
ށ. އަތޮޅުން ރިސޯޓު ތަރައްގީ ކުރަން ހުޅުވާލި 3 ފަޅު ރަށް (ދިގުވެލިދޫ، މެދުރަށް އަދި ދިގުރަށް).
ރިސޯޓުތައް މަރާމާތަށް ބަންދުކުރެވޭ މުއްދަތު 2 އަހަރަށް އިތުރުކޮށްފި
ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދީފައިވާ ތަންތަނުގެ ފެންވަރު ރަނގަޅުކުރަން ބަންދުކުރެވޭ މުއްދަތު ނުވަތަ ރީޑިވެލޮޕްމަންޓް ޕީރިއަޑް ދެ އަހަރަށް މިއަދު އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރީޑިވެލޮޕްމަންޓް ޕީރިއަޑް އިތުރުކޮށްދިނީ، 'ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގައި ގަވައިދު'އަށް ގެނައި ފުރަތަމަ އިސްލާހުގަ އެވެ.
ތަފްސީލު - ޓޫރިޒަމް މިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، މިއަދުން ފެށިގެން އަމަލުކުރާ އެ އިސްލާހުގައިވާ ގޮތުން:
-
ރީޑިވެލޮޕްމަންޓަށް ތަނެއް ބަންދު ކުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހަށް
-
މީގެ ކުރިން ރީޑިވެލޮޕްމަންޓަށް ތަނެއް ބަންދުކުރަން ދީފައި އޮންނަނީ ގިނަވެގެން 18 މަސްދުވަސް
-
އިސްލާހަށް އަމަލުކުރަން ފަށާއިރު ރީޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަން، އެ ކަމަށް ދީފައި އޮތް މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކޮށްދޭން މިނިސްޓްރީއަށް ހުށަހެޅުމުން އިތުރު އެއް އަހަރުގެ މުއްދަތެއް ދޭނެ
އެ ގަވާއިދުގައިވާ ގޮތުން، ރަށެއް ނުވަތަ ބިމެއް ތަރައްގީކުރަން ދީފައިވާ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނީ ގިނަވެގެން ތިން އަހަރަށެވެ. އަދި ފަޅެއްގެ އެ މުއްދަތު އިތުރުކޮށްދެވޭނީ ގިނަވެގެން ހަތަރު އަހަރަށެވެ.
ނަމަވެސް، ކުރިން އަމަލު ކުރަމުން އައި ގޮތަކީ، އެ މުއްދަތުތައް ހަމަވާއިރު ވޯކް ޕްލޭންގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ %70 ނިމިފައިވާ ނަމަ، އިތުރު އެއް އަހަރަށް ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭ ގޮތަށެވެ.
އެގޮތަށް މުއްދަތު އިތުރުކޮށްދިނުމުގެ ކުރިން މިނިސްޓްރީން އެ ތަނެއް ބަލައި ފާސްކޮށް، މަސައްކަތަށް ބޭނުންވާ ސާމާނާއި މަސައްކަތު މީހުން އެ ތަނެއްގައި ތިބިތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށް އަލަށް ގެނައި އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
ހަމަ އެއާ އެކު، ކަމާ ބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ކުއަންޓިޓީ ސާވޭޔާއެއް ނުވަތަ އިންޖިނިއަރެއްގެ ސެޓިފިކޭޝަނާ އެކު މަސައްކަތް ނިމިފައިވާ ގޮތް ބަޔާންކޮށްދޭ ރިޕޯޓެއް ހުށަހަޅަން ޖެހޭއިރު، މުއްދަތު އިތުރުކޮށްދިނުމުގައި ވޯކް ޕްލޭނަށް ބެލުމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ކޯޓު ހުކުމެއް ނުވަތަ އަމުރަކާ ގުޅިގެން ހެޑްލީސް ރައިޓްސް އެހެން ފަރާތަކަށް ބަދަލުވާ ހާލަތްތަކުގައި ތަރައްގީ ނުކުރެވި ހުންނަ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދޭ މުއްދަތު ގުނަން ފަށާނީ، ހެޑްލީސް ރައިޓްސް ބަދަލުކުރާ ތާރީހުން ކަމުގައި ވެސް އަލަށް ގެނައި އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
ކޮމެންޓް