އެމްއެސްއެސްއިން އާ ބޯޓު ގަތުމަށް އެއްބަސްވުމުގައި ސޮއިކުރަން. (ފޮޓޯ/އެސްޓީއޯ)

އެމްއެސްއެސްއަށް 105 ކޮންޓެއިނާ އުފުލޭ އާ ބޯޓެއް؛ ބޭރުގެ ބަނދަރުތަކާ އައްޑުއާ ގުޅުވާލަނީ

އެމްއެސްއެސްގެ އާ ބޯޓު، 'އެމްއެސްއެސް އޯޕަލް'ގެ ދަތުރުތައް މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު ފަށާނެ
10 އޯގަސްޓު 2023

މުހިންމު ނުކުތާތައް

އެމްއެސްއެސްގެ ހިދުމަތުގެ އަގު، މިހާރު މާކެޓް ރޭޓަށް ވުރެ ކުޑަވާނެ

މި ހިދުމަތް ފެށުމުން އައްޑުއަށް މުދާ ގެންދިއުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބުމުގެ އިތުރަށް އެ ސަރަހައްދުގައި މުދަލުގެ އަގު ދަށަށް ދާނެ

ފުރަތަމަ ފިޔަވަހީގައި މާލެ - އައްޑޫ ދެމެދު ދަތުރުކުރާއިރު، ދެ ވަނަ ފިޔަވަހީގައި ގދ. ތިނަދު އާއި ހދ. ކުޅުދުއްފުއްޓަށް ދަތުރުތައް ފުޅާކުރާނެ

އައްޑުއަށް ބައިނަލްއަގްވާމީ ބަނދަރުތަކުން މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގައުމީ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން ގެންނަ ބޯޓް، 'އެމްއެސްއެސް އޯޕަލް' ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެމްއެސްއެސް އޯޕަލް

  • ބޭރު ބަނދަރުތަކުން އައްޑުއަށް ގެންދާ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށް ފަހު އައްޑުއަށް ގެންދާނެ

  • މާލެއިން ގަންނަ މުދާ ކޮންޓެއިނާގައި އައްޑުއަށް ގެންދިއުމަށް ވެސް މި ބޯޓު ބޭނުންކުރާނެ

  • މި ބޯޓުގައި ކްރޭން ހުންނާނެ، 105 ކޮންޓެއިނާ އުފުލޭނެ (20 ރީފާ ކޮންޓެއިނާ ހިމެނޭ ގޮތަށް)

  • ބޯޓުގެ ބޮޑުމިން - ދިގުމިނުގައި 67.2 މީޓަރު

  • ބޯޓު ދަތުރުކުރާ ރޫޓު: މާލެ - ހިތަދޫ - ކޫއްޑޫ - މާލެ (ކޮންމެ 10 ދުވަހަކުން)

އެމްއެސްއެސްއިން އާ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/އެސްޓީއޯ)

ބުނީ ކީކޭ؟ - މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެސްއެސްގެ އެމްޑީ ނާޒިމް ވިދާޅުވީ އެމްއެސްއެސް އޯޕަލްއާ އެކު ޓްރާންސްޝިޕްމަންޓް ހިދުމަތް މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ ސެޕްޓެމްބަރުގެ ކުރީކޮޅުގައި ފެށޭވަރު ވާނެ ކަމަށެވެ.

މި ހިދުމަތުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި އައްޑުއާ ދެމެދު ދަތުރުކުރަން ރާވާފައިވާއިރު، ގދ. ތިނަދޫ ބަނދަރު ނިމުމުން، ދެ ވަނަ ފިޔަވަހީގައި ތިނަދޫ ބަނދަރަށް ވެސް މުދާ އުފުލަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ ވަނަ ފިޔަވަހީގައި ކުޅުދުއްފުއްޓަށް ދަތުރުކުރުމަށް ވެސް ވަނީ ރާވައިފަ އެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ނާޒިމް، އެ ކުންފުނިން ގަންނަ އާ ބޯޓާއި ޓްރާންސްޝިޕްމަންޓް ހިދުމަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވަނީ. (ފޮޓޯ/އެސްޓީީއޯ)

ނާޒިމް ވިދާޅުވީ އާ ބޯޓެއް ހޯދުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ މީގެ ކުރިން މާލެ އާއި އައްޑުއާ ދެމެދު ދަތުރުކުރި 'އެމްއެސްއެސް ބޮންތި'ގެ ދަތުރުތައް ހުއްޓާލަން ޖެހުނު ސަބަބުތަކާއި އެ ދަތުރުތަކުން ލިބުނު ފިލާވަޅުތަކަށް ކަމަށެވެ.

"އަޅުގަނޑުމެން ހޯދީ ރާއްޖޭގެ ބަނދަރުތަކަށް އެކަށީގެންވާ ބޯޓެއް. ބޯޓުގައި އެބަ ޖެހޭ ކްރޭނެއް ވެސް ހުންނަން، ލޯކަލް ގިނަ ބަނދަރުތަކުގައި ކްރޭނެއް ނުހުންނާތީ،" އޭނާ ވިދާޅުވި އެވެ.

ތަފްސީލު - ނާޒިމް ވިދާޅުވި ގޮތުގައި ޓްރާންސްޝިޕްމަންޓް ހިދުމަތަށް އެމްއެސްއެސްއިން ވަންނަން ޖެހުނީ ރާއްޖޭގައި މިހާރު މި ހިދުމަތް އެކަށީގެންވާ ގޮތެއްގައި ލިބެން ނެތުމުންނެވެ.

"މިސާލަކަށް ކޮންޓެއިނާތައް މި އުފުލަނީ ކުދިކުދި ދޯނިފަހަރުގައި. ކަނޑު ގަދަވެއްޖެ ނަމަ ނުރައްކާ ބޮޑުކޮށް މި ދަތުރުކުރަނީ. ހަމައެކަނި ދޯންޏަކަށް ނޫން، މުދަލަށް ވެސް ރިސްކެއް އެއީ،" އޭނާ ވިދާޅުވި އެވެ.

"ދޯނިފަހަރުގައި މުދާ ނުވަތަ ކޮންޓެއިނާ އުފުލާއިރު ދިވެހި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ގޮންޖެހުމެއް އަގު ބޮޑުވުމަކީ. ބަޖެޓަށް ވުރެ މުދާ ގެންނަން ދާ ހަރަދު ބޮޑުވޭ. އެހެންވެ އައްޑޫގައި ތަކެތީގެ އަގުތައް ވެސް ބޮޑުވޭ. އެކަމަށް ހައްލެއް ލިބޭނެ."

އޭގެ އިތުރުން ސަރުކާރުން ގެންގުޅޭ ލާމަރުކަޒު ކުރުމުގެ ސިޔާސަތާއި ދެކުނުގެ އިގްތިސާދު ފުޅާކުރުމާއި މުދާ އެތެރެކުރާ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަކީ ވެސް ނާޒިމް ވިދާޅުވި ގޮތުގައި މި ހިދުމަތަށް އެމްއެސްއެސްއިން ވަނުމުގެ މަގްސަދުތަކެވެ.

އެނގުން މުހިންމު - މިއީ 2020 ވަނަ އަހަރު އެމްއެސްއެސް އުފެއްދި ފަހުން އެ ކުންފުނިން ގެންނަ ފަސް ވަނަ ބޯޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް