ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް އޭޓީއެމްއެއްގެ ހިދުމަތް މީހަކު ހޯދަނީ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން މިއަހަރު އިތުރު 57 އޭޓީއެމް ބަހައްޓަނީ

މިދިޔަ އަހަރުވެސް 7 ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ވަނީ ފަށާފައި؛ މިއީ ބޭންކިން ހިދުމަތް ހުރިހާ ރަށެއްގައި ދިނުމަށް އެ ބޭންކުން ކުރާ މުހިންމު މަސައްކަތުގެ ބައެއް
30 މޭ 2024

ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވައި ޓެކްނޮލޮޖީގެ އެހީގައި ބޭންކިން ހިދުމަތް ތަރައްގީ ކުރުމަކީ މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށާއި އެ މަގަށް ވާސިލްވުމަށް އަންނަ އަހަރު ވެސް އިތުރު 57 އޭޓީއެމް ބެހެެއްޓުމަކީ އަމާޒެއް ކަމަށް އެ ބޭންކުގެ ސީއީއޯ ކާލް ސުމްކަ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހުގެ ރޭ ހޮޓަލް ޖެންގައި ބޭއްވި އެ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެ ގުދުރަތީގޮތުން އުފެދިފައި ވަނީ ވަކިވަކި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ކަމަށްވުމުން ނަގުދު ފައިސާއިން މުއާމަލާތް ކުރާ ކުރުން ވީހާ ވެސް މަދުކުރަން ޖެހޭ ކަމަށެވެ.

އެކަން ކުރެވޭނީ ޑިޖިޓަލް ބޭންކިންގެ ފަސޭހަތައް ވީހާ ވެސް ގިނަ ދިވެހިންނަށް ގެނެސްދީގެން ކަމަށް ކާލް ގަބޫލު ކުރައްވަ އެވެ. 

"ނަގުދު ފައިސާ ބޭނުންކުރާ މިންވަރު މަދުކުރުމަކީ އަޅުގަނޑުމެންގެ ދުރުރާސްތާ ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ ކަމެއް،" ކާލް ވިދާޅުވި އެވެ. 

ތަފްސީލް - އޭނާ ވިދާޅުވި ގޮތުގައި އެ އަމާޒަށް ވާސިލްވުމަށް މުޖުތަމައުތަކުގެ މިހާރުގެ ބޭނުންތައް ދެނެގަނެ މިދިޔަ އަހަރު ވެސް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހި ހިމެނޭގޮތަށް 7 ރަށަކަށް މުޅިން އަލަށް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފަ އެވެ. 

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިން ހިދުމަތް ފުޅާކުރަން ކުރާ މަސައްކަތުގެ ތަފްސީލަށް ވަޑައިގަންނަވަމުން ކާލް ވިދާޅުވީ: 

  • މިދިޔަ އަހަރު ނިމުނު އިރު މުޅި ރާއްޖޭގައި ބީއެމްއެލްގެ ޖުމްލަ 142 އޭޓީއެމް އެބަހުރި

  • މިއީ މުޅި ރާއްޖޭގައި ހުރި އޭޓީއެމްގެ %75 

"އަޅުގަނޑުމެންގެ ބޭންކިން ނެޓްވޯކް އިތުރަށް ފުޅާކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި އިތުރު 57 އޭޓީއެމް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ރޭވިފައި،" ކާލް ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ - ބީއެމްއެލްއިން މި ފަހުން ބަހައްޓަމުން އަންނަ އޭޓީއެމްތަކުން ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބެ އެވެ. އެގޮތުން ފައިސާ، ޗެކް ފަދަ ތަކެތި ޖަމާކުރުން އަދި އޭޓީއެމް މެދުވެރިކޮށް ފައިސާ ފޮނުވުން ފަދަ ކަންކަން ވެސް ކުރެވެ އެވެ. 

ޑޮލަރާ ދުރު އިގްތިސާދަކަށް ބީއެެމްއެލްއިން ފިޔަވަޅެއް

ދުނިޔެއަށް އަންނަމުން ދާ ބަދަލުތަކާ އެކު ބައެއް ގައުމުތަކަކީ އެ މީހުންގެ އަމިއްލަ ފައިސާއަށް އިސްކަން ދޭން ބޭނުންވާ ގައުމުތައްކަން ފާހަގަކުރައްވައި ކާލް ވިދާޅުވީ ރާއްޖޭގައި ވެސް ޑޮލަރަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް ބީއެމްއެލްއިން މި ފަހުން ފިޔަވަޅު އަޅާފައި ވާނެ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި މި ޖެނުއަރީ މަހުން ފެށިގެން ބޭންކުގެ ސިސްޓަމްތައް ވަނީ ޔޫއޭއީގެ ފައިސާ، ދިރުހަމް އާއި ޗައިނާގެ ރެންމިންބީން މުއާމަލާތް ކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ. އެގޮތުން: 

  • ރެންމިންބީ ފައިސާގެ މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ރެންމިންބީ އެކައުންޓްތައް ބޭންކުން މިހާރު ހުޅުވައިދޭ؛ އެ އެކައުންޓްތައް މެދުވެރިކޮށް ރެންމިންބީން ބޭރަށް ފައިސާ ދެއްކޭނެ

"މިކަމުގެ ސަބަބުން ތިން ވަނަ ފައިސާއެއް ގަތުމަށް ކުރަން ޖެހޭ ހަރަދާއި ބޭންކިން ޗޭޖްތައް ވެސް ކުޑަވެގެން ދާނެ." ކާލް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް