ބީއެމްއެލްގެ މިރޭގެ ހަފްލާގައި އެކްޓިން ސީއީއޯ އަދި އެމްޑީ އައިޝަތު ނޫރައްދީން ވާހަކަ ދައްކަވަނީ: ބީއެމްއެލްއަށް ހިދުމަތް ކުރުމަކީ އުފަލެއް ކަމުގައި ބެލުމަށް ގޮވާލެއްވި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ބީއެމްއެލް

ބީއެމްއެލްގެ ކުރިއެރުމުގެ ސިއްރަކީ މުވައްޒަފުން: އައިޝަތު ނޫރައްދީން

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމުން ރަނގަޅު މުވައްޒަފުންތަކެއް އުފެދެމުންދާ ކަމަށް ވިދާޅުވި
2 ސެޕްޓެމްބަރު 2022

ގައުމީ ބޭންކް، ބީއެމްއެލްގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ ބޭންކުގެ އުފެއްދުންތެރި މުވައްޒަފުން ކަމަށް އެ ބޭންކުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީން މިރޭ ވިދާޅުވެއްޖެ އެވެ.

ތަފްސީލް - ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި މީހުންނަށް ސެޓްފިކެޓް ދިނުމަށާއި އަލަށް އިންޓާންޝިޕާ ގުޅޭ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި ވާހަަކަ ދައްކަވަމުން އައިޝަތު ނޫރައްދީން ވިދާޅުވީ ދުނިޔޭގެ ބޭންކުތައް ކުރިއަރައި ގޮސްފައި ވަނީ އިންސާނީ ވަސީލަތްތައް ތަރައްގީކޮށްގެން ކަމަށެވެ. އެފަދަ ބޭންކުތަކުން މުވައްޒަފުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ހުނަރުވެރި، މަސައްކަތްތެރި އަދި ހިދުމަތްތެރި މުވައްޒަފުން އުފެދި ބޭންކުތައް ކުރިއަރައިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތްތަކުން މިއަދު ހުނަރުވެރި، މަސައްކަތްތެރި، ހިދުމަތްތެރި މުވައްޒަފުން އުފެދޭތަން ފެނިގެންދާކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެހެނަސް އަދިވެސް ބޭންކުގެ ތަރައްގީގައި މުހިންމު މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކޮށްލަން،" ބީއެމްއެލްގައި ހިދުމަތް ކުރައްވާތާ 40 އަހަރުވެފައިވާ އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

"ބީއެމްއެލް ވެސް ކުރިއަރައިގެން ދަނީ، ބޭނުންތެރި، އުފެއްދުންތެރި، މަސައްކަތަށް ކަމޭހިތާ މުވައްޒަފުން ތިބެގެންބޭންކުގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމަކޮށް ދެވިގެންދާނީ، ތިޔަ މުވައްޒަފުން ޒިންމާތައް ފުރިހަމައަށް އަދާކޮށް ނަމޫނާ ދައްކައިގެން."

ބީއެމްއެލްގެ އެކްޓިން ސީއީއޯ އަދި އެމްޑީ އައިޝަތު ނޫރައްދީން މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަނީ: ބީއެމްއެލްއަށް ހިދުމަތް ކުރުމަކީ އުފަލެއް ކަމުގައި ބެލުމަށް ގޮވާލެއްވި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އޭނާ ވިދާޅުވީ ބީއެމްއެލްގައި މަސައްކަތް ކުރުމަކީ ގައުމަށް ހިދުމަތް ކުރުން ކަމަށާއި އެފަދަ ހިދުމަތްތެރިއަކަށް ވެވޭތީ އުފާކުރަން ޖެހޭ ކަމަށެވެ. އަދި ޒިންމާދާރު މަސައްކަތްތެރިޔަކަށް ވުމަކީ އުފަލެއް ކަމުގައި ދުށުމަށް ވެސް އައިޝަތު ނޫރައްދީން ގޮވާލެއްވި އެވެ.

'އިންޓާންޝިޕް ޕްރޮގްރާމް ވަރަށް ކާމިޔާބު'

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާތާ މިއީ ހަތަރުވަނަ އަހަރެވެ. ކޮންމެ އަހަރަކު ވެސް 15 ފަރާތަކަށް އިންޓާންޝިޕްގެ ފުރުސަތު ދެ އެވެ.

އެ ޕްރޮގްރާމާ ގުޅޭ ގޮތުން އައިޝަތު ނޫރައްދީން ވިދާޅުވީ:

  • އެ ޕްރޮގްރާމް ނިންމި ބައިވެރިންގެ %80 އަށް ވުރެ ގިނަ މީހުންނަށް ބީއެމްއެލް އާއި އެހެނިހެން މުވައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވޭ

  • މިއީ ކުރިމަގުގައި ބޭންކަށް ބޭނުންވާ އިންސާނީ ވަސީލަތް ފުރިހަމަކުރުމަށް ކުރާ މަސައްކަތްތަކާއި މުސްތަގްބަލަށް ކުރެވޭ އުންމީދުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ނަތީޖާއެއް 

"އަޅުގަނޑުގެ އުއްމީދަކީ މިދެންނެވި އިންސައްތަ ކުރިމަގުގައި ވެސް މަތިވެގެންދިޔުން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

އޭނާ ވަނީ އިންޓާންޝިޕްގެ ހުރިހާ ބައިވެރިން ވެސް އެ ޕްރޮގްރާމްގެ ތެރެއިން މުހިންމު މައުލޫމާތުތަކާއި ހުނަރުތައް ލިބިގަނެ، ވަޒީފާގެ މާހައުލަށް ފަރިތަވެ، ރަނގަޅު ފިލާވަޅުތަކެއް ދަސްކޮށް އުނގެނޭނެ މީހުންނަށް ވުމަށް ގޮވާލައްވައިފަ އެވެ. އަދި އިންޓާންޝިޕް ހިންގުމުގައި އިސްކޮށް ތިއްބަވާ ބޭންކުގެ މުވައްޒަފުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް