ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ ކުރިއަށް ގެންދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބީއެމްއެލް

ބީއެމްއެލްގެ ހިއްސާއަކަށް 50ރ. ބަހަން ފާސްކޮށްފި؛ ރިކޯޑު އަދަދެއް

ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު 2.07 ބިލިއަން ރުފިޔާގެ ސާފު ފައިދާއިން ހިއްސާދާރުންނަށް 269 މިލިއަން ރުފިޔާ ބަހަން ވަނީ ފާސްކޮށްފައި

ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު 2.07 ބިލިއަން ރުފިޔާގެ ސާފު ފައިދާއިން ހިއްސާދާރުންނަށް 269 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

ހިއްސާދާރުންގެ ރުހުމާ އެކު އެގޮތަށް ފާސްކުރީ ހޮޓެލް ޖެންގެ ބޯލް ރޫމްގައި މިރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ތަފްސީލް - ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 269 މިލިއަން ރުފިޔާ ބަހަން ނިންމީ ހިއްސާއަކަށް 50 ރުފިޔާގެ މަގުންނެވެ.

އެނގުން މުހިއްމު - މީގެ ކުރިން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހީ 40ރ. އެވެ.

ބިއެމްއެލްގެ 2023ގެ މާލީ އުސްއަލިތައް:

  • ޖުމްލަ އާމްދަނީ - 2.6 ބިލިއަން ރުފިޔާ؛ %1.8ގެ އިތުރުވުމެއް

  • ސާފު ފައިދާ - 2.07 ބިލިއަން ރުފިޔާ؛ %27ގެ ކުރިއެރުމެއް

  • ލޯނު ދޫކުރި މިންވަރު %14 އިތުރު

  • ކަސްޓަމަރުން ބޭންކުގައި ފައިސާ ރައްކާކުރި މިންވަރު %5 އިތުރު

ބުނީ ކީކޭ؟ - އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި މިއީ ފަހުރުވެރިވާ ފަދަ ކާމިޔާބީއެކެވެ.

އެ ކާމިޔާބީއަށް ވާސިލްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ، އޭނާ ވިދާޅުވި ގޮތުގައި، ކަސްޓަމަރުންނަށް ދޭ ހިދުމަތާއި އިންފްރާސްޓްރަކްޗާ، ޑިޖިޓަލް ސޮލިއުޝަންސް އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމާއި މުޖުތަމައުއަށް އެ ބޭންކުން ފޯރުކޮށްދޭ އެހީ އެވެ.

"2023 ވަނަ އަހަރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވޭ. މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދު،" އޭނާ ވިދާޅުވި އެވެ.

"މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުން، އަދި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުން."

ގުޅުންހުރި - މިރޭގެ ޖަލްސާގައި، މި އަހަރަށް ބޭންކުގެ އޮޑިޓަރެއްގެ ގޮތުގައި އާންސްޓް އެންޑް ޔަންގް ވަނީ ހަމަޖައްސައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް