ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންއަށް ވެސް ޑިވައިސް މެނޭޖްމަންޓް ފީޗާ ވަނީ ތައާރަފްކޮށްފައި.
ބީއެމްއެލް އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ޑިވައިސް މެނޭޖްމަންޓް ފީޗާ ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ވަދެފައިވާ ޑިވައިސްތައް އެނގޭނޭ، މެނޭޖްމަންޓް ފީޗާ ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްއިން ބުނި ގޮތުގައި މިއީ ކަސްޓަމަރުން ސްކޭމްތަކުން ރައްކާތެރި ކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުގައި ތައާރަފްކުރި ފީޗާ އެކެވެ.
ތަފްސީލު - އަލަށް ތައާރަފްކުރި ޑިވައިސް މެނޭޖްމަންޓް ފީޗާ މެދުވެރިކޮށް:
-
އެކްޓިވް ސެޝަންތައް މޮނީޓާ ކުރެވޭނެ
-
އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ވެވޭނެ
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކިއުރިޓީ ކަށަވަރު ކުރުމަކީ ބީއެމްއެލްއިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.
"އަޅުގަނޑުމެންގެ ސިސްޓަމްތަކަށް މިފަހުން ގެންނަމުންދާ ބަދަލާއި ތައާރަފް ކުރަމުންދާ މުހިންމު ފީޗާތަކަކީ މިކަމުގެ ހެއްކެއް. އަދި ބަދަލުތަކާ އެކު ކަސްޓަމަރުން އަމިއްލައަށް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބިގެންދޭ،" އޭނާ ވިދާޅުވި އެވެ.
"ޑިވައިސް މެނޭޖްމަންޓަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް، ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް ތައާރަފް ކުރެވޭ މުހިންމު ފީޗާއެއް. މި ފީޗާގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަން އަދި ޑިވައިސް ބަލާލެވި، ވަކިވަކި ޑިވައިސްތަކުން ނުވަތަ ހުރިހާ ޑިވައިސްތަކުން ލޮގްއައުޓް ވެވޭނެ."
ސްކޭމްތަކުން ރައްކާތެރިކުރަން ބީއެމްއެލްއިން ވަނީ މީގެ ކުރިން ވެސް ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އަޅާފައިވާ ފިޔަވަޅުތަކަކީ:
-
މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ އޮތެންޓިކެޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސާފައި
-
އިންޓަނެޓް އަދި ބީއެމްއެލް މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވަން ފެށި
-
މާޗު 2023ގައި އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ލޮގިން ކުރަން މަސައްކަތްކުރާ ކޮންމެ ފަހަރަކު އެލާޓް އަންނަ ގޮތަށް ހަމަޖެއްސި
-
ހުރިހާ ސްކޭން-ޓު-ޕޭމަންޓްތަކަށް އޯޓީޕީ ޖަހަން ޖެހޭ ގޮތް ހެދި
-
މެއި 2023ގައި ބޭންކުން ވަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން ލޮގިންއަށް ޓޫ-ފެކްޓާ އޮތެންޓިކޭޝަން ތައާރަފްކުރި؛ އަލަށް ގެނައި އަޕްޑޭޓްއާ އެކު ލޮގިންވާ ފަރާތަކީ ރަޖިސްޓްރީ ވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއަށް އިތުރުކުރި
-
ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރުން އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ފީޗާއެއް ޖޫން މަހު ތައާރަފްކުރި