
އެސްޑީއެފްސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއޯއޯ ނާޒިމް ހަބީބު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އެސްޑީއެފްސީއިން ކުދި ވިޔަފާރިތަކަށް އިސްލާމިކް ބޭންކެއް ގާއިމްކުރަނީ
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ބޭންކް (އެސްޑީއެފްސީ)އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިސްލާމިކް ބޭންކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ތަނުން ބުނެފި އެވެ.
ތަފްސީލު - އެސްޑީއެފްސީގެ އާ ދެ ލޯން ޕްރޮޑަކްޓް އިއުލާންކުރަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކްގެ ސީއޯއޯ ނާޒިމް ހަބީބު ވިދާޅުވީ އިސްލާމިކް އެސްއެމްއީ ބޭންކެއް ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނާ އެއްކޮށް އިންޓަނޭޝަނަލް ކޮންސަލްޓެންޓްސް މިހާރު މަސައްކަތް ކުރަމުން އެބަދޭ، އެމްއެމްއޭ އަށް ހުށަހަޅަން [ލައިސެންސަށް ބޭނުންވާ ޑޮކިއުމަންޓޭޝަން ތައްޔާރުކުރުމަށް]،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރާ ސްޕީޑުގައި އެ މަސައްކަތް ނުގެންދެވުނަސް، އުންމީދު ކުރަނީ، 2024 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާނީ އެ ބޭންކް ގާއިމުކޮށްގެން."
ނާޒިމް ވިދާޅުވި ގޮތުގައި، ކޮމާޝަލް ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ދެމުންދާ ހުރިހާ ހިދުމަތެއް، އަލަށް ގާއިމްކުރާ އިސްލާމިކް އެސްއެމްއީ ބޭންކުން ވެސް ލިބޭނެ ކަމަށެވެ.