މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި ހުރި ފިހާރައެއް. (ދައުރު ފޮޓޯ)
ރޯދަމަހު ކާބޯތަކެތީގެ އަގު ހިފަހައްޓާނަން: އެގްރިކަލްޗާ މިނިސްޓްރީ
ރޯދަމަހު ބާޒާރުގައި އަސާސީ ކާބޯތަކެތީގެ އަގު ނުއުފުލި އާންމު އަގުގައި ކޮންޓްރޯލް ކުރެވޭނެކަމުގެ ޔަގީންކަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ދީފި އެވެ.
ވީ ކިހިނެއް؟ - ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ބާޒާރުގައި ކާބޯތަކެތީގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލެ އެވެ. މިދިޔަ އަހަރުގެ ރޯދަމަހު މާލޭގެ ބާޒާރުމަތި ތިޔާގިކޮށް އޮތްއިރު ވެސް ޖުމްލަކޮށް ތަކެތީގެ އަގުތައް ހުރީ އެހެން ދުވަސްވަރާ އަޅާބަލާއިރު ބޮޑުކޮށެވެ.
ބުނީ ކީކޭ؟ - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރޯދަމަހާ ގުޅިގެން ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާއިރު، އަގު ކޮންޓްރޯލް ކުރާނެ ގޮތްތަކެއް ހޯދުމަކީ މި ސަރުކާރުގެ 'ހަފްތާ 14' މަގުޗާޓުގައި އެ މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މަސައްކަތް މި ހަފްތާގައި ފަށާނަން. އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ރޯދަމަސް ވެގެންދާނީ [ހާއްސަކޮށް] ރާއްޖޭގައި އުފައްދާ ތަކެތީގެ އަގު ކޮންޓްރޯލް ކުރެވިގެން ރައްޔިތުންނަށް އަގުހެޔޮކޮށް އަތްފޯރާ ފަށުގައި ލިބޭނެކަން،" ހުސައިން ވިދާޅުވި އެވެ.
ތަފްސީލު - ހުސައިން ވިދާޅުވި ގޮތުގައި އެކަން ކުރާނީ ދުރާލާ މަސައްކަތް ފަށައިގެން، ރޯދަމަހަށް ކާބޯތަކެތީގެ އެކި ބާވަތްތައް ބޭނުންވާނެ މިންވަރު ދެނެގަނެގެންނެވެ.
"ބޭނުންވާ އަދަދުތައް ބަލާފައި އެ އަދަދުތައް މި ހޯދަނީ. ހޯދާފައި މާކެޓަށް ނެރެވެން ހުރީ ކިހާވަރެއްތޯ ބަލާފައި އިތުރަށް ޕަމްޕު ކުރަން ޖެހެނީ ކިހާވަރެއްތޯ ބަލައި، އެކަން ކުރާނަން. މާކެޓުގެ އަގުތައް އަޅުގަނޑުމެން ކޮންޓްރޯލް ކުރާނަން."
ހުސައިން ވިދާޅުވި ގޮތުގައި:
-
ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާ އެކު ބާޒާރަށް ގެނެވޭނެ ގޮތްތަކެއް ހަމަޖައްސަން އެގްރޯނެޓާ ގުޅިގެން މަސައްކަތްތަކެއް ދަނީ ކުރަމުން
-
ރަށްރަށުގައި ދަނޑުވެރިން އުފައްދާ ތަކެތީގެ ސީދާ އަދަދެއް ނޭނގޭ؛ އެ އަދަދު ދެނެގަނެވުމުން ރާއްޖެއިން ބޭރުން ގެންނަންވާ އަދަދު ވެސް އެނގި، އަގު ހިފަހައްޓަން ފަސޭހަވާނެ
ފާހަގަކޮށްލެވޭ - ކަލަންޑަރުގައިވާ ގޮތުން ރޯދަމަސް ފެށެނީ މާޗް 10 އެއްގަ އެވެ.
ކޮމެންޓް (2)
ބެސްޓް
އަލީ