ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާގައި އާންމުކޮށްފައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޓެކްސް

ޓެކްސް ނުދައްކާ 34 ކުންފުނި؛ މުޅިން ވެސް އެއް ނަންތަކެއް

އެ ލިސްޓުގައި ރިސޯޓުތަކާއި ދުވަސްވީ އަދި ބޮޑެތި ވިޔަފާރިތަކުގެ ނަންތައް ހިމެނޭ. އެއީ އޮކްޓޫބަރު 2022 އިން މާޗު 2023އާ ހަމައަށް އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑެތި އަދަދުތަކުން ޓެކްސް ނުދައްކާ ކުންފުނިތައް
5 ނޮވެމްބަރު 2023

ދައުލަތަށް ދައްކަން ޖެހޭ އެކި ބާވަތްތަކުގެ ޓެކްސް ނުދައްކާ ކުންފުނިތަކާއި މީހުންގެ ލިސްޓު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިއަދު އާންމުކޮށްފި އެވެ.

ވީ ކިހިނެއް؟ - މީރާއިން މިއަދު ގެޒެޓުކުރި ލިސްޓުގައި ހިމެނެނީ އޮކްޓޫބަރު 2022 އިން މާޗު 2023އާ ހަމައަށް، 100،000ރ. އަށް ވުރެ ބޮޑެތި އަދަދުތަކުން ޓީޖީއެސްޓީ، ޖީއާރުޓީ އަދި ޖީޖީއެސްޓީ ނުދައްކާ ފަރާތްތަކެވެ.

މީރާއިން ބުނި ގޮތުގައި މިއަދު އާންމުކުރި ލިސްޓުގައި ހިމެނެނީ 18 އޮކްޓޫބަރުގެ ނިޔަލަށް ޓެކްސް ދައްކަން ފުރުސަތު ދިނުމުން ވެސް ނުދައްކާ ހުރި ކުންފުނިތަކެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތަފްސީލު - އެ ލިސްޓުގައި ޖުމްލަ 34 ކުންފުންޏެއް ހިމެނޭއިރު، އޭގެ ތެރޭގައި ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުން އާންމުކޮށް ނުވަތަ ތަކުރާރުކޮށް ފެންނަ ކުންފުނިތައް ވެސް އެބަހުއްޓެވެ.

އެ ކުންފުނިތަކަކީ:

  • 1-

    ޓްރިޕްލް އޭ ޓްރޭޑިން

  • 2-

    އަމާގީ މޯލްޑިވްސް

  • 3-

    އެޓޯލޯ ކޮންސްޓްރަކްޝަން

  • 4-

    އެޒްރޯވާ މޯލްޑިވްސް

  • 5-

    ބްރެނިއާ މޯލްޑިވްސް

  • 6-

    ބްރޫ އެންޑް ފީސްޓް މޯލްޑިވްސް

  • 7-

    އެލެގެންޓް ސްޓްރީމް

  • 8-

    ފްލެކްސްއިންކް

  • 9-

    ފްރީގައިޒް

  • 10-

    އައިޑީއާރު ކޮންސްޓްރަކްޝަން

  • 11-

    އިބްރާހިމް މާޖިދު (ޖާޔާ ގްރޫޕު)

  • 12-

    އިކެބާނާ

  • 13-

    ޖާހު

  • 14-

    ޖައިލަމް އަހްމަދު (ކޯނާ އިންވެސްޓްމަންޓްސް)

  • 15-

    ޖަސްޓް ފޮ މާކިން

  • 16-

    ކެއިރެޓްސޫ

  • 17-

    މެރިންޑޫ

  • 18-

    މެދުފުށި އިންވެސްޓްމަންޓް

  • 19-

    މޯ ހޮޓެލްސް އެންޑް ރިސޯޓްސް (ރީކޯ މޫސާ މަނިކުގެ ކުންފުންޏެއް)

  • 20-

    މުހައްމަދު ޝިފާއު (ފަހި ޕްލާޒާ)

  • 21-

    އެންބީ އިންވެސްޓްމަންޓްސް

  • 22-

    ކޯތު ކޯސްޓު ކޮންޓްރެކްޓާސް

  • 23-

    އޮނިކްސް

  • 24-

    އެރިޔަދޫ އައިލެންޑް ރިސޯޓު ހިންގާ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް

  • 25-

    ޕްލޫމޭރިއާ ހޮޓެލްސް އެންޑް ރިސޯޓްސް

  • 26-

    ޝަމްބާލާ ހޯލްޑިންގްސް

  • 27-

    ސިލިކާ ކޮމްޕެނީ

  • 28-

    ސައުތު އެންޓަޕްރައިސަސް

  • 29-

    ސައުތު ޕާމް ރިސޯޓު ހިންގާ ސައުތު ޕާމް މޯލްޑިވްސް

  • 30-

    ސުވިފްޓް އިންޖިނިއަރިން

  • 31-

    ގްލޯރިއާ ޖީންސް އާއި ޗިކިން ފަދަ ފްރެންޗައިސް ހިންގާ ދަ ސަބް ކޮމްޕެނީ

  • 32-

    ތެލުވެލިގާ ރިޓްރީޓް

  • 33-

    ޓްރަސްޓެންގް މޯލްޑިވްސް

  • 34-

    ވީ އަވާ އިންވެސްޓްމަންޓް

'ޓެކްސް ނުދެއްކުން އިތުރުވީ ލުއި ގޮތް ދިނުމުން'

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިން ލުއިތަކާ އެކު ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުަތަކަށް ތަބާވާ މިންވަރު ދަށްވެފައިވާ ކަމަށް، އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އެކުލަވައިލި ބަޖެޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

ބަޖެޓުގައި ފޮތުގައިވާ ގޮތުގައި މިއަހަރުގެ ޖޫންގެ ނިޔަލަށް މީރާއަށް ދައްކަން ޖެހޭ އެހެން ނަމަވެސް ނުލިބިވާ ޓެކުހާއި ޓެކްސް ނޫން ފައިސާ ޕްރިންސިޕަލް އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ. އޭގެ ތެރެއިން ވަކިން ހާއްސަކޮށް ދައުލަތަށް އެންމެ ގިިނައިން އާމްދަނީ ލިބޭ ޓީޖީއެސްޓީ އާއި ރިސޯޓު ބިމު ކުލީގެ ފައިސާ ނުދައްކާ މިންވަރު ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ.

މީރާއަށް ނުލިބި ހުރި ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތަފްސީލު (ޖޫންގެ ނިޔަލަށް)

  • އިންކަމް ޓެކްސް - 536.8 މިލިއަން ރުފިޔާ (މިދިޔަ އަހަރު 260 މިލިއަން ރުފިޔާ)

  • ޓީޖީއެސްޓީ - 972.9 މިލިއަން ރުފިޔާ (މިދިޔަ އަހަރު 566.1 މިލިއަން ރުފިޔާ)

  • ޖީޖީއެސްޓީ - 1.6 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާ)

  • އެހެނިހެން ޓެކްސް - 920 މިލިއަން ރުފިޔާ (މިދިޔަ އަހަރު 885.9 މިލިއަން ރުފިޔާ)

  • ރިސޯޓުތަކުގެ ބިމު ކުލި - 3.4 ބިލިއަން ރުފިޔާ (2.9 ބިލިއަން ރުފިޔާ)

  • ޓެކްސް ނޫން އެހެން އާމްދަނީ - 171.5 މިލިއަން ރުފިޔާ (205.5 މިލިއަން ރުފިޔާ)

ނުލިބި ހުރި ޓެކްސް ފައިސާ ހޯދުމަށް މިދިޔަ އަހަރު މީރާއިން 'އެންފޯސްމަންޓް ޕޮލިސީ' އަލުން ފެށި ނަމަވެސް، ނުލިބޭ އަދަދު އިތުރުވަމުން ދާތީ، ފިޔަވަޅުތައް މުރާޖައާ ކުރަން ޖެހޭ ކަމަށް ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، ޓެކްސް ތަންފީޒު ކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް