ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރިސޯޓް މުވައްޒަފުން މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މަތީ ފަންތީގެ ރިސޯޓުތަކުގެ ސާވިސް ޗާޖު ދަށް؛ ބުނެދެނީ އާ އަހަރަށް އައި މަހުޖަނުން މަދުކަން

މިދިޔަ އަހަރެކޭ ވެސް އެއް ގޮތަށް މި އަހަރުގެ ފުރަތަމަ ސާވިސް ޗާޖު ވެސް އެންމެ ގިނައިން ދިނީ ވޮލްޑޯފް އެސްޓޯރިއާއިން؛ މި އަހަރު ދިނީ މިދިޔަ ދެ އަހަރަށް ވުރެ 400 ވަރަކަށް ޑޮލަރު ދަށްކޮށް

އަހަރުގެ ފުރަތަމަ ސާވިސް ޗާޖު އެންމެ ގިނައިން ދިން ރިސޯޓުގެ މަގާމު ވޮލްޑޯފް އެސްޓޯރިއާއިން ދަމަހައްޓައިފި އެވެ. ނަމަވެސް 2،896 ޑޮލަރު (44،656ރ.) އަކީ މިދިޔަ އަހަރުގެ ފުރަތަމަ ސާވިސް ޗާޖު ދިން މިންވަރަށް ވުރެ ދަށް އަދަދެކެވެ.

ވީ ކިހިނެއް؟ - ވޮލްޑޯފް އެސްޓޯރިއާގެ އިތުރުން މިދިޔަ މަހު ރާއްޖޭގެ މަތީ ފަންތީގެ ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ދިން ސާވިސް ޗާޖު، އޭގެ ކުރީ ދެ އަހަރާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ.

ތަފްސީލު - 'ދައުރު'އަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސާވިސް ޗާޖު އެންމެ ގިނައިން ދޭ ރިސޯޓުތަކުގެ ކުރީގައި މިފަހަރު ވެސް އޮތީ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އަދި ވަން އެންޑް އޮންލީ ރީތި ރަށެވެ.

އިތާފުށި

އިތާފުށީގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދިން މިންވަރަށް ބަލާއިރު، 2020ގެ ފަހުން އެވަރޭޖުކޮށް އެންމެ ދަށް އަދަދަކުން ސާވިސް ޗާޖު ދިނީ މިދިޔަ އަހަރު އެވެ.

މިދިޔަ ތިން އަހަރުގެ އެވަރޭޖު:

  • 2021 - 1،612.36 ޑޮލަރު

  • 2022 - 1،501.72 ޑޮލަރު

  • 2023 - 1،452.67 ޑޮލަރު

ޑިސެމްބަރު މަހަށް އެކަނި ބަލާއިރު، މިދިޔަ ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 1،249 ޑޮލަރެވެ. އެއާ ހިލާފަށް 2021 ވަނަ އަހަރު 1،779.18 ޑޮލަރު އަދި 2022 ވަނަ އަހަރު 1،506.65 ޑޮލަރު ދީފައިވެ އެވެ.

ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް ޖެހެނީ 2،896.66 ޑޮލަރެވެ. އެއީ 2021 އާއި 2022ގެ ޖެނުއަރީއާ އަޅާބަލާއިރު ގާތްގަނޑަކަށް 400 ޑޮލަރު ދަށް އަދަދެކެވެ.

ރީތި ރަށް

ވަން އެންޑް އޮންލީ ރީތި ރަށުން ވެސް މި އަހަރުގެ ޖެނުއަރީގައި މުވައްޒަފުންނަށް ދިން ސާވިސް ޗާޖު ވަނީ މިދިޔަ ދެ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފަ އެވެ. އެގޮތުން:

  • 2022 ޖެނުއަރީ - 3،089 ޑޮލަރު

  • 2023 ޖެނުއަރީ - 3،054 ޑޮލަރު

  • 2024 ޖެނުއަރީ - 2،818 ޑޮލަރު

މި ދެ ރިސޯޓަކީ ވެސް 700އަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅެ އަދި ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް ނެރެ، ޓެކުހުގެ ގޮތުގައި ވެސް ދައުލަތަށް އެންމެ ގިނައިން ފައިސާ ދައްކާ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ދެ ރިސޯޓެވެ.

ވަން އެންޑް އޮންލީ ރީތިރަށުގައި 128 ކޮޓަރި ހުރެ އެވެ. އަދި ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި 118 ކޮޓަރީގެ އިތުރުން ޕްރައިވެޓް އައިލެންޑެއް ހިންގަ އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ގުނާލެވޭ މި ދެ ރިސޯޓުން ދިން އަހަރުގެ ފުރަތަމަ ސާވިސް ޗާޖު މިދިޔަ ދެ އަހަރާ އަޅާބަލާއިރު ދަށްވުމުގެ މާނައަކީ ކުރިސްމަސް އާއި އާ އަހަރު ފާހަގަކުރަން އެ ދެ ރިސޯޓަށް އައި މުއްސަނދިން މަދުކަމެވެ.

ބައެއް އެހެން ރިސޯޓުތަކުން ޖެނުއަރީގައި ސާވިސް ޗާޖު ދިން މިންވަރު:

  • ވިލާ ނޯޓިކާ ޕެރެޑައިސް - 587 ޑޮލަރު

  • ސަފާރީ އައިލެންޑް - 729 ޑޮލަރު

  • ރިއު އެޓޯލް އެންޑް ޕެލަސް މޯލްޑިވްސް - 1015.17 ޑޮލަރު

  • އޮބްލޫ އެކްސްޕީރިއެންސް އާއިލާފުށި - 726 ޑޮލަރު

  • ގްރޭންޑް ޕާކް ކޮއްދިއްޕަރު - 457.91 ޑޮލަރު

  • ރެޑިސަން ބްލޫ - 613.36 ޑޮލަރު

  • ޑަބްލިއު މޯލްޑިވްސް - 700 ޑޮލަރު

  • ހުރަވަޅި އެންޑް ކުޑަދޫ - 985.58 ޑޮލަރު

އެނގުން މުހިއްމު - ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން %10އަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނަގަން ޖެހެ އެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާ އެކު ބަހަން ޖެހެ އެވެ.

ސާވިސް ޗާޖަށް ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެ އެވެ. އަދި ސާވިސް ޗާޖް ބެހުމުގައި އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ވެސް ގާނޫނު ބުނެ އެވެ.

ކޮމެންޓް (3)

ބުރުގާ

24 ޖެނުއަރީ 2024
މަށައް ހީވަނީ ރާއްޖެއައް ކުރިން އައި މަހުޖަނުންތައް މިހާރު ޕުރަވެޓު ޖެޓުތަކުގަ ލަކްޝަދީޕައް ދިޔައީހެން. މޯޑީމެން ވަރައް މޮޅައް އެރައް އިސްތިހާރުކޮއްލަ ދިނީ.
2 0

މަކަރު؟

24 ޖެނުއަރީ 2024
އެއަރޕޯޓުގެ ތަފާސް ހިސާބު ބުނަނީ އައި ޕްރައިވެޓް ޖެޓް މޫވްމަންޓް ވީ މަތިކަމަށް. ޢެހެންވީމަ ވެރިކަން ބަދަލުވުމާއެކު ރިސޯޓުތަކުން ސާވިސްޗާޖަށް މަކަރު ހެދުމުގެ ކުޅިވަރު ފެށީބާ؟ ސުވާލު އުފެދޭ
5 2

ފުރިހަމަ ނުވޭ

23 ޖެނުއަރީ 2024
ރިޓްޒް ކަރލްޓަން ގެ ސަރވިސް ޗާޖު ކޮބާ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް