މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އޮފީސް
ބޮޑު ހިޔާނާތުން ނަން ކިލަނބުވި އެމްއެމްޕީއާރުސީ ރީބްރޭންޑު ކުރަނީ
ރާއްޖޭގައި މި ފަހުގެ ތާރީހެއްގައި ހިނގައިދިޔަ އެންމެ ބޮޑު އެއް ހިޔާނާތް ގުޅިފައި އޮތް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މުޅިން ރީބްރޭންޑް ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުން އިއްޔެ ބޭއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ނަމުގައި މުޅިން އާ ކައުންސިލެއް ވަނީ އުފައްދާފަ އެވެ. އެގޮތުން:
-
އެ ކައުންސިލްގެ މުގައްރިރަކީ ރައީސް މުހައްމަދު މުއިއްޒު
-
ނައިިބު މުގައްރިރުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
-
އެ ކައުންސިލްގައި ދެން ތިއްބަވަނީ އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން، ހެލްތު، ސްޕޯޓްސް، ޓްރާންސްޕޯޓް އަދި ދިވެހި ބަހުގެ މިނިސްޓަރު
އެ ކައުންސިލް ތައާރަފް ކުރުމުގެ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، ކައުންސިލެއް އެކުލަވައިލި ނަމަވެސް، އެ ކައުންސިލާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަމުންދާނީ މިހާރު ވެސް އެ މަސްއޫލިއްޔަތު އޮންނަ އެމްއެމްޕީއާރުސީން ކަމަށެވެ.
ބުނީ ކީކޭ؟ - މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ކައުންސިލްގެ ބައްދަލުވުންތައް ކޮންމެ ދުވަހަކު ބޭއްވުމުގެ ބަދަލުގައި ދުރާލާ ރާވައިގެން ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތު ކުރުމަށްޓަކައި ސިޔާސަތުތައް އެކުލަވައިލަމުން ދާނެ އެވެ.
"މެއިން މާކެޓިން ކަންކަން ހިނގަމުންދާނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުން، ރައީސް މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވޭ އެމްއެމްޕީއާރުސީ ރީބްރޭންޑު ކުރަން. މިހާރު އެ ތަނަށް އެމްޑީން އެސައިން ކުރެވުނީމަ، އެ މަސައްކަތް ވެސް ފަށައިގަން ވަރަށް ބާރަށް ކުރިއަށްގެންދާނަން."
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރީބްރޭންޑު ކުރުމަށް ފަހު އެމްއެމްޕީއާރުސީގެ މަސައްކަތްތައް ބައްޓަން ކުރާނީ މިހާރު ހުރި މާކެޓުތަކަށް އެކަނި މަސައްކަތް ކުރުމުގެ ބަދަލުގައި އާ މާކެޓުތައް ވެސް ހޯދައިގެން ފަތުރުވެރިން އަންނަ އަދަދު އިތުރު ކުރުމަށެވެ.
އެނގުން މުހިންމު - އެމްއެމްޕީއާރުސީ ރީބްރޭންޑު ކުރުމުގެ ވިިސްނުމެއް ނިމިދިޔަ ސަރުކާރުގައި ގެންގުޅުނު ނަމަވެސް ދައުރު ނިމިގެންދިޔައީ އެކަން ނުކޮށެވެ.
ފަސްމަންޒަރު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 3.2 ބިލިއަަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ވައްދައި އެކި ބޭނުންތަކަށް ބޭނުންކުރި އެވެ.
ރައީސް އިބްރާހިމް ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދާނެ ކަމުގެ ވައުދާ އެކު އެވެ. ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު އެއިން އެންމެ ފައިސާއެއް ވެސް ދައުލަތަށް ނުހޯދުނުއިރު، ރައީސް ސޯލިހު ވެރިކަމުން ފައިބައިވަޑައިގެންނެވީ އެ ހިޔާނާތުގައި އިސްކޮށް އުޅުއްވި އަދި ކުށް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ލާން ހުކުމްކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް މައާފުދެއްވައި މުޅިން މިނިވަން ކުރެއްވުމަށްފަހު އެވެ.
މި ހިޔާނާތާ ގުޅޭ މައްސަލައެއްގައި ޔާމީނަށް 11 އަހަރުގެ ޖަލުގެ ހުކުމެއް ވަނީ އިއްވާފަ އެވެ. ނަމަވެސް ރައީސް ސޯލިހަށް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު، މިދިޔަ ދެ އަހަރުގައި ޖަލުގައި ހުންނެވި ޔާމީން ވަނީ މިދިޔަ މަހުގެ 1ގައި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.