ހއ. އުލިގަމުގައި ޔޮޓު މެރީނާއެއް ތަރައްގީކުރަން އެމްޕީއެލް އާއި އެ ރަށު ކައުންސިލާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން. (ފޮޓޯ/އެމްޕީއެލް)

އެމްޕީއެލް

އުލިގަމުގައި ޔޮޓު މެރީނާ އަޅަން އެމްޕީއާއެލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހއ. އުލިގަމުގައި ޔޮޓު މެރީނާ އެޅުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ؛ އެ މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމައި ހިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް އެމްޕީއެލްއިން ބުނޭ
1 އޯގަސްޓު 2024

ހއ. އުލިގަމުގައި މެރިޓައިމް ހިދުމަތްތައް ދިނުމަށްޓަކައި އެމްޕީއެލް އާއި އެ ރަށު ކައުންސިލާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އުލިގަމު ކައުންސިލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ސޮއިކުރެއްވީ:

  • އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު

  • އުލިގަމު ކައުންސިލްގެ ރައީސް އަހްމަދު މުއާޒު މުހައްމަދު

އެމްޕީއެލްގެ ސީއީއޯ ވަޖީހު އާއި އުލިގަމު ކައުންސިލް ރައީސް މުއާޒު އެ ރަށުގައި ޔޮޓު މެރީނާ އަޅަން އެމްއޯޔޫގައި ސޮއިކުރައްވަނީ. (ފޮޓޯ/އެމްޕީއެލް)

ތަފްސީލު - އެކަމާ ގުޅޭ ގޮތުން އެމްޕީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ:

  • އުލިގަމުގައި ޔޮޓު މެރީނާއެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ

  • އެ މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމައި ހިދުމަތް ފޯރުކޮށްދޭން ފަށާނެ

  • ޔޮޓު މެރީނާގެ ކޮންސެޕްޓް ވެސް މިހާރު ވަނީ ހަދާފައި؛ އިންވެސްޓަރުންނާ މިހާރު މަޝްވަރާ ވެސް އެބަ ކުރޭ

ބުނީ ކީކޭ؟ - އެ އެއްބަސްވުމާ ގުޅޭ ގޮތުން ވަޖީހު ވިދާޅުވީ ރާއްޖޭގައި މެރިޓައިމް ސެކްޓާ ފުޅާކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

އުލިގަމަކީ ޒަމާނުއްސުރެ އާދަޔާ ހިލާފަށް ގިނަ ޔޮޓުފަހަރު ޒިޔާރަތްކުރާ ރަށެއްކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ އެ އުޅަނދުފަހަރަށް އެކަށީގެންވާ ހިދުމަތްތައް ފޯރުނުކޮށްދެވުމުގެ ކަންބޮޑުވުން އެ ރަށުގެ ރައްޔިތުންނާއި ކައުންސިލުގައި އެެބައޮތް ކަމަށެވެ.

"އެހެންވެ އަޅުގަނނޑުމެން މި ބެލީ ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ފުރަތަމަ ފަހަރަށް އުލިގަމުގައި ޔޮޓު މެރީނާއެއް ގާއިމުކުރަން،" އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފަށަން ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ބަންކަރިން ސާވިސް އާއި މެރިޓައިމްގެ ހިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ޕޯޓް ހިދުމަތް ފެށުމަށް ކަސްޓަމްސް، އެމްއެންޑީއެފް، އިމިގްރޭޝަން އަދި ޕޯޓު ހެލްތަށް ބޭނުންވާ އޮފީސް ޖާގަ ފޯރުކޮށްދޭނީ، ވަޖީހު ވިދާޅުވި ގޮތުގައި، އެމްޕީއެލްއިންނެވެ. އެ އޮފީސް ޖާގައިގެ މަސައްކަތްތައް މި މަހު 10އަށް ނިންމައި މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް