ރިސޯޓް ހަދާ ތ. ކަޅުދިޔަފުށި

ބީއެމްއެލް

34 މިލިއަން ޑޮލަރުގެ ކަޅުދިޔަފުށި ރިސޯޓް ވިއްކާލަން އަނެއްކާ ވެސް އިއުލާންކޮށްފި

ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކަށް ދޫކޮށްފައިވާ އެ ރަށް ވިއްކާލަނީ ބޭންކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން
4 ޖޫން 2024

ކުރީގެ މެންބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން، ރިސޯޓެއް ތަރައްގީ ކުރުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ތ.ކަޅުދިޔަފުށި ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އެނގުން މުހިންމު - މިއީ އެ ރަށް ވިއްކާލަން ބީއެމްއެލްއިން އިއުލާންކުރި ތިން ވަނަ ފަހަރެވެ. 

މައްސަލައިގެ ފެށުން - ކަޅުދިޔަފުށި ނީލަމުގައި ވިއްކާލަން ބޭންކުން މަސައްކަތް ކުރަނީ 2016 ވަނަ އަހަރު އެ ކުންފުނިން ނަގާފައިވާ ކްރެޑިޓް ފެސިލިޓީ އަށް ދައްކަން ޖެހޭ ފައިސާ، ހުރަވީ އިންޓަނޭޝަނަލް އިން ދައްކަމުން ގޮސްފައި ނުވާތީ، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން، ރަށް ވިއްކާލުމުގެ ހުއްދަ ކޯޓުން ބޭންކަށް ދީފައިވާތީ އެވެ.

  • ރިސޯޓު ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހުރަވީ އިންޓަނޭޝަނަލް އަށް ރަށް ދޫކުރީ 24 އޮގަސްޓު 2015 ގައި

ބީލަން ކުރިއަށް ދާނެ ގޮތް - ކަޅުދިޔަފުށި ނީލަމުގައި ވިއްކާލަން ބޭންކުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި: 

  • ބިޑް ހުށަހަޅަން ޖެހެނީ މި މަހުގެ 30ގެ މެންދުރު 12ގެ ކުރިން

  • އެ ރަށަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ 34.3 މިލިއަން ޑޮލަރު 

  • ބިޑުން ހޮވޭ ފަރާތުން 100،000 ޑޮލަރުގެ ނަން-ރިފަންޑަބަލް ޑިޕޮސިޓެއް ބޭންކުގައި ބަހައްޓަން ޖެހޭ

ކަޅުދިޔަފުށި ތަރައްގީ ކުރާ ގޮތުގެ ޕްލޭން

ކަޅުދިޔަފުށީގެ ޕްލޭން

ކަޅުދިޔަފުށީގައި ތަރައްގީ ކުރަން ނިންމާފައި އޮތީ 108 ކޮޓަރީގެ ރިސޯޓެކެވެ. ހުރަވީ އިންޓަނޭޝަނަލް އިން އެ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން ނިންމާފައި އޮތީ ސްޕެއިންގެ މެލިއާ ހޮޓަލްސް އާ ގުޅިގެންނެވެ. އެގޮތުން: 

  • "ގްރެން މިލިއާ ހުރަވީ" ގެ ނަމުގައި 2017 ގައި އެ ރިސޯޓު ހުޅުވަން މަސައްކަތް ކުރި ނަމަވެސް ރިސޯޓުގެ މަސައްކަތް އަދިވެސް އޮތީ ނުނިމި 

  • އޭގެ ފަހުން 2020 ގައި ވެސް އެ ރިސޯޓު ހުޅުވަން މަސައްކަތް ކުރި

ގުޅިފައިވާ މައްސަލަ - އެމްއެމްޕީއާރުސީ މެދުވެރިކޮށް ހަސަން މަނިކު ދޮންމަނިކަށް ދޫކުރި ކަޅުދިޔަފުށީގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީީސީ) އިން ވެސް ބެލި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައިވާގޮތުން އެ ރިސޯޓުގެ އިކުއިޒިޝަން ފައިސާ ސަރުކާރަށް އޭރުގެ ގުރައިދޫ ދާއިރާގެ މެންބަރަކަށް ހުންނެވި ހުސެއިން މަނިކު ދޮންމަނިކު ދެއްކެވީ އެސްއޯއެފް މެދުވެރިކޮށް އޭނާއަށް ލިބުނު ފައިސާއިންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި ފުރައިގެން ގަޑިއެއް ހާއިރު ތެރޭ އަދި ތިމަރަފުށީ ޑޮމެސްޓިކް އެއާޕޯޓުން ސްޕީޑު ލޯންޗުގައި 20 މިނެޓުން ދެވޭ ސަރަހައްދުގައި އޮންނަ ކަޅުދިޔަފުއްށި އޮންނަނީ ގާދިއްފުށި ކައިރީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް