މީހެއްގެ ގަޔަށް މިރޭ ވަޅި ހެރި ފިހާރަ ތެރޭގައި ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
މާލޭ ފިހާރައެއް ތެރޭ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި
މާފަންނު މުރަނގަމަގުގައި ހުންނަ ފިހާރައެއް ތެރޭ މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިިފި އެވެ.
ފުލުހުން ބުނިގޮތުގައި މި ހަމަލާގައި ޒަހަމްވީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޒަހަމްވި މީހާ ފިހާރައިގެ ތަޅުންގަނޑު މައްޗަށް ވެއްޓި ހަރަކާތެއް ނެތިފައި އޮތް އިރު ގައިގެ އެތަންމިތަނުން ވަރަށް ބައިވަރު ލޭ އައިސްފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ. އަދި، އެ މީހާއަށް އެހީތެރިވުމަށް އާއްމުންގެ ބަޔަކު އަވަސްވެގަންނަ މަންޒަރު 'ދައުރު' އަށް ލިބިފައިވާ ވީޑިއޯއަކުން ފެނެ އެވެ. އެގޮތުން ބިދޭސީއަކު، އެ ތަނުގައި ހުރި މީހެއްގެ ޓީޝާޓު ބާލުވައި، އޭތި ޒަހަމްވި މީހާގެ ގައިގައި އޮޅާލަ އެވެ.
ހަމަލާދީފައިވަނީ މުރަނގަމަގުގައި ހުންނަ 'ކްރާސާ' ތެރޭގަ އެވެ. އެއީ ކޮސްމެޓިކްސް ވިއްކާ ފިހާރައެކެވެ.
މަންޒަރު ދުށް ދެ މީހަކު 'ދައުރު' އަށް ކިޔައިދިން ގޮތުގައި މި ހަމަލާ ދިނީ ހެލްމެޓް އަޅައިގެން ތިބެ ފިހާރައަށް ވަތް ދެ މީހެކެވެ.
އެ ސަރަހައްދު ބަންދުކޮށްގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.