ދިރާގާއި އުރީދޫގެ މޮބައިލް އެޕްލިކޭޝަން. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ޖީއެސްޓީ

ދިރާގާއި އުރީދޫ ބިލުތަކުގައި ޖީއެސްޓީ ރޭޓު ތަފާތުވި ސަބަބު

ދިރާގާއި އުރީދޫގެ ޑިސެމްބަރު މަހުގެ ފޯނު/އިންޓަނެޓު ބިލުގައި ޖީއެސްޓީ ރޭޓު ޗާޖުކޮށްފައިވަނީ ތަފާތުކޮށް. ނަމަވެސް، ބިލު ފޮނުވި ގޮތުން އެއީ މައްސަލައަކަށް ނުވޭ

އާ އަހަރުގެ ފުރަތަމަ ދުވަހު ގިނަ މީހުންނަށް އައި ފުރަތަމަ ބިލަކީ ފޯނު/އިންޓަނެޓު ބިލެވެ. އެއާ އެކު އެ ބިލުތަކުގައި 'ނަގަން ނުޖެހޭ' ވަރަށް ޖީއެސްޓީ ހިމަނާފައިވާ ކަމުގެ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި ބައެއް މީހުން ކުރަން ފެށި އެވެ.

މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި، އުރީދު އާއި ދިރާގުގެ ޑިސެމްބަރު މަހުގެ ބިލުތަކުގައި ޖީއެސްޓީ ޗާޖުކޮށްފައި އޮތީ ތަފާތުކޮށެވެ. ދިރާގުގެ ބިލުގައި އޮތީ %8 އެވެ. އެކަމަކު އުރީދޫގެ ބިލުގައި އޮތީ %6 އެވެ. ސޯޝަލް މީޑިއާގައި އުރީދުއަށް ހެޔޮ ބަހެވެ. ދިރާގު އޮތީ ވަރަށް ގޯސްކޮށްފަ އެވެ. އަނެއްކޮޅުން، އުރީދޫގެ ބިލު ހަދާފައި އޮތީ ގޯސްކޮށް ކަމަށް ވެސް ބުނެފައި އޮތެވެ.

ނަމަވެސް، ކުރު ޖަވާބަކީ، ދެ ކުންފުނިން ވެސް ބިލުގައި ޖީއެސްޓީ ހިމަނާފައި އޮތީ ރަނގަޅަށެވެ. ބިލުގައި ޖީއެސްޓީ ހިމަނާފައިވާ މިންވަރު ތަފާތުވި ސަބަބަކީ، ދެ ކުންފުނިން ބިލު ފޮނުވާފައި އޮތް ތާރީހު ތަފާތުވުމެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، އެއީ 'ޓައިމް އޮފް ސަޕްލައި' ނުވަތަ ޖީއެސްޓީ ލާޒިމުވާ ވަގުތުގެ ތަފާތެކެވެ. އެފަދަ ހާލަތްތަކުގައި ޖީއެސްޓީ ރޭޓު ކަނޑައަޅާނެ ގޮތް، ޖީއެސްޓީ ނަގާ ރޭޓަށް ގެނައި ބަދަލާ ގުޅޭ ގޮތުން މީރާއިން އާންމުކުރި ފެކްޓް ޝީޓުގައި ބަޔާންކޮށްފައިވެ އެވެ.

މި އަހަރުން ފެށިގެން ޖީއެސްޓީ ނަގާ ރޭޓު %6އިން %8އަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި ޓީޖީއެސްޓީ ބޮޑުކުރީ %12އިން %16 އަށެވެ. މީރާގެ ފެކްޓް ޝީޓުގައިވާ ގޮތުން، ޓައިމް އޮފް ސަޕްލައި އަކީ މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދިން ތާރީހު ކަމަށް، ޖީއެސްޓީ ދެއްކުމުގެ ބޭނުމުގައި ބަލާނެ ތާރީހެވެ. ޓައިމް އޮފް ސަޕްލައިގެ އާންމު އުސޫލަކީ، މުއާމަލާތެއްގެ އަގަށް ވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ތާރީހު ނުވަތަ އެ މުއާމަލާތަކަށް ފައިސާ ލިބުނު ތާރީހުގެ ތެރެއިން، ކުރިން އަންނަ ތާރީހެކެވެ.

ފޯނު/އިންޓަނެޓު ބިލުތަކުގައި ދިމާވި ގޮތަކީ، އުރީދޫއިން ބިލު ފޮނުވީ 31 ޑިސެމްބަރުގަ އެވެ. ޖީއެސްޓީ %6 ހިމަނާފައި އޮތީ އެހެންވެ އެވެ. ދިރާގުން ބިލު ފޮނުވީ 1 ޖެނުއަރީގަ އެވެ. އެހެންކަމުން، ޑިސެމްބަރު މަހުގެ ބިލަކަށް ވިޔަސް، ޓައިމް އޮފް ސަޕްލައި އަންނަނީ ޖެނުއަރީ 1ގެ ފަހުން ކަމަށް ވުމާ އެކު އެ ބިލުން %8ގައި ޖީއެސްޓީ ޗާޖު ކުރެވޭނެ އެވެ.

މީރާގެ ފެކްޓް ޝީޓުގައި ސީދާ މި ހާލަތަށް ހާއްސަ މިސާލެއް ވެސް ހިމަނާފައިވެ އެވެ.

"ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގައި ރަޖިސްޓްރީކޮށްފައިވާ ޓެލެކޮމް އޮޕަރޭޓަރެއް ކަމަށްވާ 'ޓެލްމާ'އިން އެ ފަރާތުގެ ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް 2022ގެ ޑިސެމްބަރު މަހުގައި ފޯރުވައިދިން މޮބައިލް ފޯނުގެ ހިދުމަތަށް ވާ އަގު ހިމަނައިގެން ޓެކްސް އިންވޮއިސްއެއް 5 ޖެނުއަރީ 2023 ގައި ދޫކުރުމުން ކަސްޓަމަރު އެ ފައިސާ ދައްކަ އެވެ. މި މިސާލުގައި ޖީއެސްޓީ ލާޒިމުވާ ވަގުތަކީ 5 ޖެނުއަރީ 2023 އެވެ. އަދި ޗާޖަސްތަކާ ޑިސެމްބަރު 2022އާ ގުޅުމެއް އޮތް ނަމަވެސް، މި މުއާމަލާތުން ޖީއެސްޓީ ނަގާނީ %8ގަ އެވެ،" މީރާގެ މިސާލުގައި ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން މި ހާލަތުގައި ދިރާގު ގޯސްކުރެވޭކަށް ވެސް ނެތެވެ. އަދި އުރީދޫގެ ބިލު ވެސް ގޯހެއް ނޫނެވެ.

ކޮމެންޓް (1)

ސިކުނޑި

5 ޖެނުއަރީ 2023
އުރީދޫއަށް 31 ޑިސެމްބަރުގައި ބިލް ހެދޭއިރު ދިރާގަށް ނެހެދެންވީ ސަބަބެއްނެތް! ދިރާގަކީ ސިމްކާޑެއް 500 އަށް ވިއްކި މީހުން! ކޯލަރ އައިޑީއަށް ޗާރޖު ކުރި ބައެއް! ރާއްޖޭގެ ޕަބްލިކް ކުންފުނިތައް ހިންގަނީ ސްކޭމްއެއް ގޮތަށް! ސަބަބުވެރި އިންސާނެއްގެ ބުއްދިއަށް ގަބޫލު ނުކުރެވޭގޮތަށް! އެއީ ގާނޫނީ އޮނިގަނޑު ބަލިކަށިވީމަ! ޓެންނޮލޮޖީއާއި އެއްވަރަށް މީހުން ހޭލުނެތެރި ކުރަން ބޭނުންނުވާތީ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް