މަޖިލިސް ޖަލްސާއެއްގެ ތެރެއިން: މަޖިލިސް ތަޅުން (ފޮޓޯ/ މަޖިލިސް)
ފާސްނުކޮށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މި އަހަރުގެ ބަޖެޓުން ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ވީހިނެއް؟ - ފިނޭންސް މިނިސްޓްރީއިން އެންމެ ފަހުން އާންމުކޮށްފައިވާ އާމްދަނީ އާއި ހަރަދުގެ ހިސާބުތަކުން ދައްކާ ގޮތުން މަޖިލީހުން މިއަހަރަށް ފާސްކޮށްދިން ބަޖެޓްގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މިހާރުވެސް ވަނީ ތިން ބާވަތެއްގެ ހަރަދުތައް ކޮށްފަ އެވެ. އެގޮތުން ކޮށްފައިވާ ހަރަދުތަކަކީ:
-
އިދާރީ އަދި ހިންގުމުގެ ހަރަދަށް ފާސްކޮށްދިން އަދަދަށް ވުރެ އިތުރަށް 1.1 ބިލިއަން ރުފިޔާ
-
ޕީއެސްއައިޕީއަށް ފާސްކޮށްދިން އަދަދަށް ވުރެ އިތުރަށް 115 މިލިއަން ރުފިޔާ
ފާސްނުކޮށް، ބަޖެޓަށް ވުރެ އިތުރަށް ކޮށްފައިވާ ހަރަދުތަކުގެ ޖުމްލަ މިހާރުވެސް ވަނީ 1.2 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ތަފްސީލް - އިދާރީ އަދި ހިންގުމުގެ ހަރަދު ފާސްކޮށްދިން ބަޖެޓަށް ވުރެ އިތުރުވެފައި ވަނީ ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް އައިސްފައިވާ ބަދަލުތަކާ ހުރެ އެވެ. އެގޮތުން ތެލުގެ އަގު ބޮޑުވުމާއި ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގައި އިންޓަރެސްޓް ރޭޓްތައް ބޮޑުވުމަކީ އޭގެ ސަބަބެކެވެ. އެގޮތުން އިދާރީ އަދި ހިންގުމުގެ ހަރަދު ބޮޑުވި ދާއިރާތަކަކީ:
-
ދަރަނި ސާވިސް ކުރުމުގެ ހަރަދު (އިންޓަރެސްޓް)އަށް - 2.9 ބިލިއަން ރުފިޔާ
-
އާސަންދައަށް - 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފި؛ ބަޖެޓްކުރީ 730.9 މިލިއަން
-
ސަބްސިޑީއަށް - 3.3 ބިލިއަން ރުފިޔާ ހަރަދުކޮށްފި؛ ބަޖެޓްކުރީ 1.4 ބިލިއަން ރުފިޔާ
ޕީއެސްއައިޕީއަށް ކުރި ހަރަދުތައް ފާސްކުރި ބަޖެޓަށް ވުރެ އިތުރުވެފައިވާ ދާއިރާތަކަކީ:
-
ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 350 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައި
-
ބަނދަރު ހެދުމަށް 167 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައި
-
އޮފީސް އިމާރާތްތައް ހެދުމަށް 8.5 މިލިއަން އިތުރަށް ހަރަދުކޮށްފައި
-
ބިން ހިއްކުމާއި މަގު ހެދުމަށް 510 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައި
ބުނީ ކީކޭ؟ - މީގެ ކުރިން ފިނޭންސްގައި ވެސް މަސައްކަތް ކުރެއްވި މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ބަޖެޓުގައި ފާސްކޮށްފައިވާ އަދަދުތަކަށް ވުރެ ހަރަދު އިތުރު ވާނަމަ، އަދި އެ ބަދަލު އަންނަކަން ދުރާލާ އެނގޭ ނަމަ ހަރަދު އިތުރަށް ކުރުމުގެ ކުރިން މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައި ފާސްކުރަން ވާނޭ ކަމަށެވެ.
"އެހެން ނަމަވެސް ދުރާލާ ނޭނގި ކުއްލިއަކަށް ކުރިމަތިވާ ކަމަކުން ހަރަދު އިތުރުވާ ނަމަ ފާސްނުކޮށް ކުރި ނަމަވެސް މިފަހަރު ހަރަދު އިތުރަށް ކުރުމުގެ ކުރިން ވަގުތު ލިބުނު ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެބޭފުޅާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި އަހަރަށް ހަރަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުތައް ހަމަ ނުޖެއްސޭތީ އިތުރު 5.8 ބިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކުރުމަށް، ސަރުކާރުން މަޖިލީހަށް ވަނީ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިފަ އެވެ.
އެ ބަޖެޓް ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވަނީ މަޖިލީހުން ފާސްކުރުމެއް ނެތި ބައެއް ހަރަދުތައް ކުރުމަށް ފަހު ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅި ކަމަށް ވިދާޅުވި އެކަމާ ނުރުހުން ފާޅުކުރައްވައިފަ އެވެ. އެކަމަކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ފާސްކޮށްދިން އަދަދަށް ވުރެ އިތުރަށް ހަރަދު ނުކުރާ ކަމަށާއި ސަޕްލިމަންޓްރީ ބަޖެޓް ހުށަހެޅީ އަހަރުގެ ބާކީ އޮތް ބަޔަށް ކުރަން ޖެހޭ ހަރަދުތަކަށް ކަމަށެވެ.
ބަޖެޓްގެ ހަރަދުތައް:
-
32.2 ބިލިއަން ރުފިޔާ - މިހާތަނަށް ހަރަދުކޮށްފައި
-
34.1 ބިލިއަން ރުފިޔާ - ފާސްކޮށްފައިވާ ބަޖެޓް
-
94% ހަރަދުވެފައި
ހާއްސަ ބަޖެޓުން 436 މިލިއަން އިތުރަށް ހަރަދުކޮށްފައި
މިއަހަރަށް މަޖިލީހުން ފާސްކޮށްދިން ބަޖެޓްގައި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓަށް ކަނޑައަޅާފައި އޮތީ 10.5 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް އެ ބަޖެޓުން ފިނޭންސުން މިހާރުވެސް ވަނީ 10.9 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެހެންކަމުން، ފާސްނުކޮށް އެ ބަޖެޓުން 436 މިލިއަން ރުފިޔާ އިތުރަށް މި ވަނީ ހަރަދުކޮށްފަ އެވެ.
މީގެ އިތުރަށް ހަތް އޮފީހެއްގެ ބަޖެޓުން ވެސް ފާސްކޮށްދިން އަދަދަށް ވުރެ އިތުރަށް މިހާރު ވަނީ ހަރަދުވެފަ އެވެ. އެ އޮފީސްތަކަކީ:
-
އިލެކްޝަންސް ކޮމިޝަނުން 25.3 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައި
-
ޑިފެންސްގެ ބަޖެޓުން 8.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައި
-
އިސްލާމިކް ޔުނިވަސިޓީގެ ބަޖެޓުން 6.3 މިލިއަން ރުފިޔާ ހަރަދުކޮށްފައި
-
ހައުސިން މިނިސްޓްރީގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައި
-
އެންސްޕާގެ ބަޖެޓަށް 849 މިލިއަން ރުފިޔާ ހަރަދުކޮށްފައި
-
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ހަތަރު މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައި
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ސަޕްލިމަންޓްރީ ބަޖެޓާ އެކު މި އަހަރު ސަރުކާރުގެ ހަރަދުތައް 42.8 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.