މަަރުކަޒީ ބޭންކް، އެމްއެމްއޭގެ ހެޑް އޮފީސް ކައިރީ ބަޔަކު މަޑުކޮށްލައިގެން (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

ބޭންކިން

ކުރެޑިޓް ކާޑާއި ދަރަންޏަށް މުދާ ނެގުން އިތުރުވެއްޖެ

ބޭންކުތަކުން ދޫކުރާ ޕާސަނަލް ލޯން މިދިޔަ އޭޕްރީލް މަހު %27 ވަނީ އިތުރުވެފައި

ބޭންކުތަކުން ޕްރައިވެޓް ސެކްޓާއަށް ދަރަންޏަށް ފައިސާ ދޫކުރުން އިތުރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ވެސް ބޮޑު ބައެއް ހިއްސާކުރަނީ ކުރެޑިޓް ކާޑާއި އަމިއްލަ މީހުން ދަރަންޏަށް ނަގާ މުދާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭއިން އިއްޔެ ނެރުނު އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބޭންކުތަކުން ޕްރައިވެޓް ސެކްޓާއަށް ދަރަންޏަށް ފައިސާ ދޫކުރާ މިންވަރު މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް %10އަށް ވަނީ އަރާފަ އެވެ.

އޭގެ ކުރިން މާޗު މަސް ނިމުނުއިރު އެ އަދަދު ހުރީ %8ގަ އެވެ.

ތަފްސީލު - ޓޫރިޒަމް، ކޮންސްޓްރަކްޝަން، ޕާސަނަލް ލޯނު، ކޮމާސް އަދި ރިއަލް އެސްޓޭޓަ ފަދަ ހުރިހާ ބޮޑެތި ދާއިރާތަކަށް ދަރަނި ދޫކޮށްފައިވާ ނިސްބަތް އޭޕްރީލް މަހު ވަނީ އިތުރުވެފަ އެވެ.

އެ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް ފާހަގަކުރެވުނީ، އެމްއެމްއޭއިން ބުނި ގޮތުގައި %27ގެ އިތުރުވުމަކާ އެކު އަމިއްލަ މީހުން ނަގާ ލޯން ނުވަތަ ޕާސަނަލް ލޯނުގެ ބައެވެ. އޭގެ މައިގަނޑު ސަބަބަކީ ކުރެޑިޓް ކާޑު ނެގުމާއި ދަރަންޏަށް މުދާ ނެގުން އިތުރުވުމެވެ.

އެހެން ނަމަވެސް ތައުލީމީ ލޯނު ދޫކުރާ އަދަދަށް ކޮންމެ ވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފަ އެވެ.

އެނގުން މުހިންމު - ދިވެހި ކުރެޑިޓް ކާޑު ނެގުން އިތުރުވެފައިވާއިރު، ރާއްޖޭގައި ހިންގާ ބޭންކުތަކުން ދޭތެރެދޭތެރެއިން ކުރެޑިޓް ކާޑަށް ހާއްސަ ޕްރޮމޯޝަންތަކާއި އާ ބާވަތްތަކުގެ ކުރެޑިޓް ކާޑު ތައާރަފްކުރެ އެވެ. އަދި ކްރިޑިޓް ކާޑަށް ފައިސާ ނުދެއްކުމުގެ މައްސަލަތައް ވެސް ގިނަ އެވެ. 

ކޮމެންޓް (1)

އަލިބެ..

5 ޖޫން 2024
އައިފޯނެއް ގަންނަން ތިޔަކަހަލަ ލޯނެއް ނަގަން އެބަޖެހޭ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް