އާބަންކޯއަށް ބަދަލުކުރުމުގެ ކުރިން އެޗްޑީސީގެ ނަމާއި ލޯގޯ އެ ކުންފުނީގެ މައި އޮފީހުގެ ބޭރުގައި ޖަހާފައި. (ފައިލް ފޮޓޯ/އެޗްޑީސީ)

އެޗްޑީސީ

އާބަންކޯގެ ބަދަލުގައި އެޗްޑީސީގެ ނަމާއި ލޯގޯ ބޭނުންކުރަން ރަސްމީކޮށް ފަށައިފި

އެޗްޑީސީން ބުނީ އެޗްޑީސީގެ ނަން ބޭނުން ކުރަން ފެށީ އެއީ އެ ކުންފުންޏަށް ގާނޫނީ ގޮތުން ކިޔާ ނަން ކަމަށް ވާތީ އެއްގޮތް ކުރުމަށް ކަމަށް
18 ޖެނުއަރީ 2024
1

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބްރޭންޑެއްގެ ގޮތުގައި މިދިޔަ ސަރުކާރުން 'އާބަންކޯ'ގެ ނަން ތައާރަފްކުރިތާ އަހަރެއް ނުވަނީސް އެ ބްރޭންޑިންގެ ބަދަލުގައި އަލުން އެޗްޑީސީގެ ނަން ބޭނުންކުރަން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީގެ ބްރޭންޑު އާބަންކޯއަށް ބަދަލުކުރީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހު، 1 އޭޕްރީލް 2023ގަ އެވެ. ނަމަވެސް، އެކަން ބަދަލުކޮށް، އަލުން އެޗްޑީސީގެ ނަމާއި ލޯގޯ ބޭނުން ކުރަން ފަށަން އުޅޭކަން 'ދައުރު'ން މި ހަފްތާގައި ރިޕޯޓުކޮށްފައި ވަނިކޮށް، އެޗްޑީސީން މިއަދު ވަނީ ސޯޝަލް މީޑިއާގައި އެކަން ހާމަކޮށްފަ އެވެ.

ތަފްސީލު - އެޗްޑީސީން ބުނީ އެޗްޑީސީގެ ނަން ބޭނުން ކުރަން ފެށީ އެއީ އެ ކުންފުންޏަށް ގާނޫނީ ގޮތުން ކިޔާ ނަން ކަމަށް ވާތީ އެއްގޮތް ކުރުމަށް ކަމަށެވެ.

"ރައްކާތެރި، ދެމެހެއްޓެނިވި އަދި ސްމާޓް ސިޓީތަކެއް ގާއިމްކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" އެޗްޑީސީން ބުނެފައިވެ އެވެ.

އެނގުން މުހިންމު - އާބަންކޯ ބްރޭންޑިން އިފްތިތާހުކުރިއިރު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުންފުނީގެ ބްރޭންޑް 'އާބަންކޯ'އަށް ބަދަލުކުރަން ނިންމީ، ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ގޮތުގައި މަސައްކަތްތައް ބައްޓަން ކުރަން ކަމަށެވެ.

އެޗްޑީސީއިން އާބަންކޯ ބްރޭންޑު އިފްތިތާހު ކުރިއިރު، މުވައްޒަފުންގެ ޔުނީފޯމަށް ވެސް ބަދަލު ގެނެސް، ކުންފުނީގެ މައި އޮފީހާއި އުޅަނދުތަކުގެ ޑިޒައިނަށް ވެސް ބަދަލު ގެނަ އެވެ. އެ ކަމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވެސް ހަރަދުކުރި އެވެ.

'އާބަންކޯ'ގެ ބްރޭންޑިންގެ ބަދަލުގައި އަލުން އެޗްޑީސީގެ ނަން ބޭނުންކުރަން ނިންމައި ހުރިހާ އެއްޗެއްގައި އެޗްޑީސީގެ ނަމާއި ލޯގޯ ބޭނުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. ނަމަވެސް، އެ ކަމަށް ހިނގާ ހަރަދެއް އަދި ސާފެއް ނުވެ އެވެ.

އެޗްޑީސީގެ ބްރޭންޑިން 'އާބަންކޯ'އަށް ބަދަލުކޮށްފައި. (ފޮޓޯ/އެޗްޑީސީ

ގުޅުންހުރި ކަމެއް - އާބަންކޯގެ ބަދަލުގައި ކުންފުނީގެ ނަމަށް އެޗްޑީސީ ބޭނުންކުރާނެ ކަމުގެ އިޝާރާތެއް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މި ފަހުން ދެއްވާފަ އެވެ.

މި މަހުގެ ކުރީކޮޅު ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގައި އެޗްޑީސީއިން އާބަންކޯ ބްރޭންޑިން އިފްތިތާހުކޮށް، އެ މަސައްކަތް ކުރިއިރު އެ ކަމުގައި ގާނޫނީ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.

"މަތިމަތިން 'ސުޕަފިޝަލް' ގޮތަކަށް ނަން ބަދަލުކޮށްލާފައި އޮތަސް، ގާނޫނީ އެއްވެސް ކަމެއް ކޮށްފައެއް ނެތް އާބަންކޯ ކިޔާކަށް. ގާނޫނީ ގޮތުން ކުންފުންނަށް ކިޔަނީ އެޗްޑީސީ. އެއްވެސް ބަދަލެއް ނެތް ގެނެސްފައެއް، މިދިޔަ ސަރުކާރުން އެ ނަން ބަދަލުކޮށްލިއިރު،" ރައީސް ވިދާޅުވެފައިވެ އެވެ.

"އެ ނަން ބަދަލުކޮށްލިއިރު، ބޮޑަށް ހީވަނީ ކޮންމެވެސް ފަރާތަކަށް ކޮންމެވެސް ބޮޑު ފައިސާގަނޑެއް ދިނުމަށް ބްރޭންޑިން މަސައްކަތެއް ކޮށްލާފައި އޮތީ ކަމަށް. ގާނޫނީ އެއްވެސް ކަމެއް ނެތް ކޮށްފައެއް."

އެނގުން މުހިންމު - އެޗްޑީސީ އަކީ އެންމެ ފުރަތަމަ ރައީސް އޮފީހުގައި ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓްގެ ނަމުގައި ހިންގި ތަނެކެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހި ހިއްކައި، އެތަނުގައި ފުރަތަމަ ފްލެޓްތަކާއި އިމާރާތްތައް އަޅަން ފެށުމާ އެކު، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި 2001ގައި ވަކި ކުންފުންޏެއް އުފެއްދި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް ނަން ބަދަލުކުރީ، 2008ގައި ވެރިކަމާ ހަވާލުވި އެމްޑީޕީގެ ސަރުކާރުންނެވެ.

އާބަންކޯގެ ނަމުގައި އާ ބްރޭންޑެއް ހެދީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން އެޗްޑީސީގެ މައިގަނޑު ޒިންމާއިން އުނިކުރުމާ އެކު އެވެ. މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މައިގަނޑު ބައި ކުރިއަށް ގެންދިޔައީ ފަހި ދިރިއުޅުން ކޯޕަރޭޝަނުންނެވެ.

ކޮމެންޓް (1)

ސަލީމް

19 ޖެނުއަރީ 2024
އާބަންކޯގެ ދަރަނީގެ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ރައްޔިތުންނާއި ހިއްސާ ކުރައްވާ؛.. ނަމެއް ބަދަލު ކުރާއިރު، ދަރަނި އަދާ ކުރަން ޖެހޭނެ، ނުކުރާނަމަ އެއި ކޮރަޕްޝަންގެ ޢަމަލެއް ހިނގުމަށް އަޅާ އޮފިޝިއަލް ސްޓެޕެއް. ޕޭޕާވޯކްސް ފެންނަން ހުންނާނެ..
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް