ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖްގެ އެވޯޑުތައް.

ހޮޓެލް އޭޝިއާ

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި ދިވެހި ޝެފުން ވިދާލައިފި

މި އަހަރުގެ ކެއްކުމުގެ މުބާރާތުގައި 20 ކެޓަގަރީއަކުން 500އަށް ވުރެ ގިނަ ޝެފުން ވާދަކުރި
27 އޮކްޓޯބަރު 2022

ހޮސްޕިޓަލިޓީ ސިނާއަތުގެ ސަޕްލަޔަރުންނާއި ވިޔަފާރިތައް އެއް ތަން ކުރުމަށް ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޓްރޭޑް ޝޯ ކަމަށްވާ 'ހޮޓެލް އޭޝިއާ' މައުރަޒުގެ ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައިފި އެވެ.

ވީ ކިިހިނެއް؟ - ކޮވިޑްގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ހޮޓެލް އޭޝިއާ ހޮސްޕިޓަލިޓީ މައުރަޒު ކުރިއަށް ދިޔައީ މި މަހު 10-12އަށް، ދަރުބާރުގޭގަ އެވެ. އެ މައުރަޒުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ކެއްކުމުގެ މުބާރާތް 'ހޮޓެލް އޭޝިއާ މޯލްޑިވްސް ކަލިނަރީ ޗެލެންޖު' ފެށީ އޭގެ އެއް ދުވަސް ކުރިންނެވެ.

އެ ހަރަކާތުގެ މައި ސްޕޮންސަރަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކެއް ރާއްޖެ އެތެރެކޮށް ވިއްކާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އެވެ.

ތަފްސީލު - އެ އެގްބިޝަންގެ މައިގަނޑު އެއް މަގުސަދަކީ ދުނިޔޭގެ ފެންވަރުގެ ޝެފުން އުފެއްދުމެވެ. މި އަހަރުގެ ކެއްކުމުގެ މުބާރާތުގައި 20 ކެޓަގަރީއަކުން 500އަށް ވުރެ ގިނަ ޝެފުން ވާދަކުރި އެވެ.

ކޮންމެ ކެޓަގަރީއަކުން ވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނައަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމެއް ދޭއިރު، މައި އެވޯޑު ކެޓަގަރީތަކަށް ލިބޭ ފައިސާގެ އިނާމު ބޮޑުވާނެ އެވެ. އަދި އެ ބައިގައި ހިމެނޭ 'މޮސްޓް އައުޓްސްޓޭންޑިން ޝެފަ'ށް ފައިސާގެ އިނާމުގެ އިތުރުން ސިންގަޕޫރު ދެކޮޅު ޓިކެޓު ލިބޭނެ އެވެ.

ބެސްޓް ކަލިނަރީ އެސްޓެބްލިޝްމަންޓް 'އެލަން ޕާމާސް ޗެލެންޖް ޓްރޮފީ' ކާމިޔާބުކުރި ބަރޮސް މޯލްޑިވްސްގެ ކަލިނަރީ ޓީމް.

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގެ 20 ކެޓަގަރީގައި ވާދަކޮށްގެން އެކި ކެޓަގަރީތަކުން 13 ދިވެހި ޝެފުން ވަނީ ވަނަ ހޯދާފަ އެވެ. އެގޮތުން، އޭގެ ތެރެއިން ފަސް ކެޓަގަރީ އަކުން ދިވެހި ޝެފުން ވަނީ އެއް ވަނަ ހޯދަފަ އެވެ.

މެއިން އެވޯޑްތައް:

  • ބެސްޓް އާޓިސްޓް - ބަނޑޮސް އައިލެންޑުގެ ޝެފް ކޭޖޭއެލް ޕްރިޔަންކަރަ/ސްރީ ލަންކާ

  • މޮސްޓް ޕްރޮމިސިން ޔަންގް މޯލްޑިވިއަން ޝެފް - ހުވަފެންފުށި ރިސޯޓުގެ ޝެފް އިސްމާއިލް ތަހުސީން

  • ޓޮޕް މޯލްޑިވިއަން ޝެފް 'ބީބީއެމް ޗެއާމަންސް ޓްރޮފީ' - ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ ޝެފް އަހްމަދު މާޒިމް

  • މޮސްޓް އައުޓްސްޓޭންޑިން ޕޭސްޓްރީ ޝެފް - ދިގަލި މޯލްޑިވްސްގެ ޝެފް މަންޖޫ މަނަރަމް

  • މޮސްޓް އައުޓްސްޓޭންޑިން ޝެފް - ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ ޝެފް އަހްމަދު މާޒިމް

  • ބެސްޓް ކަލިނަރީ އެސްޓެބްލިޝްމަންޓް 'އެލަން ޕާމާސް ޗެލެންޖް ޓްރޮފީ' - ބަރޮސް މޯލްޑިވްސް

ކަލިނަރީ ޗެލެންޖުގެ އެންމެ މޮޅު ޝެފް އަދި މުޅިން އަލަށް ތައާރަފުކުރި 'ޓޮޕް މޯލްޑިވިއަން ޝެފް - ބީބީއެމް ޗެއާމަންސް ޓްރޮފީ' ކާމިޔާބުކުރި ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ އަހްމަދު މާޒިމް

ބުނީ ކީކޭ؟ - ބީބީއެމްގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ޝެފުންނަށް ކުރިއެރުން ހޯދައިދިނުމަށް އެ ކުންފުނިން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ބައިނަލްއަގްވާމީ އެކިއެކި ޕްލެޓްފޯމުތަކުން ޝެފުންނަށް ފަހިި ފުރުސަތުތަކެއް ހޯދައިދޭން އެ ކުންފުނިން މަސައްކަތް ކުރާއިރު، އޭނާ ވިދާޅުވީ ދިވެހި ޝެފުންނަށް އެ ކުންފުނިން ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ.

ކަލިނަރީ ޗެލެންޖުގެ އެންމެ މޮޅު ޝެފް އަދި މުޅިން އަލަށް ތައާރަފުކުރި 'ޓޮޕް މޯލްޑިވިއަން ޝެފް - ބީބީއެމް ޗެއާމަންސް ޓްރޮފީ' ކާމިޔާބުކުރި ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ އަހްމަދު މާޒިމް ވަނީ ބީބީއެމް އިން މިފަދަ ފުރުސަތެއް ހޯދައިދިންކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

"ބީބީއެމް [ޝެފުންގެ] ޒުވާން ޖެނެރޭޝަނަށް ދޭ ސަޕޯޓު ފާހަގަކުރަން. އަދި އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައި ޕާފޯމް ކޮށްލުމުގެ ފުރުސަތު ދިވެހިންނަށް ދޭތީ އެކަމަށް ޝުކުރު އަދާކުރަން،" އޭނާ ބުންޏެވެ.

މާޒިމް ބުނީ އެ ހިސާބަށް ވާސިލްވުމުގައި ފޯ ސީޒަންސް ލަނޑާ ގިރާވަރު އަދި ކުޑަހުރާގެ ކަލިނަރީ ޓީމުންނާއި އޭނާގެ އާއިލާ އިން ލިބުނު އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

މާޒިމްއަށް ލިބުނު ދެ އެވޯޑާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖް ފަދަ ބޮޑު މުބާރާތެއް އިންތިޒާމުކޮށް ބޭއްވިކަން ފާހަގަކޮށް ސޯލްޓް ކެފޭގެ ގްޒެކެޓިވް ޝެފް އާދިލް ވަނީ ހާއްސަ ޝުކުރެއް އެ ކުންފުންޏަށް އަދާކޮށްފަ އެވެ. އެ މުބާރާތުގެ ދެ ކެޓަގަރީ އަކުން ސޯލްޓް ކެފޭގެ ޝެފުންނަށް ވަނީ ވަނަ ލިބިފަ އެވެ.

"ބީބީއެމް އަކީ ހާއްސަކޮށް މި ދާއިރާގައި ކުރިއަށްދާން އެކި ގޮތްގޮތުން އެކި ކަންކަން މަގުފަހިކޮށްދޭ ބައެއް. އަދި އެކި ގޮތްގޮތުން އެހީތެރިކަންވެސް ފޯރުކޮށްދޭ،" އޭނާ ބުންޏެވެ.

އެނގުން މުހިންމު - މި އަހަރުގެ ކަލިނަރީ ޗެލެންޖު، ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ވަނީ އެންޑޯޒްކޮށްފަ އެވެ. އަދި އެ މުބާރާތް މީގެ ކުރިން ވޯލްޑްޝެފްސްގެ ފަރާތުން ވެސް އެންޑޯޒްކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް