27 އޭޕްރީލް 2024 - ކްރޮސްރޯޑްސްގައި ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ. (ފޮޓޯ/ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އެވޯޑް ދިނުމަށް ހުކުރު ދުވަހުގެ ރޭ ހަފުލާއެއް ބާއްވައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، އެ މުވައްޒަފުންނަށް އެވޯޑް ދީފި އެވެ.
ވީ ކިހިނެއް؟- ހުކުރު ދުވަހުގެ ރޭ ކްރޮސްރޯޑްސްގައި ބޭއްވި މި ހަފްލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކާލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.
ތަފުސީލް- އެ ހަފުލާގައި އެމްޕްލޯއީ އޮފް ދަ އިޔާގެ އެވޯޑް ހޯދާފައިވަނީ ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ޝާއިގު އަހްމަދެވެ. އަދި ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގް އެޗީވްމަންޓް އެވޯޑް ހޯދާފައިވަނީ ނައިފަރު ބްރާންޗުންނެވެ.
އަދި ބެސްޓް ލީޑަރު އެވޯޑް އަލީ ފާރިޝް ހަލީލް، ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގް ހޯދި އިރު، އަޒާން ރަޝީދު، ޓާމިނަލް މެނޭޖްމަންޓް ޔުނިޓް، ވަނީ ބެސްޓް މެނޭޖަރުގެ އެވޯޑް ހޯދައިފަ އެވެ.
އޭގެ އިތުރުން މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ކެޓަގަރީތަކުން ވަނީ އެވޯޑް ދީފަ އެވެ. އޭގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ޓީމް، ކަސްޓަމާ ސާވިސް ސްޓާރު އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެ އެވެ.
އެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކާލް ސްޓުމްކަ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބޭންކުގެ ޓީމާ ދޭތެރޭ އޭނާ ފަހުރުވެރިވާ ކަމަށާއި މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްދޭ އަހައްމިއްޔަތުކަން އަހަރުން އަހަރަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން ދައްކުވައިދޭ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް- ބީއެމްއެލް އިން މިދިޔަ އަހަރު ވަނީ ރެކޯޑް މިންވަރެެއްްގެ ނަތީޖާއެއް ހޯދައިފަ އެވެ. އެ ގޮތުން ހުސްވި އަހަރު ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ވަނީ އެ ބޭންކަށް ލިބިފަ އެވެ.
މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ނަތީޖާ ހޯދުނީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި "މި ފުރުސަތުގައި ކޮންމެ މުވައްޒަފަކަށް ވެސް ވަކިވަކިން އަޅުގަނޑު ޝުކުރު އަދާ" ކުރައްވާ ކަމަށެވެ.
ކޮމެންޓް (1)
ސަމަރު