ފިނޭންސް މިނިސްޓްރީ އިމާރާތް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދަރަނި މެނޭޖުކުރަން ހާއްސަ ގާނޫނަކާ އެކު އޮފީހެއް އުފައްދަނީ

ފިނޭންސް މިނިސްޓްރީން ބުނީ އެ ގާނޫނާ އެކު ސޮވަރިން ފަންޑަށް ހާއްސަ ގާނޫނެއް ހަދައި އެ ފަންޑް ބަލަހައްޓައި އިންވެސްޓްކުރަން ހާއްސަ ކޮމިޓީއެއް އެކުލަވާލާނެ ކަމަށް

ދަރަނި މެނޭޖުކުރުން ހަރުދަނާކުރުމަށްޓަކައި އެކަމަށް ހާއްސަ ގާނޫނެއް ހަދައި ދަރަނި މެނޭޖުކުރާނެ ހާއްސަ އޮފީހެއް އުފައްދާނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ބުނީ ކީކޭ؟ - ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކުރި 'ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް' ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ފިނޭންސް މިނިސްޓްރީގައި އޮތީ ވަރަށް އުނދަގޫ ހާލަތެއް ކަމަށެވެ.

"ކޭޝްފްލޯ ވަރަށް ޓައިޓް. [ފައިސާ] ހަރަދުކުރަން ޖެހޭ ބައިވަރު ކަންކަން ހުރޭ. މި ސަރުކާރަށް ވާރުތަވީ ދެ ބިލިއަން ރުފިޔާގެ ފައިސާ ނުދައްކާ ބިލުތަކުގެ އިގްތިސާދެއް،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ. (ފޮޓޯ/ވޯލްޑް ބޭންކް)

ތަފްސީލު - މި ސަރުކާރުން ވެރިކަމާ ހަވާލުވެގެން ފިނޭންސް މިނިސްޓްރީއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމުގެ ތަފްސީލު ވެސް ސާއިދު ހިއްސާކުރެއްވި އެވެ.

އެގޮތުން މިދިޔަ އަހަރު ނިމުމުގެ ކުރިން ފާސްކުރި ސަޕްލިމަަންޓްރީ ބަޖެޓަށް 6.5 ބިލިއަން ރުފިޔާ ހޯދަން ލިބުނީ އެންމެ 43 ދުވަސް ކަމަށާއި އޭރު ކުރިމަތިވި މާލީ ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް ޑޮމެސްޓިކް މާކެޓުގެ ތެރެއިން 1.9 ބިލިއަން ރުފިޔާ ހޯދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ އިކޮނޮމިކް ޑިވަލޮޕްމަންޓް އަޕްޑޭޓްގެ މޭގެ އެޑިޝަން ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރުންނާއި އިސް ބޭފުޅުން. (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

މިހާރު މި އޮތް ހާލަތާއި ދާން ބޭނުންވާ މިސްރާބަށް ބަލައިލުމުން، ސާއިދު ވިދާޅުވީ ގާނޫނަށާއި މާލީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ވަރަށް ސާފު ކަމަށެވެ.

"ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރެއިން އަޅުގަނޑުމެން ހުށަހަޅާނަން ޕަބްލިކް ޑެޓް މެނޭޖްމަންޓު ބިލެއް. އެ ބިލުން (ފާސްވެ، ގާނޫނަކަށް ވުމުން) ދަރަނި މެނޭޖު ކުރަން ހާއްސަ އޮފީހެއް ގާއިމުކުރާނެ،" ސާއިދު ވިދާޅުވި އެވެ.

"އެ ބިލުގައި ވަރަށް ސާފުކޮށް ބަޔާންކުރާނަން ޑެޓް ސަސްޓެއިނިބިލިޓީ ދަމަހައްޓަން އަމަލުކުރަން ޖެހޭ ގަވާއިދުތައް ވެސް. އަދި ދަރަނީގެ ކަންކަމުގައި ދެ ފުއްފެންނަ ގޮތަށް ކޮންމެ ސަރުކާރަކަށް ވެސް އަމަލު ކުރަން ޖެހޭނެ ގޮތަށް އެ ގާނޫނު ހުށަހެޅިގެން ދާނީ." 

އޭނާ އިތުރަށް ވިދާޅުވީ ދަރަނި ދައްކަން އުފައްދާފައިވާ ސޮވަރިން ފަންޑަށް ވެސް ހާއްސަ ގާނޫނެއް ހަދައި އެއީ ގާނޫނީ ގޮތުން ރައްކާތެރިކަން ލިބޭ ފަންޑެއްގެ ގޮތުގައި ހަދާނޭ ކަމަށެވެ. އަދި ސޮވަރިން ފަންޑު ބެލެހެއްޓުމާއި އެ ފަންޑުން އިންވެސްޓް ކުރުމުގެ އުސޫލުތައް ވެސް ގާނޫނުގެ ތެރެއިން ކަނޑައަޅާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ގާނޫނުގެ ތެރެއިން އިންވެސްޓްމަންޓަށް ހާއްސަ ކޮމެޓީއެއް ވެސް އެކުލަވައިލާނެ،" ސާއިދު ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް