
މެނީލާގައި ހުންނަ އޭޑީބީގެ ހެޑްކުއާޓާސް
ސޮވެރިން ފަންޑާއި ޖީއެސްޓީ ގާނޫނު ހަރުދަނާ ކުރަން އޭޑީބީއިން 19 މިލިއަން ޑޮލަރުގެ ހިލޭ އެހީ
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ޖީއެސްޓީއާ ބެހޭ ގާނޫނު އަދި ޖުމްލަކޮށް ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން 18.7 މިލިއަން ޑޮލަރު (288 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއެއް ދީފި އެވެ.
ވީ ކިހިނެއް؟ - މިއީ ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށާއި ހިންގުން ހަރުދަނާ ކުރަން ސަރުކާޜުން މެދު ރާސްތާގައި ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އޭޑީބީއިން ރާއްޖެއަށް އަމާޒުކޮށް ކުރިއަށްގެންދާ 'ސްޓްރެންތްނިން ފިސްކަލް މެނޭޖްމަންޓް އެންޑް ސަސްޓެއިނެބަލިޓީ ޕްރޮގްރާމް'ގެ ދަށުން ފޯރުކޮށްދޭ އެހީއެކެވެ. އެ ޕްރޮގްރާމް ކުރިއަށްގެންދާނީ 2024ގެ ނިޔަލަށެވެ.
އޭގެ އިތުރަށް، އޭޑީބީގެ 'ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑް ޑެޓް މެނޭޖްމަންޓް'އިން އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއެއް ވެސް އޭޑީބީއިން ފޯރުކޮށްދޭނެ އެވެ.
ތަފްސީލު - އޭޑީބީގެ އެހީ އަމާޒުކުރާނީ ސަރުކާރުގެ އާމްދަނީ، ހަރަދުތައް އަދި ދަރަނި މެނޭޖު ކުރުމާ ބެހޭ ގާނޫނީ ބަދަލުތަކާއި އިސްލާހުތައް ގެނައުމަށެވެ.
އޭޑީބީއިން މީގެ ކުރިން ވެސް ވަނީ ބައެއް ޓެކްސްތަކާއި ގާނޫނުތައް ހަރުދަނާ ކުރަން ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ޖީއެސްޓީ، އެއާޕޯޓް ޓެކްސް އާއި ފީ ނެގުން އަދި ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނާއި ގްރީން ޓެކްސްއާ ގުޅޭ ގަވާއިދު ހިމެނެ އެވެ.
އޭޑީބީއިން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން:
-
ޓެކްސް ބޭސް ފުޅާކުރުމަށް ޖީއެސްޓީ ގާނޫނަށް ބަދަލު ގެނައުން
-
މެދު ރާސްތާގެ އާމްދަނީ ޕްލޭނެއް ފާސްކުރުން
-
ރިސްކް މެނޭޖްމަންޓް ފްރޭމްވޯކެއް ތައާރަފްކުރުން
-
އިންކަމް ޓެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުން
-
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ގާނޫނެއް މަޖިލީހަށް ހުށަހެޅުން؛ މީގެ މަގްސަދަކީ ސޮވެރިން ފަންޑުން އިންވެސްޓު ކުރުމާ ބެހޭ ގަވާއިދުތައް ހަދަން ބޭނުންވާ އޮނިގަނޑެއް އެކުލަވައިލުން
-
ދައުލަތުގެ ދަރަނި މެނޭޖު ކުރުމާ ބެހޭ އާ ގާނޫނެއް މަޖިލީހަށް ހުށަހެޅުން
-
ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ބަދަލުތަކެއް ގެނައުން
-
ސަސްޓެއިނަބަލް ފައިނޭންސިން ފްރޭމްވޯކެއް ތަންފީޒުކުރަން ފެށުން
އޭގެ އިތުރުން، އޭޑީބީގެ ޕްރޮގްރާމްގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރު ކުރުމަށް ކްލައިމެޓް އެމަޖެންސީ ގާނޫނާއި ހަކަތައިގެ ގާނޫނު ތަންފީޒުކުރުމާއި ފެން، ކަރަންޓު އަދި ސިއްހީ ފަރުވާގެ ސަބްސިޑީ، ހައްގުވެރިންނަށް އެކަނި ދޭ ގޮތަށް ބަދަލުކުރުމަށް އެހީތެރިވާނެ އެވެ.
ކޮމެންޓް