
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، 'ފަވަރަ' ޕޭމަންޓް ސިސްޓަމް އިފްތިތާހުކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
މިއީ މާލީ ދާއިރާއަށް އައި އިންގިލާބެއް؛ ބޮޑު ބަދަލެއްގެ ފެށުން: ގަވަރުނަރު
ރާއްޖޭގައި އަލަށް ތައާރަފްކުރި 'ފަވަރަ' އިންސްޓެންޓް ޕޭމަންޓް ސިސްޓަމްއަކީ ބޮޑު ބަދަލެއްގެ ފެށުން ކަމަށާއި މިއީ ރާއްޖޭގެ މާލީ ދާއިރާއަށް އައި އިންގިލާބީ ބަދަލެއް ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަރުކަޒީ ބޭންކު، އެމްއެމްއޭއިން ގާއިމުކުރާ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' މިރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިފްތިތާހުކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ދުނިޔޭގެ ހުރިހާ ހިދުމަތްތައް ވެސް ދަނީ ޑިޖިޓަލައިޒޭޝަނާ ދިމާލަށް ކަމަށެވެ. އަދި އެމްއެމްއޭއިން ވެސް މަސައްކަތް ކުރަނީ ރާއްޖޭގެ މާލީ ދާއިރާ ވެސް އެ ދިމާލަށް ގެންދިއުން ކަމަށާއި ޕޭމަންޓް ސިސްޓަމެއް ތައާރަފްކުރުމަކީ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިރޭ ތައާރަފްކުރި ފަވަރަ ޕޭމަންޓް ސިސްޓަމަކީ ރާއްޖޭގެ މާލީ ދާއިރާއަށް އައި އިންގިލާބީ ބަދަލެކެވެ.

"ފަވަރައަކީ ފަސޭހައިން ވަގުތުން ފައިސާ ފޮނުވޭ، ރައްކާތެރި ނިޒާމެއް. މި ސިސްޓަމުން މާލީ ދާއިރާއަށް ޒަމާނީ ބަދަލުތަކެއް އަންނާނެ. ރާއްޖެއަށް އިޖާދީ މާލީ އެތައް ހިދުމަތްތައް ތައާރަފްވެގެންދާނެ. ބޭންކުގެ ބްރާންޗެއް ރަށުގައި ނެތަސް، މާލީ ހިދުމަތްތައް ލިބޭނެހެން ތަރައްގީވެގެންދާނެ،" ހާޝިމް ވިދާޅުވި އެވެ.
"މި ސިސްޓަމްގެ ސަބަބުން އާންމު މީހާއަށް ފަސޭހަތަކެއް ލިބި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ. ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަށް ފަހި ފަސޭހަތަކެއް ލިބިގެންދާނެ."
ތަފްސީލު - ގަވަރުނަރުގެ ވާހަކައިގައި ވިދާޅުވި ގޮތުގައި:
-
ފަވަރަ ފެށީ ތިން ބޭންކް (ބީއެމްއެލް، އެމްއައިބީ އަދި އެސްބީއައި)އާ އެކު ނަމަވެސް، އެހެން ބޭންކުތަކާ އެކު ޓެސްޓިން މަރުހަލާ ކުރިއަށްދާ ކަމަށް؛ މި އަހަރުގެ ނިޔަލަށް އެ ބޭންކްތައް ވެސް މި ސިސްޓަމްގައި ހިމެނޭނެ
-
ކުރިއަށް ދެން އޮތް މަރުހަލާއަކީ ރާއްޖޭގައި އޯޕަން ބޭންކިން ތައާޜަފްކުރުން؛ މި ސިސްޓަމްގެ ތެރެއިން ކްރެޑިޓް ސްކޯރިން ސިސްޓަމް، ޑިިޖިޓަލް ކްރެޑިޓް ފެސިލިޓީތައް އަދި ހިދުމަތްތައް ދޭ ފަރާތްތަކަށް ކަސްޓަމަރުންނަށް ފަސޭހަ ސޮލިއުޝަންތައް ހުށަހެޅޭނެ
މި ސިސްޓަމް އުފެއްދުމުގައި ބޭންކްތަކާއި މާލީ އިދާރާތައް އަދި އެ ނޫނަސް ބައިވަރު ފަރާތްތަކުގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވައި، ހާޝިމް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ކޮމެންޓް (1)
ފުވަކުހަލޮ