ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންސް އިން ތަރައްގީކޮށްފައިވާ އެއާޕޯޓް، ރައީސް ސޯލިހް އިއްޔެ ހުޅުވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)
މަޑިވަރު ޓިކެޓުގެ އަގު ހެޔޮކުރަން މަސައްކަތް ކޮށްދޭނަން: ރައީސް
އިއްޔެ ހުޅުވި ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އަގު ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރަމުން ދާއިރު، އެ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އަގުތައް ހެޔޮކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - ކުރެއްދޫ ހޯލްޑިންސް އިން ތަރައްގީކޮށް، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހިންގާ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން މާދަމާ ޝެޑިއުލް ދަތުރުތައް ފަށާނެ އެވެ. ދަތުރުތައް ފަށާއިރު އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަތުރުތަކުގެ އަގު ބޮޑުވުމެވެ. އެގޮތުން:
-
ދެކޮޅު ދަތުރުގެ އަގަކީ 2،057ރ.
-
އެއްކޮޅު ޓިކެޓެއް ވިއްކަނީ 1،017ރ.އަށް
ވީ ކިހިނެއް؟ - ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަރުފުޅެއްގެ ތެރެއިން މިއަދު އެ އަތޮޅު ނައިފަރަށް ވަޑައިގެން އެ ރަށުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަޑިވަރަށް ކުރާ ދަތުރުތަކުގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ.
"މި ހިސާބަށް އަންނަން 1،020ރ. ކޮޅަކަށް ހަރަދުކުރަން ޖެހުނީމާ އެ ބަލައިގަންނަން މި އަތޮޅުގެ ރައްޔިތުންނަށް ކުޑަކޮށް ދަތި. މިއަދު އަޅުގަނޑަށް މިތާ ހުރެ ވަކި ގޮތެއް އޭގައި ތިޔަ ބޭފުޅުންނާ ހިއްސާކޮށްލަން ދަތިވި ނަމަވެސް، އިރާދަކުރެއްވިއްޔާ އެ ކަމަށް ރަނގަޅު ހައްލެއް، ލަސްތަކެއް ނުވެ ގެނައުމުގެ މަސައްކަތް އަޅުގަނޑު ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ މަޑިވަރު އެއާޕޯޓާ އެކު އަތޮޅުގެ އިގްތިސޯދަށް ދިރުން އަންނާނެ ކަމަށެވެ.
އެނގުން މުހިއްމު - ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރި އެ އެއާޕޯޓަށް ދުވާލަކު ތިނެއް ނުވަތަ ހަތަރު ދަތުރު ކުރަން އައިއޭއެސް އިން ވަނީ ނިންމައިފަ އެވެ.
މަޑިވަރު އެއާޕޯޓު
-
ކުރެއްދޫ ހޯލްޑިންސްއާ އެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018ގައި؛ މަސައްކަތް ފެށީ ވެސް 2018ގެ ތެރޭގައި
-
ޅ. އަތޮޅުގައި އެންމެ ގިނަ ރިސޯޓު ހިންގަނީ އެއާޕޯޓް ތަރައްގީކުރި ކުރެއްދޫ ހޯލްޑިންސް/ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން
-
އެއާޕޯޓު މަޝްރޫއު ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް
-
އެއާޕޯޓުގެ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީން؛ އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ގިނަ މަސައްކަތްތައް ވެސް ކުރާ ކުންފުނި
-
1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޒަމާނީ ފެންވަރުގެ އިކުއިޕްމެންޓާ އެކު ޓާމިނަލެއް ތަރައްގީކޮށްފައިވޭ
-
މަޑިވަރު އެއާޕޯޓް ނިންމައި ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި
އިތުރަށް ކިޔާލަން -