ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވޯލްޑް ބޭންކް

ރިސޯޓުތަކުން ގެސްޓުހައުސްތަކަށް ޓޫރިޒަމް ފުރޮޅޭތީ ކުރިއެރުން މަޑުޖެހެނީ

ރާއްޖެ އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން އަގުބޮޑު ރިސޯޓުތަކުގެ ބަދަލުގައި އަގުހެޔޮ ގެސްޓުހައުސްތައް ހިޔާރު ކުރަމުން އަންނާތީ، އޭގެ އަސަރު ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ފޯރަމުން އަންނަ ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރޭ

ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ރިސޯޓުތަކުން ގެސްޓުހައުސްތަކަށް ފުރޮޅެމުން އަންނާތީ، މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު ވޯލްޑް ބޭންކުން ދަށްކޮށްފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުން މިއަދު ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓު ރިޕޯޓުގައި ވާ ގޮތުގައި މި އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރަނީ %4.7 ގަ އެވެ. މިއީ ކުރިން ވޯލްޑް ބޭންކުން ލަފާކުރި ވަރަށް ވުރެ %0.5 ދަށް މިންވަރެކެވެ.

ތަފްސީލު - ވޯލްޑް ބޭންކުން ރާއްޖޭގެ ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރި ކުރުން ދަށްކުރީ، އެ ރިޕޯޓުގައި ވާ ގޮތުގައި، ޓޫރިޒަމް ސިނާއަތް ބަދަލުވަމުން އަންނަ ގޮތުންނެވެ. އެގޮތުން، އަގުބޮޑު ރިސޯޓުތަކުގެ ބަދަލުގައި ގިނަ ފަތުރުވެރިން މިހާރު އަންނަނީ އަގުހެޔޮ ގެސްޓުހައުސްތަކަށް ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ އަދަދު 2025ގައި ހުންނާނެ ކަމަށް ލަފާކުރަނީ %5.2 ގަ އެވެ. އެހެން ނަމަވެސް އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ މަޝްރޫއު ނިމިއްޖެ ނަމަ އެވެ.

އެ މަޝްރޫއާ އެކު ވެސް ކަރަންޓް އެކައުންޓުގެ ޑެފިސިޓް ޖީޑީޕީގެ %20އަށް އަރާނެ ކަމަށާއި ފިސްކަލް ޑެފިސިޓު އަންނަ އަހަރު ދެ ނަންބަރުގެ އަދަދެއްގައި ހުންނާނެ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ޖީޑީޕީގެ ނިސްބަތުން ބަލާއިރު ދައުލަތުގެ ދަރަނި ބޮޑުކަމާއި ވަކިން ހާއްސަކޯށް ބޭރުގެ ދަރަނި އަދާކުރަން ހުރި ގޮންޖެހުންތަކުގެ ސަބަބުން ދަރަނި އަދާކުރުމާ މެދު ވޯލްޑް ބޭންކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި:

  • މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރީ %2އިން (2022ގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު)

  • މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހަރަކާތްތަކަށް %5ގެ ހީނަރުކަމެއް އައި؛ މިއީ މިފަދަ ހީނަރުކަމެއް ޖެހިޖެހިގެން އައި ދެ ވަނަ ކުއާޓަރު

  • އެ ހީނަރުކަން އަންނަ ސަބަބަކީ ވެސް އަގުބޮޑު ރިސޯޓުތަކުގެ ބަދަލުގައި އަގުހެޔޮ ގެސްޓުހައުސްތަކަށް ދާ ފަތުރުވެރިންގެ އަދަދު އިތުރުވުން

ކޮމެންޓް (5)

ޥޯލްޑް

2 އޭޕްރީލު 2024
ވޯލްޑް ބޭންކަކީ މާ ތެދު ރިޕޯޓް ލިޔާ ބަޔެއް ނޫން. ސާނަވީ ތައުލީމު ނިންމައި ބައިވެރިވާ ދުނިޔޭގެ އިމްތިހާންތަކުން ރާއްޖޭގެ ދަރިވަރުން މަތީވަނަތައް ހޯދަމުން ދާއިރު އެކުދިން ސްކޫލްތަކުގައި 10 އަހަރު އުޅުނަސް ލިބެނީ 5 އަހަރުގެ ތައުލީމޭ އެކިޔަނީ. ދެން އެކުދިން އިނގިރޭސިވިލާތުގެ ކުދިންނަށްވުރެން އިންގްލިޝް ލޭންގުއޭޖަށް މޮޅުވަނީ ކިހިނަކުން.
0 5

ބޭންކް

3 އޭޕްރީލު 2024
@ޥޯލްޑް ތިޔަހެން ބުނީވެސް ވަރލޑް ބޭންކުގެ ރިޕޯޓެއްގައި.
0 0

އަލީ

2 އޭޕްރީލު 2024
އަސަރު ކުރާނެ ކަމަކަށް ނުބެލެވޭ ރިސޯޓްތަކުން %5 ދިވެހިންނަށް ނުލިބޭއިރު ގެސްޓްހައުސްތަކުން %100 އާމްދަނީ އެއް ލިބޭނެ އަދި ރިސޯޓްތަކުން ދިވެހިރާއްޖޭގެ ބޭންކަކަށް އެންމެ ޑޮލަރެއްވެސް ނުވައްދާ އެކަމާ ހެދި ޑޮލަރު އަގު ބޮޑުވެ އިންޕުލޭޝަން މައްޗަށްދަނީ
2 1

ރާއްޖޭތެރޭ ސޮރު

2 އޭޕްރީލު 2024
ވޯލްޑް ބޭންކަށް ނެނގެނީތަ އަގުބޮޑު ރިސޯޓްތަކުން ޖީ.އެސް.ޓީ ނުދައްކާކަން. މިހާރުވެސް ބަލާބަލަ އެއްވެސް ގެސްޓްހައުސްއެއް މީރާގެ ބްލެކްލިސްޓްގައި އޮތްތޯ. ކިތައް ރިސޯޓް އެ ލިސްޓްގަ އެބައޮތް.
3 1

ހިތަދު 2

2 އޭޕްރީލު 2024
ރަނގަޅީވެސް ރިޒޯޓްތަކަށް ކުރިއެރުން ނުލިބުނިއްޔާ މިހެން މިބުނީ ދަތުރަކަށް ގެސްޓެއް ބަލާ ދިޔަޔަސް އެމީހުން ދޫނުކުރޭ ހީވަނި ޖަލުގަ ބަޔަކު ގެންގުޅޭހެން އެހެން ބަޔަކަށް މަންފާއެއް ވެގެން ނުވޭ ހުރިހާ މޮޅެއް ރިސޯޓްތަކަށް އޮންނަން ޖެހެނީ، ޑޮލަރުވެސް، ޓެކްސް ނުދެއްކިޔަސް، ކުލިމާފް ވިޔަސް ހުރިހާ ކަމެއް އެމީހުންނަށް ހައްގުވަނީ؟
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް