ބީއެމްއެލްގެ 41 ވަނަ އަހަރީ އާންމު ޖަލްސާ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ބީއެމްއެލް

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ 2 މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ 9 ޖޫން ވާ އާދީއްތަ ދުވަހުގެ މެންދުރު 2 ޖަހާއިރު

ބީއެމްއެލްގެ ބޯޑުގައި އާންމު ހިއްސާދާރުންނަށް ކަނޑައަޅާފައިވާ ތިން މަގާމުގެ ތެރެއިން ދެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ތަފްސީލު - ބީއެމްއެލްގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރައްވާ ތިން ޑިރެކްޓަރުން ތިއްބަވަން ޖެހެ އެވެ.

ބޭންކުން ބުނި ގޮތުގައި:

  • އާންމު ހިއްސާދާރުން ކުރިމަތިލުމަށް 4 ފެބްރުއަރީ 2024 ގައި ހުޅުވާލި ފުރުސަތު 17 މާރިޗު 2024 ގައި ހަމަވިއިރު، 3 ފަރާތެއް ވަނީ ޝައުގުވެރިކަން ފާޅުކުރި

  • ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އެ ތިން ބޭފުޅުން ވެސް ބޯޑަށް އިންތިހާބުކުރި

  • އެ ތިން ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ އެމްއެމްއޭގެ ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވަނެންސް ފޯ ބޭންކްސް، އިންޝުއަރެންސް ކޮމްޕެނީސް އެންޑް ފައިނޭސް ކޮމްޕެނީސްގައި ބަޔާންކުރާ އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ދައުރު 21 ޖުލައި 2024 ގައި ހަމަވާނެ

އެ ތާރީހުން ފެށިގެން ދެ މަގާމު ހުސްވާނެތީ، ބީއެމްއެލްއިން ވަނީ އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އެ މަގާމުތަކަށް ކުރިމަތިލާން އެދި ފޯމު ހުށަހެޅޭނީ މިއަދުން ފެށިގެން 9 ޖޫން ވާ އާދީއްތަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށެވެ. ފޯމު ބަލައިގަންނާނީ:

  • ބީއެމްއެލް ހެޑް އޮފީހުގެ ހަ ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން

  • އީމެއިލް: samah@bml.com.mv

  •   ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އަދި ކޯޕަރޭޓް އެފެއާޒް ޔުނިޓުން ފޯމު ލިބޭނެ

  • އިތުރު މައުލޫމާތު 3330192 ނުވަތަ 3330195 އަށް ގުޅައިގެން ލިބޭނެ

މަގާމުގެ ޝަރުތުތައް

ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލެވޭނީ އާންމު ހިއްސާދާރުންގެ ތެރެއިން އުމުރުން 30 - 70 އަހަރާ ދެމެދުގެ މީހުންނަށެވެ.

އޭގެ އިތުރަށް ބޭންކުގެ ހިންގާ ގަވާއިދުގެ 53 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ހުންނަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ވެސް ފުރިހަމަވާން ޖެހޭނެ އެވެ. އޭގެ ތެރެއިން ބައެއް ޝަރުތުތަކަކީ:

  • 1-

    ބޭންކިން، މާލީ ހިދުމަތްތައް، އިންވެސްޓްމަންޓު ވިޔަފާރި އަދި ކުންފުންޏަށް ކުރިމަތިވެފައިވާ މާކެޓު ނުވަތަ އެހެން ރިސްކުތަކާ ބެހޭ ހޭލުންތެރިކަމާއި މައުލޫމާތު ހުރުން

  • 2-

    އެންމެ މަތީ ދަރަޖައަކަށް އަމިއްލަ އަދި މަސައްކަތުގެ އަހުލާގީ ފެންވަރު ހުރުން

  • 3-

    ޑިރެކްޓަރުކަމުގެ މަގާމު އަދާކުރަން ގާނޫނަކުން ނުވަތަ ޝަރުއީ ކޯޓަކުން މަނާކުރެވިފައިނުވާ މީހެއް ކަމުގައި ނުވުން

  • 4-

    ބަނގުރޫޓުވެފައިވާ މީހެއް ކަމުގައި ނުވުން؛ އަދާނުކުރެވި އޮތް ސާބިތު ދަރަންޏެއް ނެތުން

  • 5-

    ވައްކަން، މަކަރާއި ހީލަތް، ހިޔާނާތް އަދި ފައިސާގެ ކަމެއްގައި މަކަރު ހަދާފައިވާ ނުވަތަ އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރު ކޮށްފާނެކަމަށް ބެލެވޭ އެ ނޫން ވެސް ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން

  • 6-

    މިނިސްޓްރީއެއްގެ އެންމެ އިސްވެރިއެއް ނުވަތަ ކެބިނެޓުގެ މަގާމެއްގައި ހުރި ސަރުކާރުގެ މުވައްޒަފަކަށް ނުވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް