
އެސްޑީއެފްސީއިން ކްރިއޭޓިވް އާޓްސް ލޯނާއި ޓެކްސީ ލޯނު އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އެސްޑީއެފްސީއިން ޓެކްސީ ޑްރައިވަރުންނާއި ފަންނުވެރިންނަށް ލޯނުތަކެއް ތައާރަފްކޮށްފި
ފަންނުވެރިންނަށާއި ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ލޯނުތަކެއް ތައާރަފްކޮށްފި އެވެ.
ބުނީ ކީކޭ؟ - އަލަށް ތައާރަފްކުރާ ދެ ލޯނާ ބެހޭ މައުލޫމާތު ހިއްސާކުރަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޑީއެފްސީގެ ސީއޯއޯ ނާޒިމް ހަބީބު ވިދާޅުވި ގޮތުގައި މި ދެ ލޯނު ފަރުމާކުރުމުގެ މަސައްކަތް ވެސް މީގެ ދެތިން އަހަރު ކުރިން ވަނީ ފަށާފަ އެވެ.
އޭގެ ތެރެއިން ކްރިއޭޓިވް އާޓްސް ލޯނަކީ، ނާޒިމް ވިދާޅުވި ގޮތުގައި ކްރިއޭޓިވް އާޓްސްގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނެސްދޭނެ ޕްރޮޑަކްޓެކެވެ.
"ކްރިއޭޓިވް އާޓްސް ލޯނުގެ ބޭނުމަކީ މިހާރު ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިކުރުން... ކްރިއޭޓިވް އާޓްސް ދާއިރާގައި މަސައްކަތްކުރާ މީހުންނާ އެކީ ވަރަށް ގިނަ ބައްދަލުވުންތައް އެކި މަންޒިލްތަކުގައި ބޭއްވިން. އެ ބައްދަލުވުންތަކުން އަޅުގަނޑުމެންނަށް އެނގުނު އެ މީހުންނަށް ދިމާވާ ދަތިތައް. އެ ދަތިތަކަށް ހައްލެއް ހޯދައިދޭން ތައާރަފްކުރާ ލޯނެއް މި ލޯނަކީ،" އޭނާ ވިދާޅުވި އެވެ.

ޓެކްސީ ލޯނު ބަހާލާފައިވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ އަމިއްލަ ޓެކްސީއެއް އޮތް ނަމަވެސް އާ ޓެކްސީއަކަށް ބަދަލު ނުކުރެވިފައި ތިބޭ މީހުންގެ ކެޓަގަރީ އާއި އަމިއްލަ ޓެކްސީއެއް ނޯންނަ، ޓެކްސީ ޑްރައިވަރުންގެ ކެޓަގަރީ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މި ލޯނުގެ ވެސް އެންމެ ބޮޑު ލުޔަކަށް ވާނީ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަވުމާއި އަނބުރާ ދައްކަން ކަނޑައަޅާފައިވާ މުއްދަތެވެ.
ކްރިއޭޓިވް އާޓްސް ލޯން
މި ލޯނު ޓާގެޓު ކޮށްފައިވަނީ ކްރިއޭޓިވް އާޓްސް ދާއިރާގެ އެކި މަސައްކަތް ކުރާ މީހުންނަށެވެ. އޭގެ ތެރޭގައި މިއުޒިކް އިންޓްސްޓްރަކްޓާ، މިއުޒީޝަނުން، ފޮތް ލިޔާ މީހުން، އާޓިސްޓްސް، އެނިމޭޓާސް، ޑިޒައިނާސް، ލަވާ ކިޔާ މީހުން ހިމެނެ އެވެ.
-
ލޯނުގެ އަދަދު: 50،000 - 250،000ރ.
-
އިންޓްރެސްޓް ރޭޓް: %6 - %8
-
ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ؛ ލޯނު އަނބުރާ ދައްކަން ގިނަވެގެން ލިބޭނީ ފަސް އަހަރު
ލޯނުގެ ޝަރުތުތައް
-
1-
އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގައި އާޓިސްޓެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވުން
-
2-
ކްރިއޭޓިވް އާޓްސް ދާއިރާގައި މަދުވެގެން އެއް އަހަރު މަސައްކަތް ކޮށްފައިވުން އަދި އެކަން ސާބިތުކޮށްދިނުން
-
3-
މަސައްކަތް ކުރާކަން ކަށަވަރު ކުރާނީ ތަޖުރިބާ އާއި ސޯޝަލް މީޑިއާ ޕްރެސެންސް އަދި ޕްރޮޖެކްޓްތަކުގެ ލިޔެކިޔުންތަކަށް ބަލާނެ
-
4-
ލޯނުގެ ގޮތުގައި ނެގޭ އަދަދު ކަނޑައަޅާނީ ހުށަހަޅާ މީހާގެ އާމްދަނީއަށް ބެލުމަށް ފަހު؛ ކޯ-ބޮރޮވާއެއް ހުށަހެޅުމުން އެ ލިމިޓަށް ވުރެ ބޮޑުކޮށް ނެގޭނެ
ޓެކްސީ ލޯން
ޓެކްސީ ލޯނު ދޫކުރާނީ ދެ ކެޓަގަރީއަކުންނެވެ. އެއީ މިހާރު އޮތް ޓެކްސީ ބާވެގެން، އާ ޓެކްސީއެއް ހޯދުމުގެ ބަޔާއި އަމިއްލަ ޓެކްސީއެއް ނެތް ޓެކްސީ ޑްރައިވަރުންގެ ބަ އެވެ.
-
ލޯނުގެ އަދަދު: ގިނަވެގެން 300،000ރ.
-
އިންޓްރެސްޓް ރޭޓް: %6 - %8
-
އެއްވެސް ކޮލެޓްރަލްއެއް ހުށަހަޅަން ނުޖެހޭނެ، އިކުއިޓީއެއް ބޭނުމެއް ނުވާނެ
-
ގަންނަ ޓެކްސީ އެސްޑީއެފްސީއިން މޯގޭޖު ކުރާނެ
-
ލޯނު އަނބުރާ ދައްކަން ފަސް އަހަރު؛ ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ
ލޯނުގެ ޝަރުތުތައް
-
1-
ޓެކްސީ ރިޕްލޭސްމަންޓް ބައިން ލޯނަށް އެދެވޭނީ 10 އަހަރު ވެފައި ހުންނަ ޓެކްސީއެއް ބަދަލުކުރަން
-
2-
އަމިއްލަ ޓެކްސީއެއް ނެތް ޑްރައިވަރުން، ފާއިތުވެ ދިޔަ އެއް އަހަރު (މަދުވެގެން) ޓެކްސީ މަސައްކަތް ކުރާކަން ސާބިތުކޮށްދޭން ޖެހޭނެ
-
3-
މި ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓެކްސީ ކުރަން ކާރު ގަތުމަށް
އެނގުން މުހިންމު - ކްރިއޭޓިވް އާޓްސް ލޯނާއި ޓެކްސީ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހު އެވެ. މި ދެ ލޯނާ ބެހޭ އިތުރު މައުލޫމާތު ވެސް އެސްޑީއެފްސީގެ ވެބްސައިޓާއި ޕޯޓަލްގައި އެ ދުވަހު އާންމުކުރާނެ އެވެ.