
މަރުކަޒީ ބޭންކު އެމްއެމްއޭ. (ދައުރު ފޮޓޯ)
'ފަވަރަ' އައިޕީއެސްގެ ހިދުމަތްތައް ބޭނުންކުރާނީ ކިހިނެއް؟
ރާއްޖޭގައި ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ގާއިމުކުރި އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) 'ފަވަރަ' އިފްތިތާހު ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މަރުކަޒީ ބޭންކުން ބުނާ ގޮތުގައި، މިއީ ރާއްޖޭގެ މާލީ ދާއިރާ އާއި ފައިސާ ދެއްކުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ކުރާ މަސައްކަތްތަކާއި ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ.
ފަވަރަ އިފްތިތާހު ކުރީ ދުނިޔޭގެ އެހެން ގައުމުތަކުގައި މިހާރު ވެސް ބޭނުންކުރަމުން އަންނަ، އެހެން ނަމަވެސް ރާއްޖެއަށް އާ ހިދުމަތްތަކަކާ އެކު އެވެ. މި ނިޒާމުން ފޯރުކޮށްދޭނެ އާ ހިދުމަތްތައް ފަރުމާކޮށް، ހޯދައިދޭނީ ބޭންކުތަކާއި އެ ނޫނަސް ހިދުމަތް ދޭ ފަރާތްތަކުންނެވެ.

މި އާޓިކަލްގައި ބަލާލާނީ ފަވަރައިގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހިދުމަތްތަކާއި އެ ހިދުމަތްތައް ބޭނުންކުރާނެ ގޮތަށެވެ.
ހިދުމަތް ދެނީ ކޮން ބައެއް؟
ފަވަރަ އިފްތިތާހުކުރީ ތިން ބޭންކަކާ އެކު އެވެ. އެއީ:
-
1-
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
-
2-
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
-
3-
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)
އިތުރު ހަތަރު ބޭންކަކާ އެކު، ޓެސްޓުތައް މިހާރު ކުރިއަށްގެންދާއިރު، އެ ބޭންކްތައް ފަވަރައިގައި ހިމެނުމަށް ކުރަން ޖެހޭ މަސައްކަތްތައް ނޮވެމްބަރަށް ނިމި، މި އަހަރު ނިމުމުގެ ކުރިން ސިސްޓަމްގައި ހިމެނޭނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފަ އެވެ.
ފަވަރައިގެ ހިދުމަތްތައް
ފަވަރައިގައި މި ވަގުތު ހިމެނެނީ މައިގަނޑު ހަތަރު ހިދުމަތެކެވެ. އެއީ:
-
1-
ފަވަރަ ޓްރާންސްފާ
-
2-
ފަވަރަ އައިޑީ
-
3-
ފަވަރަ ރިކުއެސްޓް
-
4-
އެކައުންޓް ވެރިފިކޭޝަން
މި ސިސްޓަމަކީ ފައިސާ ފޮނުވައި ލިބިގަތުމުގައި ފަސޭހަ އަދި ޒަމާނީ ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ އޮނިގަނޑެވެ. ފަވަރައިން އާންމުންނަށް ލިބޭ ހިދުމަތްތަކާއި ސޮލިއުޝަންތައް ހޯދައިދިނުމަކީ ސާވިސް ޕްރޮވައިޑަރުންގެ (ބޭންކްތަކާއި އެ ނޫން އެހެން މާލީ އިދާރާތަކުގެ) މަސްއޫލިއްޔަތެކެވެ.
ފަވަރަ ބޭނުންކުރާ ގޮތް
ފަވަރަ އައިޕީއެސް މި ވަގުތު ބޭނުންކުރެވެނީ ދެ ގޮތަކަށެވެ. އެއީ ބީއެމްއެލް އާއި އެމްއައިބީގެ އިންޓަނެޓް ބޭންކިން އަދި އެސްބީއައިގެ މޮބައިލް އެޕްލިކޭޝަނުންނެވެ.
ފަވަރަ ޓްރާންސްފާ (ބީއެމްއެލް އިންޓަނެޓް ބޭންކިންއިން):
-
1-
ބީއެމްއެެލް އިންޓަނެޓް ބޭންކިންއަށް ލޮގިން ވުމަށް ފަހު، ކޮންޓެކްސް ބައިގައި ފައިސާ ފޮނުވަން ބޭނުންވާ ފަރާތް ކޮންޓެކްޓްއެއްގެ ގޮތުގައި ސޭވްކޮށްލާ
-
2-
ޑޮމެސްޓިކް ޓްރާންސްފާ ބައިން ސޭވްކޮށްފައިވާާ، ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކޮންޓެކްޓް ހިޔާރު ކުރުމަށް ފަހު، ފޮނުވަން ބޭނުންވާ ފައިސާގެ އަދަދާއި އެހެން މައުލޫމާތު ފުރާލުމަށް ފަހު ރިވިއުކޮށްލާ
-
3-
ޓްރާންސެކްޝަން ސައްހަކަން ކަށަވަރު ވާނީ އޯޓީޕީ ނުވަތަ އޮތެންޓިކޭޓާ މެދުވެރިކޮށް؛ މި ބަޔަށް ފަހު، ޓްރާންސެކްޝަން ކޮންފާމް ވުމުން ފައިސާ ފޮނުވި ފަރާތާއި ލިބޭ ފަރާތަށް އެ ޓްރާންސެކްޝަންގެ ނޮޓިފިކޭޝަން ވަގުތުން ލިބޭނެ
ފަވަރަ އައިޑީ ބޭނުންކޮށްގެން ޓްރާންސްފާ ކުރާނެ ގޮތް:
ފަވަރަ އައިޑީގެ ގޮތުގައި އެކައުންޓް ނަންބަރު ނޫން އެހެން އޭލިއަސްތައް ބޭނުންކުރެވެ އެވެ. އޭގެ ތެރޭގައި، މި ވަގުތު ބޭނުންކުރެވެނީ މޮބައިލް ނަންބަރު، އީމެއިލް އެޑްރެސް އަދި އައިޑީ ކާޑު ނަންބަރެވެ. އޭލިއަސްގެ ގޮތުގައި އައިޑީ ކާޑު ނަންބަރު ބޭނުން ކުރެވެނީ ހަމައެކަނި އެސްބީއައި ކަސްޓަމަރުންނަށެވެ.
-
1-
ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ސެޓިންގްސްގައި ހިމެނޭ ޕްރޮފައިލް ސެޓިންސް ބައިން ފަވަރަ އައިޑީ މެނޭޖްމަންޓްގައި ހިމެނޭ ބާ އޮން ކޮށްލާ؛ އެމްއައިބީގެ ވެސް ފައިސާނެޓް ޕޯޓަލްގެ ފަވަރަ ޑްރޮޕް ޑައުން މެނޫގައި ހިމެނޭ ފަވަރަ އައިޑީ ބަޔަށް ދިއުމަށް ފަހު، ބާ އޮންކޮށްލާ
-
2-
ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ކުއިކް ޕޭ ބައިން އެކައުންޓް ނަންބަރުގެ ބަދަލުގައި ފަވަރަ އައިޑީ ސާޗު ކުރުމަށް ފަހު ބޭނުންވާ އައިޑީ ހިޔާރުކުރުމުން، ޓްރާންސެކްޝަން ހެދޭނެ
-
3-
ޓްރާންސެކްޝަން ނިމުމުން ދެ ފަރާތަށް ވެސް ވަގުތުން ނޮޓިފިކޭޝަން ލިބޭނެ
ފަވަރަ ރިކުއެސްޓް ފޮނުވާނެ ގޮތް:
ފަވަރަ ރިކުއެސްޓްއަކީ ފައިސާ ފޮނުވަން އެދި ފޮނުވާ ރިކުއެސްޓެކެވެ. މި ރިކުއެސްޓް ލިބޭ ފަރާތުން ރިކުއެސްޓް އެކްސެޕްޓް ކުރުމުން އެ މީހެއްގެ އެކައުންޓުން އެ ރިކުއެސްޓެއްގައި ވާ އަދަދު ޑެބިޓް ވާނެ އެވެ.
ފަވަރަ ރިކުއެސްޓެއް ފޮނުވުމަށް:
-
1-
ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ސާވިސަސްއަށް ބައިން ފަވަރަ ރިކުއެސްޓް ހިޔާރުކޮށްލާ
-
2-
ރިކުއެސްޓް ފޮނުވަން ބޭނުންވާ ފަރާތާއި ފައިސާގެ އަދަދު ޖެހުމަށް ފަހު ރިކުއެސްޓް ފޮނުވާލާ
-
3-
ބީއެމްއެލް ނަމަ ފަވަރަ ރިކުއެސްޓްސް އެޕްރޫވަލް އަދި އެމްއައިބީ ނަމަ، ފައިސާނެޓްގެ ފަވަރަ ބައިގައި ހިމެނޭ އިންކަމިންގް ފަވަރަ ރިކުއެސްޓްސް ބައިން އެހެން މީހުން އެ މީހަކަށް ފޮނުވާފައި ހުންނަ ފަވަރަ ރިކުއެސްޓްތައް ފެންނާނެ؛ އެ ރިކުއެސްޓްތައް އެކްސެޕްޓް ނުވަތަ ޑިކްލައިން ކުރެވޭނެ
-
4-
ރިކުއެސްޓް އެކްސެޕްޓް ކުރުމުން އޯޓީޕީ ޕްރޮސެސްއަށް ފަހު، އެކައުންޓް ޑެބިޓްވާނެ؛ ދެ ފަރާތަށް ވެސް ޓްރާންސެކްޝަންގެ ނޮޓިފިކޭޝަން ލިބޭނެ
ފަވަރަ ރީކޯލް ކުރާާނެ ގޮތް
ފަވަރަ ރީކޯލްއަކީ އޮޅިގެން ވިޔަސް، މީހަކަށް ފޮނުވާ ފައިސާ އަނބުރާ ހޯދަން ފޮނުވާ ރިކުއެސްޓެކެވެ. ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް މިކަން ކުރާ ގޮތަކީ:
-
1-
އިންޓަނެޓް ބޭންކިންގެ ފަވަރަ ބައިގައި ހިމެނޭ ސްޓޭޓަސް ސެލެކްޓް ކޮށްލާ (އެކައުންޓުން ހިންގާފައިވާ ފަވަރަ ޓްރާންސެކްޝަންތައް މި ބައިން ފެންނާނެ)
-
2-
ރީކޯލް ކުރަން ބޭނުންވާ ޓްރާންސެކްޝަން ހިޔާރު ކުރުމަށްފަހު ރީކޯލް ސެލެކްޓްކޮށްލާ
-
3-
ރީކޯލް ކުރަން ބޭނުންވާ ސަބަބު ބަޔާންކުރުމަށްފަހު ރީކޯލް ރިކުއެސްޓް ފޮނުވާލާ
-
4-
ރީކޯލް ރިކުއެސްޓެއް ލިބުމުން - ރީކޯލް އެކްސެޕްޓް އަދި ޑިކްލައިން ކުރުމުގެ އިހުތިޔާރު ރީކޯލް ލިބޭ ފަރާތަށް އޮންނާނެ
-
5-
ރީކޯލް އެކްސެޕްޓް ކުރުމުން އޯޓީޕީ ޕްރޮސެސްއަށްފަހު އެ ފަރާތެއްގެ އެކައުންޓުން ރީކޯލްގައިވާ އަދަދު ޑެބިޓް ވާނެ
ފަވަރައިގައި އެކި ފިޔަވަހިތަކަށް ބަހާލައިގެން ސާވިސް ޕްރޮވައިޑަރުންނާއި ކަސްޓަމަރުންނަށް ވެސް ފަސޭހަކޮށްދިނުމަށް އާ ކަންތައްތަކެއް ތައާރަފްކުރާނެ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަކީ:
-
އޯޕަން ބޭންކިން - މި ހިދުމަތް ތައާރަފްކުރުމުން ކޮންމެ ބޭންކަކަށް ވަކި އެޕްލިކޭޝަނެއް ބޭނުން ކުރަން ނުޖެހި، އެ މީހަކު ބޭނުން ބޭންކެއްގެ އެޕްލިކޭޝަނުން ހުރިހާ ޓްރާންސެކްޝަންތައް ހެދޭނެ؛ މިހާރު ޑިވެލޮޕް ކުރަމުން އަންނަ މި ހިދުމަތުގެ ޓެސްޓިން މަރުހަލާ ވަރަށް އަވަހަށް ފަށާނެ
-
ފަވަރަ މޮބައިލް އެޕްލިކޭޝަން - މި އެޕްލިކޭޝަންގައި މިހާރު ފަވަރައިގައި ހުރި ހިދުމަތްތަކުގެ އިތުރުން ކިއުއާރު ކޯޑު ބޭނުންކޮށްގެން ޓްރާންސެކްޝަން ހެދުން ފަދަ އާ ހިދުމަތްތައް ހިމެނޭނެ
-
ބޭންކް ނޫން މާލީ އިދާރާތައް ހިމެނުން - އީ-ވޮލެޓް ހިދުމަތްތައް ދޭ ފަރާތްތައް (މިސާލަކަށް ދިރާގު އަދި އުރީދޫ) އާއި ބޭންކު ނޫން މާލީ އިދާރާތަކުގެ ހިދުމަތްތަކަށް ޓްރާންސެކްޝަން ހެދޭނެ