ރާއްޖޭގެ ރިސޯޓެއް.

ޓޫރިޒަމް

ރިސޯޓް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކުން 4 ބިލިއަން ރުފިޔާ މާފުވެއްޖެ

އެ މިންވަރު މައާފްވީ، ޑިސެމްބަރު 2020ގައި ގަވައިދަށް ގެނައި ބަދަލެއްގެ ދަށުން، ޖޫރިމަނާ %0.5 އިން %0.0493އަށް ކުޑަކުރުމުން
18 ސެޕްޓެމްބަރު 2023

ރިސޯޓް ތަރައްގީ ކުރުމާ ގުޅޭ ގަވައިދަށް 2020 ވަނަ އަހަރު ގެނެސްފައިވާ އިސްލާހަކާ ގުޅިގެން، ރިސޯޓް ހަދަން ދޭ ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށް ފަހު ކުލި ނުދައްކާ ތަންތަނުން ދައްކަން ޖެހިފައިވާ ޖޫރިމަނާގެ ތެރެއިން 4 ބިލިއަނެއްހާ ރުފިޔާ މައާފުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކޮވިޑާ ގުޅިގެން ޑިސެމްބަރު 2020ގައި ގަވައިދަށް ގެނެސްފައިވާ ބަދަލުގައިވާ ގޮތުން، ކުލި ނުދައްކައިގެން، ނުދައްކާ ކޮންމެ ދުވަހަކަށް ކުލީގެ ނިސްބަތުން އަރާ ޖޫރިމަނާ ވަނީ %0.5 އިން %0.0493އަށް ކުޑަކޮށްފަ އެވެ.

ބުނީ ކީކޭ؟ - ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ބަދަލާ ގުޅިގެން، ކުރިން ގެންގުޅުނު ބޮޑު ރޭޓުގައި އަރާފައިވާ ޖޫރިމަނާތައް، ފަހުން އިސްލާހު ކުރި ކުޑަ އަދަދުން ހިސާބުކޮށް، ޖޫރިމަނާތައް ދައްކަން ޖެހޭ ތާވަލު އިސްލާހުކޮށް، އަލުން އެއްބަސްވުންތައް ހަދަން ފަށާފައިވާ ކަމަށެވެ. އެހެންވެ،  ޖޫރިމަނާ ނަގާ މިންވަރު ކުޑަވުމުގެ ސަބަބުން، ނުދައްކާ ހުރި ޖޫރިމަނާތަކުން ކޮންމެވެސް މިންވަރެއް ކެނޑިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ކުލި ނުދައްކައިގެން އެ ހުރި ޖޫރިމަނާ އާ ރޭޓްގައި އަޅުގަނޑުމެން ހިސާބުކޮށްފައި އެ ޖޫރިމަނާތައް ދައްކަން ޖެހޭ އާ ޝެޑިއުލްއާ އެއްޗެއްސަށް މި އެއްބަސްވަނީ. މުޅިން ކަނޑާލީއެއް ނޫން. މިއީ ރީސްޓްރަކްޗާއެއް އަސްލު. ދެން މީރާ އިން އޭގައި [ގެނައި ބަދަލާ ގުޅިގެން] އެޖަސްޓްމަންޓްތަކެއް ގެންނާނެ،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިސޯޓް ހަދަން ދީފައިވާ ރަށްތަކުން ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކަކީ ހަމައެކަނި ފޮތުގައި ފެންނަން ހުންނަ އަދަދުތަކެއް ކަމަށެވެ. އަދި އެ އަދަދުތަކަށް ލުއިދީގެން، ސަރުކާރަށް އޭގެއިން ކޮންމެވެސް މިންވަރެއް ހޯދުމަަށް މަގުފަހިވާނޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިހާތަނަށް ފޮތުގައި އޮތް ނަމްބަރެއް އެއީ. އެހެންވެ، ދަރަންޏަށް ލުއި ލިބިގެން އެ ފައިސާ ދައްކަން އެ މީހުންނަށް ވެސް ފަސޭހަވެގެން ދާނެ،" މައުސޫމް ވިދާޅުވި އެވެ.

ތަފްސީލް - އޭނާ ވިދާޅުވީ ކުރީގެ ޖޫރިމަނާތައް ވެސް ކުޑަ ރޭޓްގައި އަލުން ހިސާބުކުރީ ނުހެދި ހުރި ރަށްތައް ހަދައި މާކެޓަށް ނެރުމަށް ޓޫރިޒަމް ސިނާއަތަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި ނުހެދި ހުރި ގިނަ ރަށްރަށަށް އިންވެސްޓަރުން ނުވަނީ ވެސް އެ ތަންތަނުން ސަރުކާރަށް އޮތް ދަރަނި ބޮޑުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ދަރަނި ބޮޑުވެގެން އިންވެސްޓަރުންނަށް މި އެ ތަންތަނުގައި [ނުހެދި ހުރި ރަށްރަށުގައި] އަތްލަން ބޭނުން ނުވަނީ. އެކަމަކު މިކަމާ އެކު އިންވެސްޓަރުންނަށް މި ތަންތަނުގައި އަތް ލެވޭނެ،" މައުސޫމް ވިދާޅުވި އެވެ. 

އެނގުން މުހިންމު - މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރިސޯޓް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ އަދަދު 13.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ނުދައްކާ ހުރި ކުލީގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް