މެރިން ރިސާޗު އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިއާ ނައީމް (ކ) ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް ފަރާހް އަމްޖަދު (ވ) އަދި ޕައިލަޓް ކިމްލީ ޑޯ ސަބްމާސިބަލްގައި ޑައިވް ކުރުމުގެ ކުރިން. (ފޮޓޯ/ނެކްޓަން)

ތިމާވެށި

ދިވެހި ފަޅުވެރިންނާ އެކު ކަނޑުއަޑީގެ ދިރާސާ ފަށައިފި

މިއީ ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓުންގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރާ ފުރަތަމަ ފަހަރު
11 ސެޕްޓެމްބަރު 2022

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ދެނެގަތުމަށް، ރާއްޖޭގެ ކަނޑުތަކުގެ ވަރަށް ފުނަށް ގޮސް ދިރާސާ ކުރާ އެކުއަނޯޓުންގެ ޓީމުން މިއަދު ލ. އަތޮޅު ބޭރަށް ފީނައި އެ މަސައްކަތް ފަށައިފި އެވެ. މިއީ ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓުންގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރާ ފުރަތަމަ ފަހަރެވެ.

އެނގުން މުހިންމު - އިންސާނުންނާ އެކު ކަނޑުގެ ވަރަށް ފުނަށް ދަތުރު ކުރެވޭ 'އޮމެގާ ސީމާސްޓާ II' ކިޔާ ސަބްމާސިބަލްއެއްގައި ކަނޑުގެ ސަތަހައިން ފެށިގެން 1،000 މީޓަރާ ހަމައަށް ދަތުރުކޮށް، މައުލޫމާތު އެއްކުރާ މި ދިރާސާއަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޖަމްއިއްޔާއެއް ކަމަށްވާ ނެކްޓަން އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މަސައްކަތެެކެވެ.

ވީ ކިހިނެއް؟ - ދަތުރުގެ ބައިވެރިން ސަބްމާސިބަލްގައި މިއަދުގެ މެންދުރުގެ ވަގުތެއްގައި ލ. އަތޮޅު ކައިރިއަށް ފީނީ ދިވެހި ދިދައެއް ނަގައިގެންނެވެ.

ތަފްސީލް - މި ދަތުރުގައި:

  • ލީޑު އެކުއަނޯޓުގެ ގޮތުގައި ހަމަޖައްސާފައި ވަނީ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިއާ ނައީމް

  • ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް ފަރާހް އަމްޖަދު 

  • ދެން ޑައިވްގައި ހަރަކާތްތެރިވަނީ އެމެރިކާއަށް ނިސްބަތްވާ ޕައިލަޓް ކިމްލީ ޑޯ

ނެކްޓަން މިޝަންގެ ފަޅުވެރިން ސަބްމާސިބަލްގައި އަޑިއަށް ދިއުމުގެ ކުރިން ދިވެހި ދިދައެއް ނަގައިގެން. (ފޮޓޯ/ނެކްޓަން)

އެ މީހުން ފުރަތަމަ ދަތުރުގައި ބަލަން ހަމަޖެހިފައި ވަނީ:

  • ލ. އަތޮޅުގެ އިރުމަތީ ފަރާތު ބޭރުން ކަނޑުގެ އަޑީގައި ހުރި މުރަކަތަކާއި ދިރުންތައް 

  • 250 މީޓަރުން ފެށިގެން އެކި ފުންމިންތަކުގައި ކަނޑުގެ އަޑީގެ ސާވޭ ހަދާނެ

ފަސްމަންޒަރު - ނެކްޓަން އިން ބުނެފައި ވަނީ، މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖޭން އެކުލަވާލާފައިވާ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމަކުން ސާވޭކުރާނެ ކަމަށެވެ.

ނެކްޓަން މިޝަންގެ ފަޅުވެރިން ސަބްމާސިބަލްގައި މޫދަށް ޑައިވްކުރަނީ: އެ ސަބްމާސިބަލްގައި ލީޑު އެކުއަނޯޓުންނަށް ތިބީ ދެ ދިވެހިން. (ފޮޓޯ/ނެކްޓަން)

 'ނެކްޓަން މޯލްޑިވްސް މިޝަން'ގައި:

  • އިންސާނުން ގޮވައިގެން ފުން ކަނޑަށް ދާ އެންމެ ފަހުގެ ސަބްމާސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރާނެ

  • ދިވެހި ސައިންސްވެރިންނާއި ނެކްޓަން ޓީމުގެ މަސައްކަތަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ސިއްހަތު ދެނެގަތުން

  • މި 'ހެލްތު ޗެކާ' އެކު، ރާއްޖޭގެ ކަނޑުގެ %20 ހިމާޔާތްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބިގެންދާނެ؛ މިއީ ގާތްގަނޑަކަށް ޖަރުމަނުގެ ދެބައިކުޅަ އެއް ބައި ވަރުގެ ސަރަހައްދެއް

  • މި މިޝަންގައި ޖުމްލަ 40 މީހުން ބައިވެރިވޭ؛ އެއީ 16 ދިވެހިންނާއި 24 ބައިނަލްއަގްވާމީ ބައިވެރިން

ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ދެނެގަތުމަށް ނިޒާމީ ގޮތެއްގައި ހަދާ ފުރަތަމަ ދިރާސާ ފަަށާފައި ވާއިރު، މިއީ އިންޑިއާ ކަނޑުގައި މިހާތަނަށް ހިންގާ ފަންނީ ގޮތުން އެންމެ ތަފާތު އަދި ކުރިއަރާފައިވާ ކަނޑުގެ ދިރާސާ ކަމަށް ނެކްޓަން އިން ބުނެ އެވެ. މިއީ މިހާ ފުނަށް ރާއްޖޭގައި ހިންގާ ފުރަތަމަ ސާވޭ އެވެ.



އިތުރު އާޓިކަލް

އިތުރު އާޓިކަލް