ސިޑްސްގެ ވިޔަފާރިއާ ބެހޭ ފޯރަމް ނިންމާލުމުގެ ހަފްލާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
އަންހެނުންނަށް ހާއްސަ 6 މިލިއަން ޑޮލަރުގެ ލޯން ފެސިލިޓީއެއް ތައާރަފްކުރަނީ
އަންހެނުންނަށް ވިޔަފާރި ފަށަން ހާއްސަކޮށްގެން 6.5 މިލިއަން ޑޮލަރު (100.2 މިލިއަން ރުފިޔާ)ގެ ލޯން ފެސިލިޓީއެއް ތައާރަފްކުރަން ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިހާރު އެންޓިގޫއާ އެންޑް ބާބޫޑާގައި ކުރިއަށް ގެންދާ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގްލޯބަލް ބިޒްނަސް ނެޓްވޯކު ބައްދަލުވުން ނިންމުމުގެ ހަފްލާގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު ރާއްޖެ ފަދަ ދުރުދުރުގައި އުފެދިފައިވާ ޖަޒީރާ ރަށްތަކަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމަކީ ސަރުކާރަކަށް އުނދަގޫވާނޭ ކަމެއް ކަމަށެވެ.
އެހެންވެ، އެކަންކަންކޮށްދެވޭނީ ހުރިހާ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި އެންމެން ޝާމިލްކޮށް ބާރުވެރިކުރުވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަންކުރުމަށް ޓަކައި އެފަދަ މުޖުތަމައުތަކުގެ ތެރޭގައި އުފެދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ބާރުވެރިކުރަން މިހާރަށް ވުރެ ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންހެނުންނަށް ވިޔަފާރި ފަށަން ތައާރަފް ކުރާ ލޯން ފެސިލިޓީގެ ބޭނުމަކީ ވެސް އެއީ ކަމަށެވެ.
"އެ ލޯނުގެ %25 ހާއްސަ ކުރާނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް. މި ފަދަ ފަރާތްތަކަށް އިންވެސްޓް ކުރުމަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ތަފްސީލް - ރައީސްގެ ވާހަކައިގައި އެންމެ ބޮޑަށް އަލި އަޅުވާލެއްވި ތިން ކަމަކީ:
-
1-
އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން
-
2-
ޒުވާން ވިޔަފާރިވެރިން ކުރިއެރުވުން
-
3-
އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދިނުން
ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީއިން ފެށިގެން ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށް ކުރާ މަސައްކަތުގައި އަމިއްލަ ފަރާތްތަކާއި ސަރުކާރު ގުޅިގެން ބަދަހިކަމާއެކު އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އާ އީޖާދުތަކާއި ޓެކްނޮލޮޖީއާ ހަމައަށް ކޮންމެ އިގްތިސާދެއްގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ އަމިއްލަ ވިޔަފާރިތައްކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ބޭންކުތަކަށާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ރައީސް ގޮވާލެއްވީ އެއްވެސް ބައެއްގެ އުޖާލާ އަދި އުންމީދީ މުސްތަގުބަލަށް އެޅޭ ހުރަހަކަށް، މާލީ އެހީތެރިކަން ލިބުމުގެ ދަތިކަން ވިޔަނުދިނުމަށެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނަ ގޮތަކަށް ކަންކަން ކުރުމަށް ރާވައި އިސްކަންދީގެން، ޒިންމާދާރުކަމާއި ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ރައީސް ވާހަކަ ނިންމާލެއްވީ، އެންޓީގާ އެންޑް ބާބިޔުޑާގެ އެޖެންޑާ ހާސިލްކުރެވޭނީ، ސިޑްސްގެ ގައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތް ކޮށް، އެންމެން ޝާމިލުވާގޮތަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ވެސް އަމިއްލަ ވިޔަފާރަވެރިން ކުރިއަށް ނެރެގެންކަން ފާހަކުރައްވަމުންނެވެ.