ޔޫއެންޑީޕީއާއި އެމްއެމްއޭއާ ދެމެދު މޯލްޑިވްސް އިންޝުއަރެންސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގައި ސޮއިކުރުމުގެ ތެރެއިން. (ފޮޓޯ/ ޔޫއެންޑީޕީ)
އިންޝުއަރެންސް ދާއިރާ ހަރުދަނާކުރަން ޔޫއެންޑީޕީ އާއި އެމްއެމްއޭއިން މަޝްރޫއެއް ހިންގަނީ
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކަށް ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ވިލުންވެރިކޮށް، އެ ސިނާއަތު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މޯލްޑިވްސް އިންޝުއަރެންސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ޔޫއެންޑީޕީ އާއި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިއްޔެ ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ޔޫއެންޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން:
-
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޝުއަރެންސް ދާއިރާގެ ގާބިލުކަން އިތުރުކޮށް، އިންޝުއަރެންސް ހިދުމަތްތަކުގެ ދެމެހެއްޓެނިވިކަން އިތުރުކޮށް، ގަވައިދުތައް ހަރުދަނާ ކުރާނެ
-
އެންމެ ބޮޑު އިސްކަމެއް ދޭނީ އިންޝުއަރެންސް ނިޒާމު ހިންގާ ގަވާއިދުތަކާއި އޮނިގަނޑުތަކަށް؛ ރާއްޖޭގައި "ގްރީން، ބްލޫ އަދި ކްލައިމެޓް އިންޝުއަރެންސް"ގެ ހިދުމަތް ތައާރަފު ކުރާނެ
-
މަޝްރޫއު އެކުލަވާލާފައިވަނީ މިދިޔަ ޖެނުއަރީގައި ހެދި އިންޝުއަރެންސް ސެކްޓާ ޑައިގްނޯސްޓިކް ސްޓަޑީގެ ހޯދުންތަކަށް ބިނާކޮށް
ބުނީ ކީކޭ؟ - މި މަޝްރޫއުގައި ސޮއިކުރުމާ ގުޅޭ ގޮތުން ރާއްޖެއަށް ކަނޑައަޅާފައިވާ ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރީކޯ އެންޖެލިކާ ވިދާޅުވި ގޮތުގައި:
-
މޫސުމީ ބަދަލުތަކުގެ އަސަރުތައް ބޮޑުވަމުންދާ އިރު، ރާއްޖެއަކީ އެ ކަމުގެ ގެއްލުންތައް ވަރަށް ބޮޑަށް ލިބޭނެ ނާޒުކު ގައުމެއް؛ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުން ވަރަށް މުހިއްމު
-
މޫސުމީ ބަދަލުގެ އިގްތިސޯދީ އަގު ދަނީ އަންދާޒާ ނުކުރެވޭ ވަރަށް ބޮޑުވަމުން؛ އިންޝުއަރެންސަކީ ނާޒުކު މުޖުތަމައުތަކާއި އިންވެސްޓްމެންޓްތައް ރައްކާތެރިކުރަން ބޭނުންކުރެވޭނެ ވަސީލަތެއް
"މި ޕާޓްނާޝިޕްގެ ތެރެއިން އަޅުގަނޑުމެން އުންމީދުކުރަނީ ރާއްޖޭގެ އިންޝުއަރެންސް ސިނާއަތަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް،" އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި އެވެ.
"ގަވައިދުތައް ހަރުދަނާކޮށް، އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށްގެން އިގްތިސޯދީ މާހައުލުގައި ސިނާއަތުގެ ހަމަޖެހުން ރައްކާތެރިކުރުމުގެ އިތުރުން ތަފާތު ގޮންޖެހުންތަކަށް ވިލުންވެރިކަން އިތުރުކުރެވޭނެ."