އެބަ ހުއްޓެވެ. ސަރުކާރުތަކާއި މާލީ އިދާރާތަކާ ގުޅޭ ކަންތައްތަކެވެ. ތައުލީމާއި ތަމްރީނު ދޭ އިދާރާތަކާ ގުޅޭ ކަންކަން ވެސް އެބަ ހުއްޓެވެ. އަދި ވަކިވަކި ފަރުދުންގެ އަތްމަތީ ހުރި ކަންކަމެވެ. ދުނިޔޭގެ އިގްތިސާދީ ހާލަތަކީ ނުސީދާ ގޮތުން ވިޔަސް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އަސަރު ފޯރުވާ ކަމެއް ކަމަށް މިކަމުގެ ގިނަ މާހިރުން އެއްބަސްވެ އެވެ.

ކަން މިހެން އޮތްއިރު، އިގްތިސާދީ ހާލަތުގެ ސަބަބުން އުފެލެމުންދާ ތަކެތީގެ އަގާއި އާމްދަނީގެ ނިސްބަތާ ނުބައްދަލު މި ކުޑަކުޑަ ރާއްޖޭގައި ބޯހިޔާވަހިކަން ފަދަ އަސާސީ ކަންކަމުގައި ގިނަ ރައްޔިތުން ބަރޯސާވާން ޖެހެނީ އެ އިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތަށެވެ.

ޕްރައިވެޓް، ލަގްޒަރީ ނުވަތަ ސެމީ ލަގްޒަރީ ހައުސިން ނުވަތަ އެޕާޓްމަންޓަކީ ގިނަ ރައްޔިތުންނަށް އުންމީދު ކުރެވޭ ވަރަށްވުރެ ވެސް މާ ދުރުގައި އޮތް ކަމެކެވެ. އެންމެން ކަހަލަ ގޮތަކަށް ބަރޯސާވާން ޖެހެނީ އަދަދުގެ ގޮތުން މަދު ސޯޝަލް ހައުސިން ސްލޮޓުތަކަށެވެ.

އަމީން އެވެނިއު: ގިނަ ދިވެހިންނަށް އަދިވެސް ދެވެން އޮތީ ސޯޝަލް ހައުސިން ސްކީމަށް (ދައުރު ފޮޓޯ)

ސޯޝަލް ހައުސިންއަށް ވަންނަން ކުރަން ޖެހޭ ހަރަދުތަކާއި މަހުން މަހަށް ދައްކަން ޖެހޭ ފައިސާއަކީ މިކަމުގެ ތެރޭގައި އޮތް އިތުރު ބުރައެކެވެ. ރާއްޖޭގައި ނިސްބަތުން ގިނަ ދިވެހިންނަކީ މާލީ އެކި އިދާރާތަކުން ރަހުނަކާ ނުލައި ފަސޭހައިން ދޫކުރާ ލޯނު ނުވަތަ ދަރަންޏަށް ބަރޯސާވާ މީހުންނެވެ. އިންސްޓޯލްމަންޓަށް ސައިކަލެއް ނުވަތަ ފޯނެއް ނަގައިގެން އުޅޭ މީހުން ވެސް މަދެއް ނޫނެވެ.

ހާއްސަކޮށް ޒުވާން ޖީލަކީ ފަހަށް ރައްކާ ކުރުމަށް ވުރެ ބޮޑަށް ހަރަދު ކުރުމަށް ލޯބިކުރާ ޖީލެކެވެ. ކޮފީ އާއި ކެއުންތަކާއި މި ނޫނަސް ހިތްހަމަޖެހޭ ކަންތައްތަކަށެވެ.

އަސްލު މައްސަލަ ފެށޭ ހިސާބު

ހަގީގީ މައްސަލައަކީ ހަރަދު ކުރުމެއް ނޫނެވެ. އިގްތިސާދެއް ވެސް ނޫނެވެ. ހަގީގީ މައްސަލަ ފެށެނީ ގައުމީ މަންހަޖުގެ ތެރެއިންނެވެ. ރާއްޖޭގައި ސާނަވީ ތައުލީމުގެ ތެރެއަށް ވައްދަންވީ ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަމުގެ ބައިތަކެވެ.

ގުރޭޑް 7-8އަށް ދިއުމުގެ ކުރިން އަމިއްލައަށް ހަރަދުތައް ބަލަހައްޓަން ކުދިންނަށް އުނގަންނައިދޭން އެބަ ޖެހެ އެވެ. ފަހަށް ރައްކާކުރުމާއި އެއް ރުފިޔާ ދެ ރުފިޔާއަށް ނުވަތަ 10 ރުފިޔާއަށް ހަދާނެ ގޮތްތަކެވެ. އިސްލާހުކުރަންވީ ގައުމީ މަންހަޖެވެ. މިއީ ހަމައެކަނި އެކައުންޓިން ނުވަތަ ބިޒްނަސް ކިޔަވާ ކުދިންނަށް އެނގެންވީ ކަންކަމެއް ނޫނެވެ. ވަޒީފާގެ މާހައުލަށް ނުކުންނައިރު މާލީ ފުދުންތެރިކަމަށް ވާސިލްވާން އެނގޭ ޖީލެއް ބިނާކުރަން އެބަ ޖެހެ އެވެ.

ދަރިވަރުންތަކެއް ސްކޫލަށް ދަނީ: ފަހަށް ރައްކާކުރުމުގެ އާދަ ދަރިވަރުންނަށް ވެސް ދަސްކޮށްދޭން ޖެހޭ (ދަރުއު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރާއްޖޭގައި ފައިނޭންޝަލް ލިޓްރަސީއަށް ހޭލުންތެރިކަން ބޮޑުކުރަން އެކި އދާރާތަކުން ކުރާ މަސައްކަތްތައް މި ދަނޑިވަޅުގައި ފާހަގަކުރަން ޖެހެ އެވެ. އެމްއެމްއޭ އާއި ޕެންޝަން އޮފީސް ފަދަ އިދާރާތަކުން ފަހަށް ރައްކާކުރުމުގެ ސިޔާސަތު ނުވަތަ ސަގާފަތް ކުރިއަރުވަން ކުރާ މަސައްކަތަށް ޝުކުރު ހައްގެވެ.

ބަވަނަވަމުން އަންނަ ދުނިޔޭގައި މިފަދަ އިދާރާތަކުން ފައިނޭންޝަލް ލިޓްރަސީއާ ގުޅޭ މައުލޫމާތު ދިވެހިންނަށް ފަސޭހައިން، ފޯން އެޕްލިކޭޝަން އަދި ވެބްސައިޓްތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ ގިނަ ބަޔަކަށް ފަހަށް ފައިސާ ރައްކާ ކުރުމާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ދަސްވާނެ ކަމެކެވެ.

ލިވިން އެކްސްޕޯގައި އެޗުޑީއެފްސީގެ ދައުރު

ހުޅުމާލެ ސެންޓްރަލް ޕާކްގައި މިހާރު ކުރިއަށް ދާ މި އަހަރުގެ ލިވިން އެކްސްޕޯގައި ރާއްޖޭގެ ހައުސިން ފައިނޭންސްއަށް ހާއްސަ ހަމައެކަނި އިދާރާ، އެޗުޑީއެފްސީގެ ފަރާތުން ވެސް މިފަދަ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި މިފަހަރުގެ އެކްސްޕޯގައި ހައުސިން ފައިނޭންސް ޕާޓްނާއެއްގެ ގޮތުގައި ބައިވެރިވެ، އެ ކުންފުނީގެ އަމާޒަކީ ގިނަ ދިވެހިންނަށް ބޯހިޔާވަހިކަމަށް ދާންވީ މަގު ފަސޭހައިން އެއްތަނަކުން ދައްކައިދިނުމެވެ.

ގެއެއް އިމާރާތް ކުރަން ނުވަތަ އެޕާޓްމަންޓެއް ގަންނަން ކަމުގައި ވިޔަސް، ކޮންމެ ދިވެއްސަކަށް ވެސް ލިބޭ އާމްދަނީއަށް ބިނާކޮށް ފައިނޭންސްގެ ގޮތުގައި ނެގިދާނެ އަންދާސީ އަދަދެއް ކުޑަ ވަގުތުކޮޅެއްގައި ހިސާބުކުރެވޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ. މިއީ ގިނަ ބަޔަކު އެނގެން ބޭނުންވާނެ މައުލޫމާތެވެ.

ބޯހިޔާވަހިކަމަށް ކުރާ ދިގު އަދި އުނދަގޫ ދަތުރުގައި ރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އަދި މިކަމުގެ ހައްލު ފެށެނީ ސާނަވީ ތައުލީމުގެ ތެރެއަށް މާލީ ގޮތުން ފުދުންތެރި، ފަހަށް ރައްކާކުރުމާއި އިންވެސްޓް ކުރުމާއި މި ނޫނަސް ފައިނޭންޝަލް ލިޓްރަސީގެ ގިނަ ކަންކަން ދަސްކޮށްދޭނެ މަގު ޗާޓެއް ކުރަހައިގެންނެވެ.

ކޮމެންޓް (1)

ޖީލު

10 އޯގަސްޓު 2024
ވާހަކަ ކިތަންމެހާވެސް މޮޅު. މައިންބަފައިން ގޭ މޭޒު މައްޗަށް ކާއެއްޗެހި އަރުވާހާ ހިނދަކު މިހާރުގެ ޖީލު އިސްލާހެއް ނުވާނެ. މިހާރުގެ ޖީލު ބޭނުންވަނީ ލާރި ލިބޭއިރަށް އެންމެ ފަހުގެ ފޯނު ގަނެގެން، ބިޓު ގޮވައިގެން ސެލްފީ ނަގަން ދިއުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް