ބީއެމްއެލްގެ އޭޓީއެމް މެޝިނަކުން މީހަކު ޑޮލަރު ނަގަނީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ބައެއް ޓީޓީތަކަށް ޑޮލަރު ނުވިއްކޭ ހާލަތަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ޑޮލަރު ލިބުމަށް ތާށިކަމެއް ކުރިމަތިވެ، ބައެއް އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ތަކަށް ޑޮލަރު ނުވިއްކޭ ހާލަތަކަށް ގޮސްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި ފަހަކަށް އައިސް ބީއެމްއެލް މެދުވެރިކޮށް ޓީޓީ ނުކުރެވޭ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ 'ދައުރު'އާ މައުލޫމާތު ހިއްސާކޮށްފަ އެވެ. ސަބަބަކީ، އެ މީހުން ބުނާ ގޮތުގައި ޑޮލަރުގެ ތާށިކަމެއް އުޅޭތީ އެވެ. އެއާ އެކު ބޭރުން މުދާ ގެނައުމުގައި ބޮޑެތި ދަތިތަކާއި ލަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ބުނީ ކީކޭ؟ - މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މިއަދު 'ދައުރު'އަށް ވިދާޅުވީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބޭނުންވާ ޑޮލަރު، އެ ވަގުތެއްގައި ބޭންކަށް ދެވެން ހުރި މިންވަރަކަށް ބަލައި، ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
"އެހެން ނަމަވެސް މި އެހީތެރިކަން ބިނާވެފައި އޮންނަނީ ބޭންކުގެ ރިޒާވުގައި ހުރި ޑޮލަރުގެ ނިސްބަތަކަށް،" ސައީދު ވިދާޅުވި އެވެ.
ތަފްސީލު - ސައީދު ވިދާޅުވީ ކަސްޓަމަރުންގެ އެކައުންޓުގައި ހުންނަ ޑޮލަރު ބޭނުންކޮށްގެން އިންޓަނޭޝަނަލް ޓްރާންސްފާ ކުރެވޭނެ ކަމަށާއި އެކަމަށް މިދިޔަ އަހަރު ލުއިތަކެއް ވެސް ދީފައިވާނެ ކަމަށެވެ. އެގޮތުން:
-
ފެބްރުއަރީ 2023ގައި އޭޓީއެމް އަދި ބްރާންޗުތައް މެދުވެރިކޮށް ނެގޭ ޑޮލަރުގެ ލިމިޓް އުވާލި
-
އެ ބަދަލާ އެކު އޭޓީއެމްއަކުން ދުވާލަކު 1،600 ޑޮލަރު ނެގޭނެ
-
މާލޭގެ އިތުރުން ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ވަނީ ގާއިމްކޮށްފައި
މީގެ އިތުރުން، ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކަށް ޑޮލަރު އެކައުންޓް ހަމަޖައްސާފައިވާ ކަސްޓަމަރުންނަށް ދުވާލަކު 3،000 ޑޮލަރުގެ މުއާމަލާތް ކުރެވެ އެވެ. އަދި ޑޮލަރު އެކައުންޓުން ޓީޓީ ކުރުމުގައި އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިން ވެސް ބޭނުންކުރެވެ އެވެ.