ދިރާގު ވާހަކަ ގްރޫޕް އެޑް އޮން އިފްތިތާހް ކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
'ހުސްނުވާ ވާހަކަތަކަށް' ދިރާގުން 'ހުސްނުވާ' ކޯލްތައް
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ‘ވާހަކަ’ގެ ނަމުގައި އަންލިމިޓެޑް ގްރޫޕް ކޯލް ކުރެވޭ މުޅިން އައު އެޑް-އޮންއެއް ތައާރަފްކޮށްފި އެވެ.
ވާހަކަ އެޑް-އޮން
-
އަގު: 50ރ.
-
މުއްދަތު: 30 ދުވަސް
-
އެ މުއްދަތުގައި މި އެޑް-އޮން އެކްޓިވޭޓް ކޮށްފައިވާ އެހެން ކަސްޓަމަރުންނަށް ހިލޭ ގުޅޭނެ
-
އެޑް-އޮންގައި އަންލިމިޓެޑް ކޯލްސްގެ އިތުރުން 1 ޖީބީގެ ޑޭޓާ ވެސް ލިބޭނެ
-
މި އެޑް-އޮން ބޭނުންކުރާ ކޮންޓެކްޓްސް އެޕްލިލޭޝަނުން ފެންނާނެ
މި އެޑް-އޮންގައި، ކޯލިން ގްރޫޕުގައި ބައިވެރިވުމުގެ ދައުވަތު، ވަޓްސްއެޕް، ޓެލެގްރާމް ނުވަތަ ވައިބާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފޮނުވާލެވޭނެ އެވެ.
"ކަސްޓަމަރުން އެކަކު އަނެކަކާ މުވާސަލާތީ ގޮތުން ފަސޭހަކަމާ އެކު ގުޅުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިފަދަ އޮފާއެއް ތައާރަފްކުރުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވި އެވެ.
"އެގޮތުން މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން، ދިރާގު ނެޓްވޯކް މެދުވެރިކޮށް ގުޅުވާލުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތުގެ ވަރަށް، ވަރަށް މުހިންމު ކާމިޔާބީއެއް."
އޭނާ ވިދާޅުވި ގޮތުގައި ޗެޓަކުން ވާހަކައެއް ބުނުމަށް ވުރެ ފޯނުން ގުޅައިގެން ވާހަކައެއް ބުނުމުގެ ތަޖުރިބާ ތަފާތުވާނެ އެވެ. މި އެޑް-އޮންއާ އެކު އެފަދަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށާއި މިއީ ނިމުމެއް ނެތް ފަދަ ދިގު ވާހަކަތައް ހިއްސާކުރަން ވެސް ވަރަށް އެކަށީގެންވާ އެޑް-އޮންއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ވާހަކަ އެޑްއޮންއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ބަލައިލެވޭނެ އެވެ.