މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް. (ފޮޓޯތައް/މަޖިލިސް)

ހުސައިން އެދިވަޑައިގަތީ ނަޝީދަށް ފިޔަވަޅު އަޅަން؛ ކޮމިޓީން މައްސަލަ ބަލައިގެންފި

ހުސައިން ޝަހީމް ވިދާޅުވީ މަޖިލީހުގެ ރައީސް ވެސް ހުންނަވަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ހުދޫދުގެ ތެރޭގައި ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅުވައި، އަމިއްލަ ޕާޓީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އަށް ތުހުމަތުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ދެއްކެވި ވާހަކަތައް ބަލައި، ނަޝީދާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި، މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކީ ކޮމިޓީއަށް އޭނާ މައްސަލަ ހުށަހަޅުއްވައިފި އެވެ. އެ މައްސަލަ އެ ކޮމިޓީން މިއަދު ވަނީ ބަލައިގެންފަ އެވެ.

މައްސަލައިގެ ފެށުން - މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި މި މަހުގެ 8ގައި ނަޝީދު ވަނީ މެންބަރު ހުސައިން އާއި މި ސަރުކާރަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން:

  • ހަމަލާގެ ކަންކަން ފޮރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަށް ކުރާ ކަންކަމުގައި ޝަހީމް ބައިވެރިވެވަޑައިގަންނަވާ ކަމަށް ތުހުމަތު ކުރެއްވި 

  • ނަޝީދު މެސެޖުގައި ލިޔުއްވީ، "ތިޔަ ބޭފުޅާގެ އަތުގައި ކޭއްތިފައި ތިޔަ ވަނީ އަޅުގަނޑުގެ ލޭ" ކަމަށް

  • އެ ތުހުމަތުތައް ހުސައިން ވަޓްސްއެޕް ގްރޫޕުގައި ދޮގުކުރެއްވި

  • އެ މައްސަލަ އިދާރާތަކަށް ހުށަހަޅަން ބޭނުންވާތީވެ، އެ ޗެޓް ލޮގް ހޯއްދެވުމަށް އޭނާ ވަނީ ނަޝީދަށް ސިޓީއެއް ފޮނުއްވާފައި

  • ޗެޓްލޮގް ހޯއްދެވުމަށް ހުށަހެޅުއްވި މައްސަލަ، ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން އާންމު ކޮމިޓީން އަންނަނީ ދިރާސާ ކުރަމުން

ވީ ކިހިނެއް؟ - ނަޝީދު ދެއްކެވި ވާހަކަތަކަކީ މެންބަރު ހުސައިންގެ އިމްތިޔާޒަށް އުނިކަން އަންނަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައި ފިޔަޅު އަޅައިދިނުމަށް އޭނާ ވަނީ މަޖިލީހުގެ އިމްތިޔާޒާ އަދި ސުލޫކް ކޮމިޓީއަށް ހުށަހަޅުއްވާފަ އެވެ. އެ މައްސަލައިގައި މިއަދު އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފަ އެވެ. އަދި ކޮމިޓީން ނިންމީ އެ މައްސަލަ ބަލައިގަތުމަށެވެ. 

މަޖިލީހުގެ ރައީސަށް ހުންނަވާ ބޭފުޅަކު އެއްވެސް އަސާސެއް ނެތި އަޅުގަނޑުގެ މައްޗަށް ކުރައްވާފައިވާ ތުހުމަތުގެ ހަގީގަތް ބައްލަވައި ގަވައިދުގެ ތެރެއިން އަޅުއްވަން ޖެހޭ އެންމެހާ ފިޔަވަޅެއް އަޅުއްވައިދެއްވުން އެދެން.

ހުސައިން ޝަހީމް/ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު

ތަފްސީލު - ސްލޫކީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ސެކްރެޓޭރިއޭޓުން ވަނީ ހުސައިން ފޮނުވި ސިޓީ އަޑު އިއްވާފަ އެވެ. އެ ސިޓީގައި ހުސައިން ވިދާޅުވީ، ނަޝީދު އޭނާއަށް ނިސްބަތްކުރައްވައި ބޮމުގެ ހަމަލާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ދޭހަވާ ގޮތަށް ދެއްކެވި ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން އޭނާގެ އިމްތިޔާޒަށް އުނިކަން އައިސްފައިވާ ކަމަށެވެ.

"އަޅުގަނޑު ނިސްބަވްތާ އެމްޑީޕީ އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ހާޒިރުގައި ރައީސް ނަޝީދު ކުރައްވާފައިވާ އަސާސެއް ނެތް ތުހުމަތުތަކަކީ، އަޅުގަނޑުގެ ހައްގުތަކާއި އަނބުރަށް އުނިކަން އަންނަ ތުހުމަތުތަަކަކަށް ވާތީ، މި މައްސަލައަކީ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ބައްލަވަން ޖެހޭ މައްސަލައެއް ކަމަށް ދެކެން،" މިދިޔަ ބުރާސްފަތި ދުވަހު ހުސައިން ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ. 

މިއަދު ބޭައްވި ސްލޫކީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީން ނިންމީ މައްސަލަ ބަލައިގަންނަން. (ފޮޓޯ/މަޖިލިސް)

ސިޓީގައި ހުސައިން ފާހަގަކުރެއްވި ބައެއް ވާހަކަތައް:

  • ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސަކަށް ހުންވައި ނަޝީދު އެ ދެއްކެވި ވާހަކަތަކަކީ އޭނާގެ ފުރާނައަށް ނުރައްކާވުމުގެ އިހްތިމާލު އޮތް ހައްސާސީ މައްސަލައެއް

  • ގާނޫނުއަސާސީގެ 90 ވަނަ މާއްދާއިން މެންބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ދަށުން، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ދައްކާ ވާހަކައަކުން ނުވަތަ ވޯޓު ދޭ ގޮތަކުން އެއްވެސް ކޯޓަކަށް ހާޒިރުކޮށް އަދި ތަހުގީގުކޮށްގެން ނުވާނެ ކަމަށް

  • ނަޝީދުގެ އެ ވަހާކަތަކީ، އެ އިމްތިޔާޒުން ބޭރުން، މަޖިލީހުގެ ހަތަރު ފާރުން ބޭރުގައި ދެއްކި ވާހަތަކެއް ކަމަށް

"މަޖިލީހުގެ ރައީސަށް ހުންނަވާ ބޭފުޅަކީ ގާނޫނުއަސާސީ އާއި ކަމާ ބެހޭ ގާނޫނުތަކުގެ ހުދޫދުގެ ތެރެއިން އަމަލުފުޅުތައް ބަހައްޓަވަން ޖެހޭ ބޭފުޅެއް... މި މައްސަލައަކީ ކަމާ ބެހޭ ކޮމިޓީން ތަހުގީގުކޮށް ބައްލަވައި އެކަމުގެ ހަގީގަތްތައް ރައްޔިތުންނަށް ވެސް ހާމަވާން ޖެހޭ ބާވަތުގެ މައްސަލައެއް،" އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ހުސައިން ވިދާޅުވި އެވެ.

2019ގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ނަޝީދާއި ހުސައިން: ހުސައިން އެދިވަޑައިގެންނެވީ ނަޝީދަށް ފިޔަވަޅު އަޅަން. (ފައިލް ފޮޓޯ/ ރާއްޖެ އެމްވީ)

ހުސައިން ވިދާޅުވީ "ސިޔާސީ މަގުސަދެއްގައި ކަމުގައިވީ ނަމަވެސް އަދި އެ ނޫން މަގްސަދެއް ހާސިލްކުރުމުގެ ނިޔަތުގައި ކަމުގައިވީ ނަމަވެސް" އެފަދަ ތުހުމަތުތަކެއް ނަޝީދު ކުރެއްވީ އޭނާއަށް ލިބޭނެ ގެއްލުމަކަށް ވެސް ބެލުމެއް ނެތި ކަމަށެވެ.

"މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު އެއްވެސް އަސާސެއް ނެތި އަޅުގަނޑުގެ މައްޗަށް ކުރައްވާފައިވާ ތުހުމަތުގެ ހަގީގަތް ބައްލަވައި ގަވައިދުގެ ތެރެއިން އަޅުއްވަން ޖެހޭ އެންމެހާ ފިޔަވަޅެއް އަޅުއްވައިދެއްވުން އެދެން،" ސިޓީގައި ހުސައިން ވިދާޅުވި އެވެ.

ކޮމިޓީގެ އިއްތިފާގުން ނިންމީ މި މައްސަލަ ބަލައިގަނެ، މި ކަމުގައި އިތުރަށް ކުރިއަށް ދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށެވެ.  އެގޮތަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމު ނަޝީދު އަބްދުﷲ އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ.

ކޮމިޓީން އެގޮތަށް ނިންމުމަށް ފަހު މިއަދުގެ ބައްދަލުވުން ނިންމާލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް