100 ކިލޯ ޑްރަގް މައްސަލައިގައި ބަންދުކުރި 10 މީހުންގެ ތެރެއިން 8 މީހުން: އެ ނެޓްވޯކުގެ ބޮޑުން ކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުންގެ ވަނަވަރު ހާމަ ނުކުރާއިރު، މިހާރު ބަންދުގައި ތިބީ ފަސް މީހުން. (ފޮޓޯ/ ޕޮލިސް)
100 ކިލޯގެ ޑްރަގު މައްސަލައިގައި މިހާރު ބަންދުގައި ތިބީ 5 މީހުން
އދ. ބޮޑުކާށިހުރާ ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދި 100 ކިލޯގެ ޑްރަގު މައްސަލައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން އިތުރު ދެ މީހަކު ދޫކޮށްލައިފި އެވެ. އެއާ އެކު، މިހާރު އެ މައްސަލައިގައި ބަންދުގައިި ތިބީ ޖުމްލަ ފަސް މީހުންނެވެ.
އެނގުން މުހިންމު - ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 13ގައި ހިންގި އެ އޮޕަރޭޝަންގައި ފުރަތަމަ 10 މީހުން ހައްޔަރުކުރި އެވެ. ނަމަވެސް، އޭގެ ތެރެއިން އެ ނެޓްވޯކުގެ ބޮޑުން ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ކޯޓުން ދޫކޮށްލުމުން ފުލުހުން ވަނަވަރު ހާމަ ކުރީ ބަންދުގެ މުއްދަތު ޖެހި އަށް މީހުންނެވެ.
އޭގެ ފަހުން މިިދިޔަ އަންގާރަ ދުވަހު އިތުރު މީހަކު ވެސް ކޯޓުން ދޫކޮށްލި އެވެ.
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މިިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ބަންދު އަޑުއެހުމުގައި އިތުރު ދެ މީހަކު ވަނީ ދުކޮށްލާފަ އެވެ. އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ކަމަށް ބުނެ އެ ދުވަހު ބަންދުން ދޫކޮށްލީ:
-
އިބްރާހީމް ޒައިދު ހަބީބު (25އ): ގއ. ކޮލަމާފުށި، ސޯސަންގެ
-
އިބްރާހީމް ސިނާނު (24އ): ހދ. ކުމުންދޫ، ޑިއާފުރެންޑް
ބާކީ ތިބި ފަސް މީހުންގެ ބައްދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ. ތިން މީހެއްގެ ބަންދު ޖެހީ ބުރާސްފަތި ދުވަހުއެވެ. ދެ މީހަކަށް ބަންދުގެ މުއްދަތު އިތުރު ކުރީ، މިދިޔަ އާދިއްތަ ދުވަހުގެ އަޑުއެހުމުގަ އެވެ.
މި މައްސަލައިގައި މިހާރު ބަންދުގައި ތިބި މީހުން:
-
ޖުމާން މުސްއަފާ (19އ.): ނ. ވެލިދޫ، ބީޗްހެވެން
-
މުހައްމަދު އަހްމަދު (34އ): ލ. ކަލައިދޫ، ޖަނަވަރީމާގެ
-
މުހައްމަދު ހުސައިން (61އ): ދ. ބަނޑިދޫ، ޕޮލަރިސް
-
އެމްޑީ ރަފީގުލް އިސްލާމް (35އ): ބަންގްލަދޭޝް
-
ޑީއެމް މޮބިން (24އ): ބަންގްލަދޭޝް
ގުޅުންހުރި ކަމެއް - 100 ކިލޯގެ ޑްރަގުގެ އިތުރުން، އެހެން ފަޅު ރަށަކުން 215 ކިލޯގެ ޑްރަގު ފުލުހުން ވަނީ ހޯދާފަ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ތިބި ދެ މީހެއްގެ ބަންދަށް އިއްޔެ ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
އިތުރަށް ކިޔާލަން -