ލޮޓީފައިލްސްގެ ޓީމް ރިޓްރީޓެއް ތެރެއިން ގްރޫޕްފޮޓޯއެއްގައި - ފޮޓޯ/ ލޮޓީފައިލްސް

ޓެކްނޮލޮޖީ

ލޮޓީފައިލްސްއަށް އާ ފުޅާވުމެއް؛ ފިގްމާ އާއި ވެބްފްލޯއާ އެކު ޕާޓްނަޝިޕެއް

ލޮޓީފައިލްސް އިން މިހާތަނަށް ވަނީ 47 މިލިއަނަށް ވުރެ ގިނަ ޑޮލަރު (724.7 މިލިއަން ރުފިޔާ) އިންވެސްޓްމަންޓް ފަންޑިންގެ ގޮތުގައި ހޯދާފައި
8 މޭ 2024

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) އިސް ދައުރެއް އަދާކޮށްގެން ފެށި، ވެބް އެނިމޭޝަންތައް ހެދުމަށް ބޮޑު ފަސޭހައެއް ގެނެސްދިން ސްޓާޓްއަޕެއް ކަމަށްވާ، ލޮޓީފައިލްސްއަށް ފިގްމާ އާއި ވެބްފްލޯއާ އެކު އިތުރު އެއްބަސްވުންތަކަކަށް ގޮސް އިތުރު އިންވެސްޓްމަންޓް ހޯދައިފި އެވެ.

ލޮޓީފައިލްސް:

  • އުފެއްދީ ނަސްރުﷲ އަދުނާން އާއި އިންޑިއާއަށް އުފަން ޝިޓީޖް މިންގްލާނީ ގުޅިގެން 2017ގައި

  • އެމެރިކާގެ ސެން ފްރެންސިސްކޯގައި މައި އޮފީސް ހުންނަ ކުންފުނިން މެލޭޝިއާގެ ކުއަލަ ލަމްޕޫރާއި ދެކުނު ކޮރެއާގައި ވެސް އޮޕަރޭޝަންތައް ހިންގާ

  • ލޮޓީފައިލްސްއިން ކުރާ ކަމަކީ އެޑޯބީ އާފްޓަ އިފެކްޓްސް ފަދަ ސޮފްޓްވެއާތައް ބޭނުންކޮށްގެން ހަދާ އެނިމޭޝަންތައް 'ލޮޓީ' ފައިލް ފޯމެޓަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތް އަވަސް އަދި ފަސޭހަކޮށްދީ، އެޕްތަކާއި ވެބްސައިޓުގައި ބޭނުންކުރެވޭ ފަދަ ލުއި ފައިލްތަކަކަށް އެ ފަދަ އެނިމޭޝަންތައް ބަދަލުކޮށްދިނުން

  • ލޮޓީފައިލްސް ބޭނުންކުރާ މީހުންގެ އަދަދު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ 1 މިލިއަނުން 9 މިލިއަނަށް އިތުރުވެފައި

  • ދުނިޔޭގެ 280،000 ކުންފުންޏެއްގައި މަސައްކަތްކުރާ އެނިމޭޝަން އަދި މޯޝަން ޑިޒައިނަރުން ލޮޓީފައިލްސް ބޭނުންކުރޭ؛ އޭގެ ތެރޭގައި ގޫގުލް، ޓިކްޓޮކް، ޑިޒްނީ، އޫބާ، އެއާބީއެންބީ އަދި ނެޓްފްލިކްސް ފަދަ މަޝްހޫރު ކުންފުނިތައް ވެސް ހިމެނޭ

  • ގިނަ އަދަދެއްގެ ދިވެހި ޑިވެލޮޕަރުން ލޮޓީފައިލްސްގައި މަސައްކަތް ކުރޭ

ލޮޓީފައިލްސްގެ ބާނީން ކަމަށްވާ ދިވެހި ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) (ކ) އަދި އިންޑިއާއަށް އުފަން ޝިޓީޖް މިންގްލާނީ. (ފޮޓޯ/ލޮޓީފައިލްސް)

ބުނީ ކީކޭ؟ - ފިގްމާ އާއި ވެބްފްލޯއިން ލިބުނު އިންވެސްޓްމަންޓާ އެކު ނަސްރުﷲ ވިދާޅުވީ ފިގްމާއާ ގުޅިގެން ކުރާ މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި ލޮޓީގެ ފިގްމާ ޕްލަގިން ބޭނުންކޮށްގެން އެތައް ސަތޭކަ އެތައް ހާސް އެނިމޭޝަންތަކެއް މިހާތަނަށް ހަދާފައިވާ ކަމަށެވެ. އަދި މިފަހުން ޑިޒައިނަރުންނަށް ފަސޭހަވާނޭ އާ ފީޗާތައް ވެސް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.  

މީގެ އިތުރަށް އޭނާ ވިދާޅުވީ: 

  • ވެބްފްލޯއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ލޮޓީ ފައިލްސް ބޭނުންކުރާ ޑިޒައިނަރުންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ

  • ޑޮޓްލޮޓީ ފައިލް ފޯމެޓާ އެކު އެނިމޭޝަންތައް ރައްކާކޮށް ހިއްސާކުރާ ގޮތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ 

  • ޑޮޓްލޮޓީން ފައިލް ސައިޒުތައް އެވްރެޖްކޮށް %80 ދަށްވޭ 

"މި އާ ޕާޓްނާޝިޕްތަކާ އެކު ލޮޓީ ބޭނުން ކުރާ ފަރާތްތަކަށް އާ ފުރުސަތުތައް ހުޅުވިގެންދާނެ،" ނަސްރުﷲ ވިދާޅުވި އެވެ. 

ލޮޓީގެ އެއް ފައުންޑާ ސީއީއޯ ކޭ ވިދާޅުވީ އަޅުގަނޑުމެންގެ އަމާޒަކީ މޯޝަން ޑިޒައިން އަދި ގްރެފިކްސް އެނިމޭޝަން ޑިމޮކްރަޓައިޒްކޮށް، އެންމެންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ހެދުން ކަމަށެވެ. އަދި އެކަމުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިފަދަ ބޮޑު މިޝަންއެއްގައި ޑިޒައިން އިންޑަސްޓްރީގެ މިފަދަ މުހިންމު ޕާޓްނަރުންނާ އެކު މަސައްކަތް ކުރަން ލިބުމަކީ ލިބޭ ވަރަށް ވަރަށް ބޮޑު އުފަލެއް،" ކޭ ވިދާޅުވި އެވެ. 

ލޮޓީފައިލްސްގެ ބައެއް ޓީމް މެންބަރުން މަސައްކަތުގައި

ފާހަގަކޮށްލެވޭ - ލޮޓީފައިލްސް އިން މިހާތަނަށް ވަނީ 47 މިލިއަނަށް ވުރެ ގިނަ ޑޮލަރު (724.7 މިލިއަން ރުފިޔާ) އިންވެސްޓްމަންޓް ފަންޑިންގެ ގޮތުގައި ހޯދައިފަ އެވެ. 

ޑިޒައިނަރުންގެ ދުނިޔޭގައި ލޮޓީފައިލްސްގެ މަގުބޫލްކަން ބޮޑެވެ. އެގޮތުން ކެންވާ ފަދަ ޑިޒައިން ކުރުމުގައި ބޭނުންކުރާ އޮންލައިން ގިނަ ޕްލެޓްފޯމްތަކުގައި ލޮޓީ ފައިލް ބޭނުން ކުރެވެ އެވެ. މީގެ އިތުރުން ދާދި ފަހުން ލޮޓީއިން ވަނީ އާފްޓާ އިފެކްޓްސް ފަދަ ވެބް ބޭސްޑް މޯޝަން ޑިޒައިން ޓޫލްއެއް ވެސް ނެރެފަ އެވެ.

ލޮޓީފައިލްސް އިން އަންނަނީ އެނިމޭޝަންތަކާ އެކު މީހުން މަސައްކަތް ކުރާ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް