
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. (ފޮޓޯ/ މަޖިލިސް)
ރިޒާވަށް ނުރައްކާ ބޮޑު؛ ސަބަބަކީ ތެލުގެ އަގު ބޮޑުވުން: އަމީރު
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދިޔުމަކީ ރާއްޖޭގެ ރަސްމީ ރިޒާވަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން އަމީރު ވިދާޅުވީ މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގެ ރިޒާވަށް އެންމެ ބޮޑު ބުރައަކަށް ވީ ތެލަށް ކުރަން ޖެހޭ ހަރަދު ބޮޑުވުން ކަމަށެވެ.
ބުނީ ކީކޭ؟ - ރިޒާވާ ބެހޭ ބައެއް ތަފްސީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި:
-
މިދިޔަ މަހުގެ 26ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 550 މިލިއަން ޑޮލަރު
-
މި އަހަރު ހޯދުމަށް ރާވާފައިވާ ފައިސާ ހޯދުމުން އަހަރު ނިމޭއިރު 618 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެއްވި
-
އަންނަ އަހަރު ނިމޭއިރު ރިޒާވުގައި ހުންނާނެ ކަމަށް ލަފާކުރެއްވީ 606 މިލިއަން ޑޮލަރު
މި އަހަރާ އަޅާބަލާއިރު އަންނަ އަހަރު ނިމޭއިރު ރިޒާވު ދަށްވާނެ ކަމަށް ލަފާކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވަށް އަންނަ އަހަރު ވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ ތެލުގެ އަގު މައްޗަށް ދިޔުން ކަމަށެވެ.
"ރާއްޖޭގެ ރަސްމީ ރިޒާވަށް ހިރާސްތަކެއް އެބަހުރި. މިގޮތުން ރާއްޖޭގެ ރަސްމީ ރިޒާވަށް އޮތް އެންމެ ބޮޑު ހިރާހަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
ތަފްސީލު - މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ތެލުގެ އަގާ އެކު ތަކެތީ އަގު އަގު މައްޗަށް ދިޔުމަކީ، މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ދުނިޔޭގެ އިގްތިސާދަށާއި ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ރާއްޖެއަށް މިހާރު ވެސް އޮތް އެންމެ ބޮޑު މާލީ ގޮންޖެހުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައިި، ތެލަށް ބަރޯސާވާ މިންވަރު އެހާ ބޮޑުއިރު، ތެލުގެ އަގު އިންތިހާއަށް އުފުލިފައި އޮތުމެވެ.
"ތެލުގެ އަގު މައްޗަށް ދިއުމާއެކު ތެލަށް ދޭ ސަބްސިޑީ އިންތިހާއަށް މަތިވެ، މިދިޔަ އަހަރު ބަޖެޓުކުރި މިންވަރަށް 5 ގުނަ އިތުރަށް މި ސަބްސިޑީއަށް ހަރަދުކުރަން ޖެހުނު،" މިނިސްޓަރު ވިދާޅުވި އެވެ.
"ރަސްމީ ރިޒާވުން ތެޔޮ އިމްޕޯޓުކުރުމަށް ބޭރުވާ ފައިސާގެ އަދަދު ވެސް އެހާމެ ބޮޑު. ދެ ހާސް ބާވީސް ވަނަ އަހަރު ރާއްޖެއަށް ތެޔޮ އިމްޕޯޓުކުރުމަށް ޖުމުލަ 831 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރި."
އެ އަދަދަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، 2021 ވަނަ އަހަރު އެ ކަމަށް ހަރަދުކުރި މިންވަރާ އަޅާބަލާއިރު %83 އިތުރު އަދަދެކެވެ.
"މަހެއްގެ މައްޗަށް ބަލާއިރު މި އަހަރު ކުރީކޮޅު 60 މިލިއަން އެމެރިކާ ޑޮލަރު ތެޔޮ އިމްޕޯޓުކުރުމަށް ރިޒާވުން ހަރަދުކުރަމުންދިޔައިރު، މިހާރުވެސް މި ހަރަދު ހުރީ މަހަކު 40 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީގައި،" ތެލަށް ކުރަންޖެހޭ ހަރަދާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ތެލުގެ އަގަކީ ރިޒާވަށް އޮތް އެންމެ ނުރައްކާ ކަމުގައި ފާހަގަކުރެއްވިއިރު، އަމީރު ވިދާޅުވީ އިންފްލޭޝަން ކޮންޓްރޯލް ކުރަން އެހެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ފައިސާ ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
"މިކަމާ ގުޅިގެން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި، މަރުކަޒީ ބޭންކުތަކުން ދަނީ ޕޮލިސީ ރޭޓްތައް މަތިކުރަމުން. މިގޮތުން، އެމެރިކާގެ ފެޑެރަލް ރިޒާވް އިން ވަނީ 'ފެޑް ފަންޑްސް ރޭޓް' %5.5އަށް މަތިކޮށްފައި. މިއާ އެކު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ފައިނޭންސިން ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ވަނީ އިތުރުވެފައި،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، އަމީރު ވިދާޅުވީ:
-
އިންފްލޭޝަން ރޭޓުތައް މަތިކުރުމާއި ދުނިޔޭގައި މިހާރު ހިނގަމުންދާ ހަގުރާމަތަކާއި ހަމަނުޖެހުންތަކާއި ބައިބައިވުންތަކުގެ ސަބަބުން ދުނިޠޭގެ އިގްތިސާދީ ކުރިއެރުމަށް ވަނީ ހިޔަނި އެޅިފައި
-
ތަރައްގީ ވެފައިވާ ގައުމުތަކާއި ވިލާތުގެ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން ދަށްވުމާ އެކު އައިއެމްއެފްއިން މި މިދިޔަ މަހު ދުނިޔޭގެ އިގްތިސާދީ ދުވެލީގެ އަންދާޒާތައް މުރާޖައާކޮށް، ދަށްކުރި؛ މި އަހަރަށް ލަފާކުރަނީ %3 އަދި އަންނަ އަހަރަށް ލަފާކުރަނީ %2.9
އަމީރު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ކުރާނެ ގައުމަކަށް ވުމާ އެކު، ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތައް ދެނެގަނެ، އެ ކަންކަމަށް ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
"މެދުރާސްތާގައި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމާއި ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމަކީ ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ވިލުންވެރި އިގްތިސާދެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ ސްޓްރަކްޗަރަލް އިސްލާހުތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"މިފަދަ އިންވެސްޓްމަންޓްތަކުގެ ތެރެއިން ވެސް، އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުން ރާއްޖެއަށް ލިބޭނެ މަންފާ ބޮޑު."
ކޮމެންޓް